ކުޑަހުވަދޫގައި ވާނީ ރައްޔިތުންނަށް އެޅި ގެތަކަށް ކަރަންޓް ފޯރުކޮށްދޭން ފެނަކައާއި ހަވާލުކޮށްފި

ދ. ކުޑަހުވަދޫގައި ވާނީ ރައްތިތުންނަށް އަޅާފައިވާ 53 ގޭގެ ކަރަންޓާއި ނަރުދަމާ ގާއިމްކުރުމުގެ މަސައްކަތް ފެނަކަ ކޯޕަރެޝަނާ މިއަދު ހަވާލުކޮށްފި އެވެ.
މިއަދު މެންދުރު ހައުސިން މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި މި އެއްބަސްވުމުގައި ސޮއިކުރެއްވީ މިނިސްޓަ ޑރ. މުހައްމަދު މުއިއްޒުއާއި ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ.
ސޮއިކުރުމުގެ ރަސްމިއްޔާތަށްފަހު މުއިއްޒު ވިދާޅުވީ މި އެއްބަސްވުމުގެ ދަށުން ވާނީ ގެތަކުގެ ކަރަންޓާއި ނަރުދަމާގެ މަސައްކަތް 120 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ ކަމަށެވެ. އަދި ވާނީ މީހުނަށް އެ ގެތަކަށް ވަދެވޭނީ އެމަސައްކަތް ނިމުމުން ކަމަށާއި އެމަސައްކަތް ނިމެންވާއިރަށް ގެތަށް ގުރުއަތުލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ފެނަކަ ކޯޕަރޭޝަންގެ އެމްޑީ މުހައްމަދު ނިމާލް ވިދާޅުވީ120 ދުވަސްތެރޭގަިއ ނިންމަންޖެހޭ އެމަސައްކަތް 90 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.
ވާނީ މީހުންނަށް ކުޑަހުވަދޫގައި އަޅާފައިވާ ގެތަކުގައި ކަރަންޓާއި ނަރުދަމާ ގާއިމްކުރުމަށް 4.1 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.
ގާތްގަނޑަކަށް 300 މީހުންގެ އާބާދީ ހިމެނޭ ވާނީ ރައްޔިތުން ކުޑަހުވަދުއަށް ބަދަލުވީ އެ ރަށުގެ އާބާދީ މަދުކަމުން އެކަށީގެންވާ ހިދުމަތްތައް ލިބެން ނެތުމުންނެވެ. އަދި ސަރުކާރުން މިހާރު ވަނީ ވާނި އަކީ ފަޅު ރަށެއްގެ ގޮތުގައި ހަމަޖައްސާފައެވެ.
ކުޑަހުވަދޫގައި ވަޒަންވެރިވާ ވާނީ ރައްޔިތުންނަށް ކުޑަހުވަދޫގައި ދާއިމީ ބޯހިޔާވަހިކަމެއް ހަމަޖެހެންދެން ކޮންމެ އާއިލާއަކަށް ކޮންމެ މަހަކު 2،000ރ. ދޭ ގޮތަށް ވެސް ސަރުކާރުން ވަނީ ހަމަޖައްސާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ