އަޅުގަނޑުގެ ސިޔާސަތަކީ ވަޒީފާ އިތުރުކުރުމެއް ނޫން، މުދާވެރިކަން އިތުރުކުރުން: އުމަރު

ރާއްޖޭގައި ވަޒީފާތައް އިތުރުކުރުމުގެ ބަދަލުގައި މުދާވެރިކަން އިތުރުކޮށް ޒުވާނުން އަމިއްލަ ފައިމައްޗަށް ތެދުވެވޭނެ އިންތިޒާމެއް ހަމަޖެއްސުމަކީ އޭނާގެ ސިޔާސަތެއް ކަމަށް ޕީޕީއެމްގެ ރިއާސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް ކެމްޕޭންކުރައްވަމުން އަންނަ އުމަރު ނަސީރު ރޭ ވިދާޅުވެއްޖެ އެވެ.
އާޓިފިޝަލް ބީޗުގައި ބޭއްވި އުމަރުގެ ކެމްޕޭން ޖަލްސާގައި، އުމަރު ވަނީ އޭނައާ އެކު ރިއާސީ ޕްރައިމަރީގައި ވާދަކުރައްވާ ޕީޕީއެމްގެ ޕާލިމެންޓްރީ ގްރޫޕްގެ ލީޑަރު އަބްދުﷲ ޔާމީން، ވަޒީފާތައް އުފައްދަވާނެ ކަމަށް ވިދާޅުވެފައިވާތީ އެކަމަށް ރައްދު ދެއްވައި ވާހަކަ ދައްކަވައިފަ އެވެ. ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖޭގައި 26،000 ވަޒީފާ އުފައްދާނެ ކަމަށް ޔާމީން ވަނީ ވިދާޅުވެފަ އެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ސަރުކާރަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތްކުރެއްވި އިލްޔާސް އިބްރާހީމް ބައިވެރިވެވަޑައިގެންނެވި ޖަލްސާގައި އުމަރު ވިދާޅުވީ، ޔާމީން ވިދާޅުވި ގޮތަށް 26،000 ވަޒީފާ އުފައްދައިފި ނަމަ އޭގެ ތެރެއިން 25،000 ވަޒީފާ ދާނީ ބިދޭސީންގެ އަތްމައްޗަށް ކަމަށެވެ. އެއީ، ގަވާއިދާ ހިލާފަށް ރާއްޖޭގައި ބައި ލައްކައެއްހާ ބިދޭސީން އުޅުމާއި އެ މީހުން އެ ވަޒީފާތައް ދިވެހިންނަށް ވުރެ އަގު ހެޔޮކޮށް އަދާކޮށްދޭން ޖެހިލުންނުވުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
"އެހެންވީމާ އަޅުގަނޑު ތިޔަ ބޭފުޅުންނަށް ދަންނަވަން އޮތީ އޭގެ އަނެއްކޮޅު. އަޅުގަނޑުމެން ވަޒީފާ އިތުރުކުރަންވީއެއް ނޫނޭ. އަޅުގަނޑުމެން ކްރިއޭޓްކުރަންވީ ވެލްތެއް. ވަޒީފާއެއް ނޫނޭ، އަޅުގަނޑުމެން އިތުރުކުރަންވީ މުދާވެރިކަން. އަޅުގަނޑުމެން އުފައްދަންވީ ވިޔަފާރިކުރުމުގެ ކަލްޗާއެއް،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި އުމުރުން 23 އަހަރުގައި، ރައްޓެއްސަކު ދިން 70،000ރ. ބޭނުންކޮށްގެން 15 އަހަރުގެ ތެރޭގައި އޭނާ ވަނީ މުދާވެރިކަން އިތުރުކޮށްފަ އެވެ. މިހާރު އޭނާގެ އަތުގައި ފަސް މިލިއަން ޑޮލަރުގެ އަގުހުރި މުދާ އެބަހުރި ކަމަށް ވެސް އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ އޭނާ ރިއާސީ ރޭހަށް ނުކުންނެވީ އެއްގޮތަކަށް ވެސް ވެރިކަމުގެ ދަހިވެތިކަމުގައި ނޫން ކަމަށާއި އޭނާގެ މަސައްކަތަކީ މި އަހަރުގެ އިންތިހާބު ޕީޕީއެމަށް ކާމިޔާބުކޮށްދިނުން ކަމަށެވެ. އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމާ ދެކޮޅަށް މަސައްކަތްކުރުމަކީ ވެސް އޭނާ ކުރިމަތިލެއްވި ބޭނުމެއް ކަމަށް އުމަރު ވިދާޅުވި އެވެ.
"އެ މަސައްކަތުގައި ޕީޕީއެމްގެ ރިއާސީ ޕްރައިމަރީގައި ވާދަކޮށްގެން ޓިކެޓް ނަގަން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނަން. އެ މަސައްކަތުގައި އެހެން ބޭފުޅަކަށް ޖާގަ ދޭން ޖެހިއްޖިއްޔާ އެކަން ވެސް ކުރާނަން. އަޅުގަނޑު ބޭނުމަކީ 2013 ޕީޕީއެމަށް ގެނެސްދިނުން،" އުމަރު ވިދާޅުވި އެވެ.
އުމަރު ވިދާޅުވި ގޮތުގައި އޭނަޔާ އެކު ޕީޕީއެމް މެމްބަރުން މިހާތަނަށް ކޮށްފައިވާ އެއްވެސް ދަތުރެއްގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހިފައެއް ނުވެ އެވެ. އެހެންކަމުން ރިއާސީ ޕްރައިމަރީގެ ދަތުރު ނިންމާލައްވާނީ ކާމިޔާބު ލިބިގެން ކަމާ މެދު ވަރަށް ބޮޑު ޔަގީންކަމެއް އެބައޮތް ކަމަށް އުމަރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮތް އެންމެ ބޮޑު މައްސަލަ އަކީ ބިދޭސީން ގިނަވުމުގެ މައްސަލަ އެވެ. ރާއްޖޭގައި 156،000 ބިދޭސީ މަސައްކަތްތެރިން އުޅޭއިރު ގިނަ މީހުންނަކީ ގަވާއިދާ ހިލާފަށް މަސައްކަތްކުރާ މީހުން ކަމަށް އުމަރު ވިދާޅުވި އެވެ.
"ބިދޭސީ މަސައްކަތްކުރަން ރާއްޖެ އަންނަ އަދަދު މިދަނީ އަހަރަކު 17 ޕަސެންޓް އިތުރުވަމުން. ކޮންމެ ދުވާލަކު ގާތްގަނޑަކަށް ދެ މިލިއަން ޑޮލަރު ރާއްޖެ އިން ބޭރަށް އެ މީހުން ފޮނުވަމުން ގެންދޭ. ދެހާސް ބާރަވަނަ އަހަރު 510 ބިލިއަން ޑޮލަރު ގާތްގަނޑަކަށް އެ މީހުންގެ ގައުމުތަކަށް އަނބިދަރިން ކައިރި އަށް، އަޅުގަނޑުމެންގެ އިގްތިސޯދުގެ ތެރެއިން ފޮނުވި. ދެހާސް ބާވީސް ވަނަ އަހަރު އަންނައިރު އިމިގްރޭޝަނުން އަންދާޒާކުރަނީ 2.3 ބިލިއަން ޑޮލަރު ރާއްޖޭގެ އިގްތިސާދުގެ ތެރެއިން ނެރެ އެ މީހުންގެ ގައުމުތަކަށް ފޮނުވާނެ ކަމަށް،" އުމަރު ވިދާޅުވި އެވެ.
މަސްތުވާތަކެތީގެ މައްސަލަ އާއި ވަޒީފާ ނެތުމުގެ މައްސަލަ އަކީ ވެސް ރާއްޖޭގައި ބޮޑު މައްސަލައެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ