ނައިފަރު ދާއިރާގެ މެންބަރު ޔާމީނަށް ތާއީދު ކުރެއްވުމަށް ނިންމަވައިފި

ކުރިއަށް އޮތް ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބުދުﷲ ޔާމީނަށް ތާއީދު ކުރެއްވުމަށް ނައިފަރު ދާއިރާގެ މެންބަރު އަހުމަދު މުހައްމަދު ނިންމަވައިފިއެވެ.
އެކަން އިއުލާނުކޮށްފައިވަނީ ނަސަންދުރައިގައި ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އަހުމަދު މުހައްމަދު ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި ޕީޕީއެމަށް ތާއީދު ކުރަން ނިންމާފައިވަނީ އެމްޑީޕީގެ ކިބައިން ގައުމު ސަލާމަތް ކުރުމަށް ކަމަށް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑު ދެކޭ ގޮތުގައި އެމްޑީޕީގެ ފިކުރަކީ މިގައުމަށް އެހާ ރަނގަޅު ފިކުރެއް ނޫން. އެއީ އެމްޑީޕީގެ އިސްވެރިން ގައުމުގެ އެތެރޭގައި އަދި ބޭރު ގައުމުތަކުގައި ދައްކަވާ ވާހަކައާއި އަދި ކުރީގެ ރައީސްގެ އަމަލުތައް ހުންނަ ގޮތުންނާއި އެބޭފުޅާ އެކި އެކި ބައްދަލުވުން ތަކުގައި ދައްކަވާ ވާހަކަތަކާއި، މިކަންކަން މިގައުމަށް އެންމެ ރަނގަޅު ފިކުރެއްކަމަކަށް އަޅުގަނޑު ނުދެކެން،" އަހުމަދު މުހައްމަދު ވިދާޅުވިއެވެ.
އެމްޑީޕީގެ "ބިރަކާއި ނުލައި މަޖާކުރުން" ސިޔާސަތަކީ ޒުވާނުންގެ ހިތްތައް އިސްލާމްދީނާއި ދުރަށް ގެންދާނެ ސިޔާސަތެއް ކަމަށް ވިދާޅުވެ އެސިޔާސަތަށް އޭނާ ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެފައެވެ. އަދި ރައީސް ނަޝީދު ޑެންމާކަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުތަކަށް އަލިއަޅުވާލަމުން އޭނާ ވިދާޅުވީ އެވާހަކަތަކަކީ ދީނާއި ހިލާފު ވާހަކަތަކެއް ކަމަށެވެ.
"އަޅުގަނޑަށްވެސް ގަބޫލު ކުރެވޭ އެމްޑީޕީގަ ރަނގަޅު ހިޔާލުގެ ބޭފުޅުން އެބަ ތިއްބެވި. އެހެންނަމަވެސް އެބޭފުޅުން ތިއްބެވީ މާ ފަހަތުގަ. އެބޭފުޅުންނަކަށް އަދިއެއް ކުރިއަށް އަރައިގެން އަންނާނެ ފުރުސަތެއް ނުލިބޭ. އެމްޑީޕީގެ މުސްތަގުބަލު ވެސް ރަނގަޅުވުމަށް އަޅުގަނޑު އެދެން،" އޭނާ ވިދާޅުވިއެވެ.
ޑީއާރުޕީން އެމްޑީޕީއަށް ތާއީދު ކުރުމަށް ނިންމި ނިންމުމާއި އަހުމަދު މުހައްމަދު ދެކޮޅު ހައްދަވާފައިވާ އިރު، އިކޮނޮމިކް މިނިސްޓަރު އަހުމަދު މުހައްމަދު ވެސްވަނީ ޕީޕީއެމަށް ތާއީދު ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ