ނާދީ ހުރި ބިމުގައި ސުޕްރީމް ކޯޓު އަޅަން ނިންމައި، އެހެން ބިމެއް ޓާޓާ އަށް ދޭން ނިންމައިފި

ސަރުކާރު މުވައްޒަފުންގެ ނާދީ ހުރި ތަނުގައި ސުޕްރީމް ކޯޓު އަޅަން ނިންމައި، އެ ބިމުގެ ބަދަލުގައި މާލެއިން އެހެން ބިމެއް ޓާޓާ ހައުސިން އަށް ދޭން ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓްރީން މިއަދު ބުނެފި އެވެ.
ސްޓޭޓް މިނިސްޓަރު އަބްދުﷲ ޒިޔާދު ވިދާޅުވީ ޓާޓާ ހައުސިން އިން މަތީ ފެންވަރުގެ ކޮންޑޮމީނިއަމެއް ތަރައްގީކުރަން ނިންމާފައިވާ ބިމުގެ ބަދަލުގައި އެހެން ބިމެއް ދޭން ނިންމީ ސުޕްރީމް ކޯޓަށް ރަނގަޅު ފެންވަރުގެ ކޯޓު ބިލްޑިންގެއް ބޭނުންވާތީ ކަމަށެވެ.
"ސުޕްރީމް ކޯޓު މިހާރު ހިންގަނީ ރިޔާސީ ގަނޑުވަރެއްގައި. އެތަން ހަދާފައި ހުރީ ކޯޓެއްގެ ގޮތުގައި ބޭނުންކުރެވޭ ގޮތަކަށް ނޫން. އަދި ރައީސް މިހާރު ދިރިއުޅުއްވާ ގެކޮޅު ހުންނަ ތަނުގެ ގޮތުން ސެކިއުރިޓީ އަށް ވަރަށް ގިނަ ދަތިތަކެއް ކުރިމަތިވޭ. އެހެންވެ ރައީސް ވެސް ދިރިއުޅުއްވުމަށް ރަނގަޅު ފެންވަރުގެ އިމާރާތެއް ދޭން އެބަޖެހޭ. ތީމުގެ ރައީސް ދިރިއުޅުއްވުމަށް ބަދަލުކުރެވެން އޮތީ ސުޕްރީމް ކޯޓު އެހެން ތަނަކަށް ބަދަލުކުރެވިގެން،" އޭނާ ވިދާޅުވި އެވެ.
ޒިޔާދު ވިދާޅުވީ ނާދީގެ ބިމުގެ ބަދަލުގައި ސަރުކާރުން ބިމެއް ދޭއިރު، އެތަނަކީ ޓާޓާއިން ހަދާފައިވާ ފައިނޭންޝަލް ޕްލޭނާ އެއްގޮތަށް ކުރިޔަށް ދެވޭނެ ތަނެއްތޯ ބަލަމުންދާ ކަމަށެވެ.
ޓާޓާ ހައުސިން އަށް ނާދީގެ ބަދަލުގައި މާލެއިން ބިން ދޭ ސަރަހައްދެއް އޭނާ ވިދާޅެއްނުވެ އެވެ. ނަމަވެސް "ހަވީރަ"ށް އެނގިފައިވާ ގޮތުގައި އެ ކުންފުންޏަށް ދެނީ އެސްޓީއޯ އާ އިމާރާތާ އިންވެގެން އޮތް ހުސްބިމެވެ.
ޓާޓާ ހައުސިން އިން ވެސް ވަނީ އެ ކުންފުންޏަށް މާލެއިން ދިން ބިމެއް ބަދަލުކުރަން ސަރުކާރުން ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ. ނަމަވެސް އޭގެ ތަފުސީލެއް އެ ކުންފުނިން ހާމަކޮށްފައެއްނުވެ އެވެ.
ޓާޓާ ހައުސިން އިން "ލަ ގްރާންޑެ"ގެ ނަމުގައި ނާދީ ހުރި ތަނުގައި ތަރައްގީކުރުމަށް ހަމަޖެހިފައި ވަނީ މަތީ ފެންވަރު ފްލެޓްތަކެކެވެ. އެ ތަނުގައި ހަދާ 72 ފްލެޓް ހުންނަ ކޮންޑޮމީނިއަމްގެ އިތުރު ސްވިމިން ޕޫލަކާއި ޖިމްއަކާއި ބައެއް ކަހަލަ ކުޅިވަރު ކުޅޭ ތަންތަން ވެސް ހުންނާނެ ކަމަށް އެ ކުންފުނިން ކުރިން ބުނެފައިވެ އެވެ.
އެ ކުންފުނިން ސަރުކާރާއެކު އެއްބަސްވެފައި ވަނީ ތަރައްގީކުރާ ފްލެޓްތަކުގެ 20 ޕަސެންޓް ކޮންޓްރެކްޓަރު ބޭނުން އަގެއްގައި ވިއްކޭ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ