ސިޔާސީ ހަމަނުޖެހުން ނިމުމަކަށް އަންނާނީ އެމްޑީޕީގެ ހަރުކަށި އަމަލުތައް ހުއްޓާލައިގެން: މައުމޫން

ރާއްޖެ އަށް މިހާރު ކުރިމަތިވެފައިވާ ސިޔާސީ ހަލަބޮލިކަން ނިމުމަކަށް އަންނާނީ އެމްޑީޕީން ހިންގަމުންދާ ހަރުކަށި އަމަލުތައް ހުއްޓާލައިގެން ކަމަށް ނެޝެނަލް އިންކުއަރީ ކޮމިޝަނުގައި ދެންނެވި ކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
"އަޅުގަނޑު [ކޮމިޝަނުގައި] ދެންނެވިން އެންމެ ފުރަތަމަ އެމްޑީޕީން ހިންގާ ހަރުކަށި އަމަލު ހުއްޓާލަންވީއޭ. މަގުމައްޗަށް ނުކުމެ މީހުންނާ ދިމާކޮށް ފުލުހުންނާ ދިމާކޮށް، ހަމަލާދީ މީހުންނަށް ގެއްލުންދީ ތަކެއްޗަށް ގެއްލުންދީ ހަދަނީ މީ ވައެލެންސޭ. މި ވައެލެންސް ހުއްޓާލަންވީއޭ ފުރަތަމަ ކަމަށް. އޭގެ ފަހުން އަޅުގަނޑު ދެކޭ ގޮތުގައި ޕާޓީތަކުގެ ބައްދަލުވުން ބޭއްވިދާނެއޭ،" މައުމޫން ވިދާޅުވި އެވެ.
ވެރިކަން ބަދަލުވި ގޮތާ ގުޅޭ ގޮތުން މައުމޫން އަރިހުން ކޮމިޝަނުން ސާފުކުރަން ބޭނުންވި ކަންތައްތަކުގެ މައުލޫމާތު ދެއްވުމަށް ފަހު ވަޑައިގެން ޕީޕީއެމް އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި ވިދާޅުވީ "ޕާޓީތަކުގެ ބައްދަލުވުން ބޭއްވޭނީ އެމްޑީޕީގެ ހަމަނުޖެހުން ހުއްޓާލައިގެން ކަމަށް" ކޮމިޝަނުގައި ވިދާޅުވެފައިވާނެ ކަމަށެވެ. ހުރިހާ ވެސް މައްސަލައަކީ ކުރީގެ ރައީސް ނަޝީދު އަމިއްލަފުޅަށް އިސްތިއުފާ ދެއްވައި ދައުރު ވެސް ނިމުނީ ކަމަށް ފެބުރުއަރީ 7 ވަނަ ދުވަހު ގަބޫލުކުރެއްވުމަށް ފަހު، އެމްޑީޕީން އެގޮތް ގަބޫލުނުކުރުން ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
"އެ މީހުން ބޭނުންވަނީއޭ މިހާރު ވެސް މައްސަލަތަކެއް ޖައްސައިގެން ބޮޑު ހަމަނުޖެހުމަކަށް ގޮސް ފިތުނަތަކެއް އުފައްދައިގެން ރާއްޖޭގައި އަލުން ވެރިކަމަށް އަންނަން. ކީއްހޭވާނީ އެ މީހުން މަޑުން ތިބިއްޔާ ދެން އަންނަ އިންތިހާބު އޮންނާނެ. އިންތިހާބުގައި ވާދަކޮށްގެން މޮޅުވެއްޖިއްޔާ އެ މީހުންނަށް ލިބުނީތާއޭ ވެރިކަން،" ކޮމިޝަނުގައި ވިދާޅުވި ކަމަށް މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވި ގޮތުގައި އެމްޑީޕީން ހިންގާ ހަރަކާތްތައް ހުއްޓާލައި އެންމެން އިށީނދެ ކުރިއަށް ގެންދެވޭނެ ގޮތެއް ރާވާންވެފައިވާ ކަމަށް ވެސް އެމަނިކުފާނު ކޮމިޝަނުގައި ފާހަގަކުރެއްވި އެވެ. ގާނޫނު އަސާސީގައި ކަނޑައަޅާފައިވާ ގޮތަށް އަންނަ އަހަރު ނޫނީ އިންތިހާބެއް ބޭއްވުމަށް އެމަނިކުފާނު ނޭދޭ ކަމަށް ވެސް ކޮމިޝަނުގައި ވިދާޅުވި އެވެ.
"މި އަންނަ އަހަރު އޮންނަ އިންތިހާބު ގަވާއިދުން އައީމަ އެއަށް ދެން ކުރިމަތިލާ ބަޔަކު ކުރިމަތިލައިގެން ރައްޔިތުން ހޮވި މީހަކު ރައީސަކަށް ވީމާ އެކަން އެ އޮތީ ހަމަޖެހިފައޭ،" މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ