އަލީ ހާޝިމަށް ބަޖެޓް ހުށަނޭޅުއްވޭނެ ކަމަށް އިދިކޮޅު ލީޑަރު ވިދާޅުވެއްޖެ

ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާނީ އަލީ ހާޝިމު ކަމަށް ސަރުކާރުން ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވި ނަމަވެސް، އޭނާ އަށް މަޖިލީހަށް ބަޖެޓު ހުށަނޭޅުއްވޭނެ ކަމަށާއި އެގޮތަށް ކަންތައް ކުރައްވައިފި ނަމަ ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމުގައި އިދިކޮޅު ލީޑަރު އަހްމަދު ތަސްމީން އަލީ ވިދާޅުވެއްޖެ އެވެ.މަޖިލީހަށް ބަޖެޓު ހުށަހަޅުއްވަން އަލީ ހާޝިމް ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެ، އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން މަޖިލީހުގެ ތަޅުމުގައި މިއަދު އަޑުގަދަކުރައްވަމުން ގެންދަވަނިކޮށް ޑީއާރްޕީ އޮފީހުގައި ނޫސްވެރިންނާ ބައްދަލުކުރައްވައި މަޖިލީހުގެ ކެންދޫ ދާއިރާގެ ވެސް މެންބަރު ތަސްމީން ވިދާޅުވީ، ރުހުން ނުލިބޭ އެއްވެސް ވަޒީރަކަށް މަގާމުގައި ހުންނެވުމުގެ އެއްވެސް ޤާނޫނީ ހައިސިއްޔަތެއް ނޯންނާނެ ކަމަށާއި ޤާނޫނީ ގޮތުން އެ ބޭފުޅުންނަށް ވަޒީރުންގެ މަސްއޫލިއްޔަތު އަދާލުކުރެވޭނެ ކަމަކަށް ގަބޫލު ނުކުރައްވާ ކަމަށެވެ."މިހާރު ސަރުކާރުން އެއީ ފިނޭންސް މިނިސްޓަރު ކަމަށް ވިދާޅުވާ އަލީ ހާޝިމަކަށް މިހާރު ފިނޭންސް މިނިސްޓަރު ހައިސިއްޔަތެއް ނެތް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ. އެހެންވީމާ، މަޖިލީހަކަށް މިހާރަކު އެ މަނިކުފާނަކަށެއް ބަޖެޓު ހުށަހަޅުއްވާކަށެއް ވަޑައެއް ނުގެންނެވޭނެ. އެއީ ފިނޭންސް މިނިސްޓަރުކަމުގެ މަސްއޫލިއްޔަތެއް އުފުލާނެ އެއްވެސް ޤާނޫނީ ޖާގައެއް އެބޭފުޅާ އަކަށެއް ނެތް." ތަސްމީން ވިދާޅުވި އެވެ. ސަރުކާރުން ވިދާޅުވަމުންދާ ގޮތަށް ހާޝިމް މަޖިލީހަށް ވަޑައިގެން ބަޖެޓު ހުށަހަޅުއްވައިފި ނަމަ ބަޖެޓު ފާސްކުރާނީތޯ ނުވަތަ އެ ބަޖެޓް ގަބޫލުނުކުރާނީތޯ ދެންނެވުމުން ތަސްމީން ވިދާޅުވީ، އެކަން ވާނީ ޤާނޫނާ ޚިލާފް އަމަލަކަށް ކަމަށާއި ޤާނޫނާ ޚިލާފަށް އަމަލުކުރެއްވުމުން އަޅުއްވާނެ އެންމެ ރަނގަޅު ފިޔަވަޅެއް ނިންމާނީ ޕާޓީން މަޝްވަރާކުރުމަށް ފަހު ކަމަށެވެ. މަޖިލީހުގެ ރުހުން ލިބިފައިނުވާ އިރު އަދި އިދިކޮޅު ފަރާތްތަކުން ހުރަސް އަޅުއްވަމުން ގެންދަވަނިކޮށް މަޖިލީހަށް ބަޖެޓު ހުށަހަޅުއްވާނެ ކަމަށް، އަދި ބަޖެޓް ހުށަނާޅުއްވާނެ ކަމަކަށް ވެސް އަލީ ހާޝިމް އަދި ވިދާޅެއް ނުވެ އެވެ. ނަމަވެސް ސަރުކާރުން ވިދާޅުވެފައި ވަނީ ބަޖެޓް ހުށަހަޅުއްވާނީ އަލީ ހާޝިމު ކަމަށެވެ.ފިނޭންސް މިނިސްޓަރުގެ ސެކްރެޓަރީ މިއަދު ވިދާޅުވީ އަލީ ހާޝިމް އޮފީހަށް ވަޑައިގެންނެވި ކަމަށާއި އެވަގުތު އުޅުއްވަނީ އެކި ޖަލްސާތަކުގައި ވަރަށް ބުރަކޮށް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ