ކިބުރުވެރިވެގެން ކާމިޔާބީ ނުދެމެހެއްޓޭނެ: މައުމޫން

ނާކާމިޔާބީއަކީ ކާމިޔާބީގެ ސިއްރުކަމުގައިވާ ފަދައިން ނާކާމިޔާބީއަކީ ވެސް ކާމިޔާބީއެއްގެ ފެށުމަށް ވެދާނެ ކަމަށާއި ކާމިޔާބީގައި ކިބުރުވެރި ނުވުމަށް ރާއްޖޭގެ ކުރީގެ ރައީސް އަދި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ގޮވާލައްވައިފި އެވެ. ޕީޕީއެމް އުދެއްދިތާ ތިން އަހަރު ފުރުން ފާހަގަކުރުމަށް "ކާމިޔާބު 3"ގެ ނަމުގައި މިރޭ ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ ކާމިޔާބީތަކެއް ލިބުމުން ބޮޑާވެގެން ނުވާނެ ކަމަށެވެ. އަދި ކާމިޔާބީ ދެމެހެއްޓޭނީ އެ ކަމަށް ވިސްނައިގެން މަސައްކަތްކޮށްގެން ކަމަށް ވެސް ވިދާޅުވި އެވެ. "އެ ކުރެވޭ އިހުސާސް، އާދައިގެ ބަހުން ދަންނަވަނީ ނަމަށް އެ ހިތަށް ވަންނަ ފޮނިކަން، ކިބުރެވެރިކަން އެއީ ވަރަށް ދެރަ ކަމެއް. އެ ކަމަށް އަޅުގަނޑުމެން ސަމާލުވާންޖެހޭ. ކިތަންމެ ބޮޑު ކާމިޔާބީއެއް ލިބުނަސް އަޅުގަނޑުމެންގެ ސިކުނޑިއަކަށް އެ ކާމިޔާބީއެއް ކުޅެގެންނެއް ނުވާނެ. އަޅުގަނޑުމެން ދަންނަންޖެހޭނެ ކާމިޔާބާއި ނާކާމިޔާބީއަކީ ދުނިޔޭގައި ވާ ކަންތައްތައް ކަން. އަދި ކާމިޔާބީ ކުރިއަށް ގެންދެވޭނީ އަބަދު ވެސް ހިތްތިރިކޮށްގެން،" މައުމޫން ވިދާޅުވި އެވެ. ރައީސް އަބްދުﷲ ޔާމީނާއި ނައިބު ރައީސް މުހައްމަދު ޖަމީލުގެ އިތުރުން ގިނަ އަދަދެއްގެ މީހުން ބައިވެރިވި މި ޖަލްސާގައި މައުމޫން ވިދާޅުވީ ޕީޕީއެމް ވަރުގަދަ ޕާޓީއެއްގެ ގޮތުގައި ދެމެހެއްޓޭނީ އެ ޕާޓީން ޒަމާނުއްސުރެ ގަބޫލުކުރަމުން އައި އުސޫލްތަކާއި ހަމަތައް ހިފަހައްޓައިގެން ކަމަށެވެ. އަދި ޕީޕީއެމް ކާމިޔާބު ޕާޓީއަކަށްވީ އެ ޕާޓީގެ ފިކުރަކީ ރައްޔިތުންގެ ފިކުރުކަމަށްވެފައި އެ ފިކުރަކީ ރާއްޖޭގެ ރައްޔިތުން ކުރިއްސުރެ ގަބޫލުކުރަމުން އައި މަތިވެރި، މާތް، ހަރުދަނާ އުސޫލްތަކަކަށް ވުން ކަމަށް ވެސް ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކީ އިސްލާމް ދީނަށް ހުރަމަތްތެރިކޮށް ހިތާ. ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރަން މަސައްކަތްކުރާ، ރާއްޖޭގެ ދިމިގްރާތީ ނިޒާމު އިތުރަށް ހަރުދަނާކުރަން ބާރު އަޅާ، ކުރަންޖެހޭ ކޮންމެ ކަމެއް ކުރާ އަދި ދިވެހި ރައްޔިތުންގެ އިޖުތިމާއީ އިގްތިސާދީ ތަރައްގީ އަށް ބޭނުންވާ ހުރިހާ ކަމެއް ކުރަމުން ގެންދާ ޕާޓީއަކަށް ވާތީ،" މައުމޫން ވިދާޅުވި އެވެ. މައުމޫންގެ އިތުރުން މި ޖަލްސާގައި ދެން ވާހަކަފުޅު ދެއްކެވީ ރައީސް ޔާމީން އެކަންޏެވެ. ވެރިކަމަށް ހޯދުމުގައި ޖުމްހޫރީ ޕާޓީ އާއި އެމްޑީއޭ އަދި އަދާލަތު ޕާޓީން ވެދިން އެހީތެރިކަމަށް ޔާމީން ވަނީ މިރޭ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވައިފަ އެވެ.މިރޭގެ ޖަލްސާ ނިންމައިލީ ފަހުގެ ތާރީހެއްގައި ފެނުނު އެންމެ ކުލަގަދަ ބަޑިބޭހުގެ ކުޅިވަރާ އެކު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ