އެމްބީސީން ރޭ ބޭއްވި ރިޔާސީ ކެންޑިޑޭޓުންގެ ބަހުސްގައި ރައީސް މުހައްމަދު ވަހިދާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަހުގެ ހަމަލާތައް ބަދަލުކުރައްވައި އެއް ބޭފުޅަކު އަނެއް ބޭފުޅެއްގެ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެ އެވެ.
މީގެ އިތުރުން ނަޝީދު ވަނީ ވަހީދު ފިޔަވައި ދެން ތިބި ކެންޑިޑޭޓުން ވެސް ހިމެނިވަޑައިގަންނަވާ ގޮތަށް އެ މަނިކުފާނުގެ ތިން ވާދަވެރިންނަށް ޖުމްލަ ގޮތެއްގައި ބަހުގެ ހަމަލާ ދެއްވައިފަ އެވެ.
ނަމަވެސް ޕީޕީއެމްގެ ކެންޑިޑޭޓް އަބްދުﷲ ޔާމީނާއި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ގާސިމް އިބްރާހީމް އެހެން އެއްވެސް ކެންޑިޑޭޓަކަށް ބަހުގެ ހަމަލާއެއް ނުވަތަ ރައްދެއް ނުދެއްވަ އެވެ.
ބަހުސްގައި ކުރި ސުވާލުތަކަށް ޖަވާބުދެއްވުމުގައި އެމްޑީޕީގެ ކެންޑިޑޭޓް ނަޝީދު ވަނީ އެ މަނިކުފާނުގެ އާއްމު އެހެން ވާހަކަފުޅުތަކެކޭ އެއްފަދައިން، ވަހީދުގެ ސަރުކާރަކީ "ބަޣާވާތުގެ" ސަރުކާރެއް ކަމަށް ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި އެ މަނިކުފާނު ފިޔަވައި ދެން ތިއްބެވި ތިން ކެންޑިޑޭޓުންނަކީ "ބަޣާވާތުގެ" ބައިވެރިން ކަމަށް ވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އެބަ ވިސްނޭ ދެން އަނެއްކާ ވެސް އަޅުގަނޑުމެންގެ ވާދަވެރިންގެ ގޮތުގައި މި ތިއްބެވީ ބާޣީންގެ ސަރުކާރުގެ ގޮތުގައި، ބަޣާވާތް ހިންގަވައިގެން ތިއްބެވި ބޭފުޅުންކަން،" ބަހުސްގައި ފަހުބަސް ވިދާޅުވުމަށް ލިބިވަޑައިގެންނެވި ފުރުސަތުގައި ނަޝީދު ވިދާޅުވި އެވެ.
ނަމަވެސް ކެންޑިޑޭޓެއްގެ ނަން ސީދާ ވިދާޅުވެ ނަޝީދު ފާޑުވިދާޅުވީ ހަމައެކަނި ވަހީދަށެވެ. އެއީ އެއް ފަހަރު އެވެ. އިގްތިސާދީ ހާލަތު ރަނގަޅުކުރުމާ ބެހޭގޮތުން ކުރި ސުވާލުގެ ޖަވާބުގައި ވަހީދު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި އެކަމަށް ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރައްވާފައިވާނެ ކަމަށާއި ދަރަނި ކުޑަކުރުމުގައި ކާމިޔާބު ހޯއްދަވާފައިވާނެ ކަމަށެވެ. ނަމަވެސް ނަޝީދު އެ ވާހަކަފުޅަށް ރައްދުދެއްވި އެވެ.
"ޑރ. ވަހީދު އެހެން ވިދާޅުވިއެއް ކަމަކު ބޭފުޅާ ބަޣާވާތުން ސަރުކާރު ބަދަލުކޮށްލި ފަހުން ހަމަ ހައްތާ އަޅުގަނޑުމެންގެ އިގްތިސާދަށް މިދަނީ ހީނަރުކަން ލިބެމުން،" އެ މަނިކުފާނު ވިދާޅުވި އެވެ.
ބޭރު ފައިސާގެ ދަތިކަން ހައްލުކުރުމާ ބެހޭގޮތުން ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ އެންމެ ބޮޑު އެއް މައްސަލައަކީ "ބަޣާވާތް ހިންގާފައި ވާތީވެ އަދި ބަޣާވާތަށް ފަހުގައި ބޭރުގެ އިންވެސްޓަރުންނަށް ވަރަށް ބޮޑަށް ގޯނާކޮށްފައި ވާތީވެ ރާއްޖެ އަށް ބޭރުގެ އިންވެސްޓަރުން އައުން މި ވަނީ ވަރަށް ބޮޑަށް މަޑުޖައްސާލާފައި" ކަމަށެވެ.
ނަމަވެސް ރައްދުގައި ރައީސް ވަހީދު ވިދާޅުވީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މި ވޭތުވެދިޔަ ދޮޅު އަހަރު ތެރޭގައި ވަރަށް ބޮޑެތި އިންވެސްޓްމެންޓްތައް ރާއްޖެ އަށް އައިސްފައިވާ ކަމަށާއި އެމެރިކާގެ ކުންފުނި ބްލެކް ސްޓޯންއަކީ އޭގެ މިސާލެއް ކަމަށެވެ.
"އެހެންވީމާ ރާއްޖެ އަށް އިންވެސްޓްމެންޓްތައް ނާންނާނޭ ބުނުމަކީ އެއީ އެއްގޮތަކަށް ވެސް ދެކޮޅު ޖެހޭ ވާހަކައެއް ނޫން،" ރައީސް ވަހީދު ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ފާޑުވިދާޅުވުން ދެން އަމާޒުކުރެއްވީ ނަޝީދުގެ ވެރިކަމުގައި ޖީއެމްއާރަށް އެއާޕޯޓް ކުއްޔަށް ދިނުމާއި ޑޮލަރުގެ އަގު ބޮޑުކުރުމުން ދިމާވި މައްސަލަތަކަށެވެ.
"ގަވާއިދާ ޚިލާފަށް ދިވެހިރާއްޖޭގެ ވައިގެ ބަނދަރު، އިންޓަނެޝަނަލް އެއާޕޯޓް ބޭރު ބަޔަކަށް ވިއްކާލީމާ ޑޮލަރަށް ވަރަށް ބޮޑަށް ދަތިކަން ލިބިގެންދިޔަ. އެހެން ނަމަވެސް މިހާރު އެވަނީ އެ ދަތިކަން ފިލުވާލާފައި،" ވަހީދު ވިދާޅުވި އެވެ. "މިހާރު އަޅުގަނޑުމެންގެ ކިޔަވާކުދިންނަށް އެ މީހުންގެ އެކައުންޓުން ޑޮލަރުކޮޅު ނުނެގިގެން އުޅޭކަށް ނުޖެހޭ. ޑޮލަރު މިހާރު އެބަ ލިބޭ އެ މީހުންނަށް."
ވަހީދު ނަޝީދަށް އެންމެ "ޒާތީ" ރައްދެއް ދެއްވީ އެ މަނިކުފާނުގެ ތިމާވެށީގެ މަސައްކަތްޕުޅު ދައްކުވައިދިން ޑޮކިއުމެންޓްރީ "ދި އައިލެންޑް ޕްރެޒިޑެންޓް" އަށް ނިސްބަތްކޮށެވެ. އެހެން ވިދާޅުވީ ކަރަންޓުގެ އަގު ހެޔޮކުރުމަށްޓަކައި އިއާދަކުރަނިވި ހަކަތަ އުފެއްދުމާ ބެހޭގޮތުން ވާހަކަފުޅުދައްކަވަމުންނެވެ.
"ބައެއް ބޭފުޅުން ތިމާވެށި ރައްކާތެރިކުރުމުގެ ނަމުގައި ފިލްމު ކުޅުއްވަމުން ގެންދެވި ތިން އަހަރު އެންމެ 11 މިލިއަން ޑޮލަރު ރެއިޒްކުރެވުނީ، އިއާދަކުރަނިވި ހަކަތަ އަށް. އަޅުގަނޑުމެން މިދިޔަ ދޮޅު އަހަރު ދުވަހުގެ ތެރޭގައި ދުއިސައްތަ މިލިއަން ޑޮލަރު ހޯދައިފިން،" ވަހީދު ވިދާޅުވި އެވެ.
މި ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ނަރުދަމާ އަޅާފައި އޮތީ އެންމެ 30 ރަށުގައި ކަމަށާއި މިހާރުގެ ސަރުކާރުން 44 ރަށުގައި ނަރުދަމާ އެޅުމުގެ މަސައްކަތް ކުރަމުން އެބަގެންދާ ކަމަށް ވަހީދު ވިދާޅުވުމުން ނަޝީދު ވަނީ އެކަން ދޮގުކުރައްވާފަ އެވެ. އަދި އެ މަނިކުފާނުގެ ތިން ވާދަވެރިންނަށް ވެސް ފާޑުވިދާޅުވި އެވެ.
"އަޅުގަނޑު އަޖާއިބުވޭ، ސަރުކާރުގައި ތިއްބެވި، މިހާރުގެ މި އިއްތިހާދު ކިޔައިގެން ތިއްބެވި ބޭފުޅުން، އެ ބޭފުޅުން މިވެނި ކަމެއް ކުރައްވާނަމޭ، ކުރައްވާނަމޭ ވިދާޅުވާތީ،" ނަޝީދު ވިދާޅުވި އެވެ. "ދެ އަހަރު ދުވަހުގެ ތެރޭގައި އެންމެ ނަރުދަމާއެއްގެ މަސައްކަތެއް ވެސް، ހަގީގަތުގައި ރާއްޖޭގެ އެއްވެސް ރަށެއްގައި ނުހިނގާ. އަޅުގަނޑުމެންގެ ތިން އަހަރު ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ 17 ރަށުގެ ނަރުދަމާގެ ނިޒާމް އޮންނާނީ ގާއިމްކުރެވިފައި."
އުމުރުން ދުވަސްވީ މީހުންނަށް އަޅާލުމަށް ގެންގުޅުއްވާނެ ސިޔާސަތާ ބެހޭގޮތުން ޕްރެޒެންޓަރު ހީނާ ވަލީދު ސުވާލުކުރުމުން ނަޝީދު ވިދާޅުވީ "ހީނާ ތި ސުވާލު އަޅުގަނޑުގެ ތިން ވާދަވެރިންގެ ގާތުގައި ތި އައްސަވަނީ އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒުކުރުމުގައި އެ ބޭފުޅުން އަމަލުކުރައްވާނީ ކޮން ގޮތަކަށްތޯ" ކަމަށެވެ. އަދި ހެލްތު އިންޝުއަރެންސް ސްކީމަށް މި ސަރުކާރުން ގެނައި ބަދަލަށް އިޝާރަތްކުރައްވައި "އާސަންދަ ބަޣާވާތަށް ފަހުގައި މިވަނީ ބައި ސަންދަ އަކަށް ވެފައި" ކަމަށް ނަޝީދު ވިދާޅުވި އެވެ.
އެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން ނަޝީދުގެ ފާޑުކިޔުން ދެން އަމާޒުކުރެއްވީ ރައްޔިތުންގެ މަޖިލީހަށެވެ. އެ މަނިކުފާނު ވިދާޅުވީ މުއްސަނދިންނާއި ފަގީރުންގެ ތަފާތު ކުޑަކުރުމަށް ބޭނުންވާ ޓެކްސްގެ ބިލްތައް މަޖިލީހުން ފާސްކުރަމުން ނުދާ ކަމަށެވެ.
"ދެން ހުރި ޓެކްސްގެ ބިލްތައް ވެސް ވަނީ އެ ތަނުގައި ހުރި މުގައްރިރުންގެ މޭޒުތަކުގައި ބަހައްޓަވާފައި،" މަޖިލީހުގެ އިގްތިސާދީ ކޮމިޓީގެ މުގައްރިރު ގާސިމަށް ނުސީދާކޮށް ފާޑުވިދާޅުވަމުން ނަޝީދު ވިދާޅުވި އެވެ. "އަޅުގަނޑުމެންނަށް އެނގިގެން މިދަނީ އިޖުތިމާއީ ރައްކާތެރިކަމަށް ހުރަސްއެޅެން އޮތް ހުރިހާ ކަމެއް އަޅުގަނޑުމެންގެ ވާދަވެރިން ކުރަމުންދާތީ އަޅުގަނޑުމެންނަށް ވޯޓު ދެނީ."
ވަހީދަށް ފުރުސަތު ލިބިވަޑައިގަތުމުން ފުރަތަމަ ވެސް ވިދާޅުވީ "ދުވަސްވީ މީހުންނަށް ދޭން ޖެހޭ އިހުތިރާމް ވެސް ކަނޑާލާ އަޅުގަނޑުމެންގެ މުޅި އިޖުތިމާއީ ފޭރާން މިހާރު މިއޮތީ ވީދާލާފައި" ކަމަށެވެ.
އަދި ބޮޑެތި ބަލިތަކުން ރައްކާތެރިކުރުމުގެ ގޮތުން އަޅުއްވާނެ ފިޔަވަޅުތަކާ ބެހޭގޮތުން ސުވާލުކުރުމުން ވަހީދު ވަނީ ނަޝީދުގެ ސަރުކާރުގެ ސިއްހަތު ސިޔާސަތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
"ވޭތުވެދިޔަ ދެތިން އަހަރެއް ދިޔައިރުގައި ހުރިހާ ރަށްރަށެއްގެ ލެބްތަކާ އެއްޗެހި މިހިރީ މަސައްކަތް ނުކުރާ ވަރަށް އިހުމާލުކުރެވިފައި. ހެލްތު ކޯޕަރޭޝަންތަކެއް ހަދައި ހަވާލުކޮށް، އަޅާލުމެއް ނެތި ހުރިހާ ހެލްތު ސެންޓަރުތައް މިހިރީ ވަރަށް ދަށު ދަރަޖައަކަށް ގޮސްފައި މިހާރު. އެ ކަންކަން ރަނގަޅުކުރެވޭތޯ ސަރުކާރުން އަޅުގަނޑުމެން މަސައްކަތްކުރަމުން މި ގެންދަނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.
އެ ވާހަކަފުޅަށް ރައްދު ދެއްވަމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ތިބި ވަރަށް ވެސް މި ވެރިކަމުގައި ޑޮކްޓަރުންގެ ޚިދުމަތް ނުލިބޭ ކަމަށެވެ. އަދި ލޯކަލް ކައުންސިލްތަކަށް އެ މަނިކުފާނުގެ ސަރުކާރުގައި ދީފައި އޮތް ބަޖެޓު މި ސަރުކާރުން ކުޑަކޮށްފައިވާ ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
"... ބޭފުޅުން ވިދާޅުވިއެއް ކަމަކު، އެ ރައްޔިތުންނަށް އެބަ އެނގޭ ރަށްރަށުގައި ވަމުންދާ ގޮތް. އަޅުގަނޑުމެންގެ ސަރުކާރުގައި ހޮސްޕިޓަލްތަކުގައި ހަތް ޑޮކްޓަރުން ތިބި ނަމަ މިއަދު ތިބީ ދެ ޑޮކްޓަރުން. އަންހެނުންގެ ޑޮކްޓަރެއް ނެތް ގިނަ ތަންތަން ރާއްޖޭގައި މިހާރު ގިނަ ރަށްރަށުގައި. އަދި ކުޑަކުދިންގެ ޑޮކްޓަރެއް ޚާއްސަކޮށް ވަރަށް މަދު ރަށްރަށެއްގައި ނޫނީ މި ވަގުތަކު ނެތް،" އެ މަނިކުފާނު ވިދާޅުވި އެވެ. "...ބަޣާވާތަށް ފަހުގައި މިވަނީ މުޅިން ހަމަ އެކީއެކައްޗަކަށް ހެން، ރަށު ކައުންސިލްތަކަށް ދީފައި އޮތް ބަޖެޓު ކަނޑާލެވިފައި. ޚާއްސަކޮށް ސިއްހަތުގެ ކަންކަމަށް ކައުންސިލްތަކަށް ދެވިފައިވާ ބަޖެޓް މިވަނީ ވަރަށް ބޮޑަށް ކުޑަކުރެވިފައި."
ކޮރަޕްޝަނާ ދެކޮޅަށް ގެންގުޅުއްވާނެ ސިޔާސަތާ ބެހޭގޮތުން ސުވާލު ދެންނެވުމުން ނަޝީދު ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގެ ދުވަސްވަރު ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އަށް ދަށު ދަރަޖައެއް ލިބުނީ ގެންގުޅުއްވި ހާމަކަން ބޮޑު ސިޔާސަތުގެ ސަބަބުން ކަމަށާއި ނަމަވެސް މި ސަރުކާރުގައި ކަންކަން ހިނގާ ގޮތް ނޭނގޭ ކަމަށެވެ.
"ބަޣާވާތަށް ފަހުގައި މިވަނީ ކޮރަޕްޝަންގެ އިންޑެކްސް ވެސް ނުނެރެވިފައި...ބަޣާވާތަށް ފަހުގައި އަޅުގަނޑުމެންނަށް މިދަނީ ބަޣާވާތުގެ ސަރުކާރުގެ ކަންތައްތައް ހިންގާފައިވާ ގޮތުގެ އޯޑިޓް ރިޕޯޓެއް ވެސް ނުލިބި،" ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެ މަނިކުފާނުގެ ވެރިކަމުގައި ކޮރަޕްޝަންގެ އަމަލުތައް ހިންގާފައިވާ ކަމަށް ދައްކާ ވާހަކަތަކުގެ ހަގީގަތް ތަހުގީގުތަކުން ސާފުވާނެ ކަމަށެވެ.
ތިން ބާރު ވަކިވެފައިވާ ނިޒާމެއްގައި އެއް ބާރު އަނެއް ބާރުގެ މައްޗަށް ނުފޫޒު ނުފޯރުވައި ވެރިކަން ހިންގާނެ ގޮތާ ބެހޭގޮތުން ސުވާލުކުރުމުން ނަޝީދު ވިދާޅުވީ "ޚާއްސަކޮށް ބަޣާވާތުގެ ޚިޔާލު އަޅުގަނޑުމެންގެ ތެރެއިން ފޮހެލަން އެބަޖެހޭ" ކަމަށެވެ. އެއާއެކު، މި ސަރުކާރުގައި ބައިވެރިވެފައިވާ ޕާޓީތަކަށް އެ މަނިކުފާނު ފާޑުވިދާޅުވި އެވެ.
"ރާއްޖޭގެ ރައްޔިތުންނަށް އެބައެނގޭ ސަރުކާރު ފޮތިފޮތިކޮށްލައި ބަހާލައިގެނެއް ނުހިންގޭނެ ކަން. އިއްތިހާދޭ ވިދާޅުވެ ބަޣާވާތުގެ އަހުލުވެރިން ފެއްޓެވި ސަރުކާރު މިއަދު ވެގެންދާ ގޮތް އަޅުގަނޑުމެންނަށް އެބަ ފެނޭ. އެ ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ދިމާއަށް ގޮވާ އެއްޗެތި މާ ހުތުރުވެފައި މާ ގިނަވެއްޖެ."
އަދުލު އިންސާފުގެ ދާއިރާ އިސްލާހުކުރުމާ ބެހޭގޮތުން ސުވާލުކުރުމުން ވަހީދު ވަނީ ނަޝީދުގެ ވެރިކަމުގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ހައްޔަރުކުރި މައްސަލަ ފާހަގަކުރައްވާފަ އެވެ.
"ދިވެހިރާއްޖޭގެ ތާރީޚުގައި ވެސް ނޭނގެ، މި ވޭތުވެދިޔަ ދޮޅު އަހަރު ނޫނީ ވިއްޔާ ވެރިއަކަށް ހުންނަ މީހަކު ފަނޑިޔާރު ގެއަށް އަތް ބާނައިގެން، ފަނޑިޔާރު ގޭގައި ތިބޭ މީހުން ވަކިކުރަން، ނޫނީ ހައްޔަރުކުރަން ނޫޅޭ )އުޅުނު( ދުވަހެއް އައިހެނެއް،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފަހުބަސް ވިދާޅުވަމުން ވަހީދު ދެއްކެވި ވާހަކަފުޅުގައި "އަޅުގަނޑުމެން ޚިޔާލު ތަފާތުވާ ކޮންމެ ފަހަރަކު ތަންތާނގައި ހުޅުޖަހައި ރޯކޮށް މީހުން މަރައިގެން ނުވާނެ. އެ އާދަކާދަ ބިނާވުމަކީ އެއީ ރާއްޖެ އަށް ލިބޭ ވަރަށް ބޮޑު ގެއްލުމެއް" ކަމަށް ވިދާޅުވި އެވެ. ނަޝީދު މަސައްކަތްކުރެއްވީ އެ މަނިކުފާނުގެ ސަރުކާރު ފިޔަވައި އެހެން އެއްވެސް ވެރިކަމެއްގައި ރައްޔިތުން ބޭނުންވާ ކަންކަން ފުރިހަމަކޮށް ނުދެވޭ ކަން ސާބިތުކޮށްދެވުމަށެވެ.
"...އަޅުގަނޑުމެންގެ ތިން ވާދަވެރިންނަކީ ވެސް މި ވަގުތު ސަރުކާރު ހިންގަވަމުން ގެންދަވާ ބޭފުޅުން. ރާއްޖޭގެ ރައްޔިތުންނަށް ވަނީ އަޅުގަނޑުމެންގެ ތިން އަހަރު ދުވަހު ކުރެވުނު މަސައްކަތްތަކާއި ދިގު ތިރީސް އަހަރު ދުވަހު ކުރެވުނު މަސައްކަތްތަކާއި އަދި ބަޣާވާތުގެ ދެ އަހަރު ވެސް ކުރެވުނު މަސައްކަތް ވަރަށް ބޮޑަށް ސާފުކޮށް އެނގިފައި،" އެ މަނިކުފާނު ވިދާޅުވި އެވެ.
ފެބްރުއަރީ 7 ގައި ވެރިކަން ބަދަލުވި ފަހުން ނަޝީދާއި ވަހީދު ފުރަތަމަ ފަހަރަށް ބައްދަލުވި އިރު ދެ ބޭފުޅުން ސަލާމެއް ނުކުރައްވަ އެވެ. އަނެއް ތިން ބޭފުޅުން އެއް ބޭފުޅަކު އަނެއް ބޭފުޅަކާ ސަލާމްކުރެއްވި އިރު ނަޝީދު ހަމައެކަނި ސަލާމްކުރެއްވީ ޔާމީނާ އެވެ.
ބަހުސް ނިމުމާ އެކު ނަޝީދު އެއްވެސް ބޭފުޅަކާ ސަލާމް ނުކުރައްވައި އަދި ފޮޓޯ ސެޝަނަށް ވެސް މަޑުނުކުރައްވައި ވަޑައިގަންނަވަން އުޅުއްވި އެވެ. އެކަމަކު ޓީވީއެމްގެ މުވައްޒަފަކު ގޮސް ދެންނެވުމުން އަނބުރާ ނަޝީދު ވަޑައިގެން، އެންމެ އަރިހުގައި ހުންނެވި ޔާމީނާ ސަލާމް ކުރެއްވި އެވެ. އަދި އެހެން ކެންޑިޑޭޓުންނާ އެކު ފޮޓޯ ނެންގެވި އެވެ.
ރިޔާސީ ބަހުސް: އަނެއް ތިން ކެންޑިޑޭޓުންނަށް ނަޝީދުގެ ބަހުގެ ހަމަލާތައް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ