ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ހައްޔަރުކުރި މައްސަލަ އިސްތިއުނާފްކުރުމުން، އެ މައްސަލަ ނުގަންނަން ކްރިމިނަލް ކޯޓުން ނިންމާފައިވާ ކަމަށް، ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ބުނެފިއެވެ.
ގާސިމްގެ ވަކީލުންގެ ޓީމުން ނެރުނު ބަޔާނެއްގައި ބުނީ، އެ މައްސަލަ އިސްތިއުނާފު ނުކުރެވޭނެ ކަމަށް ބުނެ، މައްސަލައިގެ ލިޔުންތައް ބަލައިގަންނަން ކްރިމިނަލް ކޯޓުގެ ކައުންޓަރުން ދެކޮޅު ހަދާފައިވާ ކަމަށެވެ.
މި މައްސަލަ ބަލައިގަންނަން އިންކާރު ކުރުމަކީ، އިންސާފު ހޯއްދެވުމަށް ގާސިމް ކުރާ މަސައްކަތަށް ހުރަސް އެޅޭ ކަމެއް ކަމަށާއި، އެކަމާ ގާސިމް ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށްވެސް، އެ ބަޔާނުގައި ބުނެފައިވެއެވެ.
ގާސިމް ހައްޔަރުކުރި މައްސަލައިގެ އިތުރުން، ގާސިމްގެ ބަންދުގެ މުއްދަތު އިތުރުކުރި މައްސަލަ ވެސް ވަނީ ކޯޓަށް ހުށަހަޅާފައެވެ. އެ މައްސަލައިގެ ލިޔުންތައް، ކޯޓުގެ ކަންޓަރުން ބަލައިގެންފައިވާ ކަމަށް، ގާސިމްގެ ގާނޫނީ ވަކީލުންގެ ޓީމުން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.
މިދިޔަ ބުރާސްފަތި ދުވަހުރޭގެ ވަގުތެއްގައި ކޯޓު އަމުރެއްގެ ދަށުން ގާސިމް ހައްޔަރުކުރީ ރިޝްވަތު ދިނުމާއި ގާނޫނީ ސަރުކާރު ބަދަލުކުރަން، ހިތްވަރު ދެމުންދާކަމުގެ ތުހުމަތުގައެވެ.
ގާސިމްގެ ބަންދަށް މިދިޔަ ހުކުރު ދުވަހު، ކްރިމިނަލް ކޯޓުން ވަނީ ހަ ދުވަސް ޖަހާދީފައެވެ.
ގާސިމް ހައްޔަރުކުރި މައްސަލަ އިސްތިއުނާފް ކުރުމުން ބަލައި ނުގަތް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ