ރިޔާސީ އިންތިހާބު އިތުރަށް ފަސްނުކުރުން މުހިންމު: އިނގިރޭސިވިލާތް
ރިޔާސީ އިންތިހާބު އިތުރަށް ފަސް ނުކުރުމަށް އިނގިރޭސިވިލާތުން ރާއްޖެ އަށް ގޮވާލައިފި އެވެ. އިންތިހާބުގެ ފުރަތަމަ ބުރު ސުޕްރީމް ކޯޓުން ބާތިލް ކުރުމާ ގުޅިގެން އެ ގައުމުގެ ފޮރިން ސެކްރެޓަރީ ވިލިއަމް ހޭގް މިއަދު ނެރުއްވި ބަޔާނުގައި ވިދާޅުވެފައި ވަނީ މި މަހު 19 ގައި އިންތިހާބު އަލުން ބާއްވާއިރު އެ އިންތިހާބަކީ ގާނޫނު އަސާސީގެ އުސޫލުތަކާއި ޑިމޮކްރަޓިކް ހަމަތަކުގެ މަތިން ދެ ފުށް ފެންނަ މިނިވަން އިންތިހާބަކަށް ހެދުމަށް ހުރިހާ ފަރާތްތަކުން ވެސް މަސައްކަތް ކުރުން މުހިންމު ކަމަށެވެ. އެ ބަޔާނުގައި ހޭގް ވިދާޅުވެފައިވާ ގޮތުގައި ގާނޫނު އަސާސީގެ ދަށުން ޑިމޮކްރަޓިކް އުސޫލުތަކާ އެއްގޮތަށް ރާއްޖޭގައި ކަންތައްތައް ހިނގަމުން ދިޔުން މި ވަގުތު މުހިންމެވެ. "އިންތިހާބު ދެން އިތުރަށް ލަސްނުކުރުމާއި އެ އިންތިހާބަކީ މިނިވަން، އިންސާފުވެރި އަދި ދެ ފުށްފެންނަ އިންތިހާބަކަށް ހެދުން މި ވަނީ މުހިންމު ވެފަ އެވެ. އިންތިހާބުގެ ކަންކަން އޮބްޒާވް ކުރުމަށް މިފަހަރު ވެސް ބޭރުގެ އޮބްޒާވަރުންނަށް ދައުވަތު ދިނުމަކީ ވެސް މުހިންމު ކަމެކެވެ،" ބަޔާނުގައިވެ އެވެ. ރިޔާސީ އިންތިހާބުގެ ކަންތައްތައް ނިމި ގާނޫނު އަސާސީގައިވާ ގޮތަށް ނޮވެމްބަރު 11 ގައި އާ ރައީސް އަކު ހުވާކުރުމަށް ފުރުސަތު ލިބޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އޭ ހޭގް ވަނީ ވިދާޅުވެފަ އެވެ. އަދި ހުރިހާ ރިޔާސީ ކެންޑިޑޭޓުން ވެސް ގާނޫނު އަސާސީ އާއި ޑޮމޮކްރަޓިކް އުސޫލުތަކަށް އިހުތިރާމް ކޮށް ރައްޔިތުންގެ ފައިދާ އާއި ގައުމުގެ ސުލްހަ މަސަލަސްކަމަށް އިސްކަން ދިނުމަށް އޭނާ ވަނީ ގޮވާލައްވައިފަ އެވެ. ރާއްޖޭގައި ހިނގަމުންދާ ހަމަނުޖެހުންތަކާއި މީހުން ހައްޔަރު ކުރުން ފަދަ ކަންތައްތަކާ މެދު އޭނާ ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އަދި އިންތިހާބުގެ އޮބްޒާވަރެއްގެ ގޮތުގައި ވެސް ހިމެނޭ ޓްރާންސްޕޭރަންސީ މޯލްޑިވްސް އުވާލުމަށް އިންޒާރުތަކެއް ދީފައިވާތީ އެކަމާ މެދު ވެސް ކަންބޮޑުވުން ފާޅު ކުރާ ކަމަށް ބަޔާނުގައިވެ އެވެ. އަދި މިދަނޑިވަޅުގައި އެއްވެސް ފަރާތަކުން އިންތިހާބަށް ހުރަސް އެޅޭނެ ފަދަ ފިޔަވަޅެއް ނޭޅުމަށް ވެސް ވަނީ ގޮވާލައިފަ އެވެ. އީޔޫ އިން ވެސް މިއަދު ގޮވާލާފައި ވަނީ ރާއްޖޭގައި މިނިވަން އަދި އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ހުރިހާ ފަރާތްތަކުން ވެސް އެއްބާރުލުން ދިނުމަށެވެ. އަދި މިހާރު އޮތް އިލެކްޝަންސް ކޮމިޝަނަށް އެންމެން ގަބޫލު ކުރާ ފަދަ އިންތިހާބެއް ބޭއްވިދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ