ލިޔުނީ: ނަވާޒް
ޕިޕީއެމްގެ ޕުރައިމަރީ ބާއްވާނެ ދުވަހެއް ކަށަވަރު ނުވިޔަސް ކެންޑިޑޭޓުންގެ ކެންޕޭން ހަލުވިކަމާއެކު ދަނީ ކުރިޔަށެވެ. އުމަރު ނަސީރަކީ ޕުރައިމަރިގައި ވާދަކުރައްވާނެކަން ގާތްގަނޑަކަށް ޔަގިންވެފައިވާ ބޭފުޅެކެވެ. ކޮންމެ ބޭފުޅަކުވެސް އިންތިހާބަށް ކުރިމަތިލައްވާނީ ކާމިޔާބު ކުރެވޭނެ ކަމުގެ އުއްމީދު ތަކެއް ހުރީތީއެވެ.
އިންތިހާބުގެ ނަތީޖާނުލިބެނީސް ޔަގީންކަމާއެކު އެއްޗެއް ދެންނެވުމުކީ ކުރެވޭނެ ކަމެއްނޫނެވެ. ނަމަވެސް ކުރެވޭ ލަފާކުރުންތަކެއްގެ މައްޗަށް ބިނާކޮއް އެއްޗެއް ދެންނެވުމަކީ ކުރެވިދާނެކަމެކެވެ.
އުމަރު ނާސީރަށް ޕީޕީއެމްގެ ޕުރައިމަރީ ކަމީޔާބު ކުރުމަކީ ވަރަށް ބޮޑު ގޮންޖެހުމަކަށް ވާނެއެވެ. ޕީޕީއެމްގެ ކުރީސަފުގައި ތިއްބެވި "ބޮޑެތި" ބޭފުޅުންގެ ތާއިދެއް އުމަރަކަށް ނެތެވެ. ނަމަވެސް ހިތްހަމަ ޖައްސާލެވެން އޮތީ ޕީޕީއެމްގެ ނިމިގެންދިޔަ ކޮންގުރެސްގެ ނަތީޖާގެ ސަބަބުންނެވެ.ޕީޕީއެމްގެ އެތެރެއިން އިންތިހާބު ކާމިޔާބު ކުރާކަށް ކޮންމެހެން ގުރާސްރޫޓް މެންބަރުންގެ ތާއިދެއް ބެނުމެއްނުވެއެވެ.
ނިމިގެންދިޔަ ޕީޕީއެމްގެ ކޮންގުރެސްގައި ނައިބު ރައީސްކަމަށް ކުރިމަތިލެއްވި ފޮނަދޫ ދާއިރާގެ މެންބަރު އަބުދުއްރަހީމް އަބުދުއްﷲ (އަދުރޭ) އަށް ނާކާމިޔާބާ ކުރިމަތިލާން ޖެހުމީ މިކަމުގެ ހެއްކެކެވެ.
އަދުރޭ ކެންޕޭން ކުރެއްވެވީ މައުމޫނުގެ އާއިލާ ބޭފުޅުންގެ ފުރިހަމަ ތާއީދާއެކުއެވެ. ޔާމިނުގެ ފުރިހަމަ ތާއިދު އަދުރޭއަށް އޮތެވެ. ޕާޓީގެ ގުރާސްރޫޓް އެއްކޮއްއޮތީ އަދުރޭއަށެވެ. ނަމަވެސް އަދުރޭ ވާދަކުރެއްވެވި ގޮނޑި އުމަރުގެ ޓީމުން ކާމިޔާބު ކުރުމީ އުމަރަށް ލިބުނު ވަރަށް ބޮޑު ކާމިޔާބެކެވެ.
އެހެންކަމުން ޕީޕީއެމްގެ އެތެރޭގެ އިންތިހާބު ގޮންޖެހުންތަކެއް ހުއްޓަސް އުމަރު ކާމިޔާބު ކުރުމަކީ ވަރަށް އެކަށީގެންވާ ކަމެކެވެ. އުމަރުގެ ފަހަތްޕުޅުގައި ޕާޓީގެ އެކްޓިވިސްޓުންނާއި ގިނައަދަދެއްގެ އާންމު މެންބަރުން އެބަ ތިއްބެވިއެވެ. ޔާމިނު އަބުދުލްގައްޔޫމަށްވުރެ އާންމު މެންބަރުންނާއި އުމަރުގެ ގުޅުން ރަނގަޅެވެ. މިއީ އުމަރަށް ލިބިވަޑައިގެންފައިވާ ޕުލަސް ޕޮއިންޓެކެވެ.
ޕީޕީއެމްގެ ރިއާސީ ޓިކެޓު އަދި ލިބުމަކީ ގައުމުގެ ވެރިކަން ލިބުމެއްނޫނެވެ. ރައީސްކަން ހޯއްދަވަން އަދި އެތައްގުނަ ގިނަ މަސައްކަތްތަކެއް ކުރައްވަން ޖެހިވަޑައިގަންނަވާނެއެވެ. އުމަރަށް ވޯޓު ދިނުމަށް ރައްޔިތުން ޖެހިލުންވާ އެއްސަބަބަކީ އުމަރު ގެންގުޅުއްވަވާ ހަރުކަށި ސިޔާސަތެވެ. އުމަރުގެ ވެރިކަމެއްގައި އުމަރު ނުރުއްސަވާ ކަމެއްކޮއްފި ގައުމަކާއި ހާރިޖީ ގުޅުން ކަނޑާލާކަށް އުމަރު ޖެހިލުންވެ ވަޑައެއްނުގަންނަވާނެއެވެ. އުމަރު ނުރުއްސަވާ އިންވެސްޓުމަންޓެއް އެދުވަހަކުން މިގައުމަކު ނޯންނާނެއެވެ.
ގައުމަށް ފައިދާހުރި ގޮތްތަކަށް ބެއްލެވުމަށްވުރެ ބޮޑަށް އުމަރު ބައްލަވާނީ އުމަރުގެ "މިލިޓަރީ" ސިޔާސަތު ތަންފީޒު ކުރާށެވެ.
ދިވެހި ގައުމަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް ބައިނަލްއަގުވާމީ ގައުމުތަކާއި ޖަމާއަތް ތަކުން ޖަހާހައި ބެރަކަށް ނަށާކަށް ދިވެހިން ނުޖެހޭނެއެވެ.
ނަމަވެސް އޭގެ މާނަޔަކީ ބައިނަލްއަގުވާމީ ގައުމުތަކުގެ ކުރިމަތީގައި ހަރުކަށިކަމާއި ވަރުގަދަކަން ދެއްކުމަށް ދިވެހި ސަރުކާރު ނިކުންނަން ވާނެއެކޭ ނޫނެވެ. ދިވެހި ސަރުކާރުގެ ހާރިޖީ ސިޔާސަތު ވާންވާނީ ވަކިފަރާތަކަށް ނުޖެހޭ ހާރިޖީ ސިޔާސަތަކަށެވެ. ނަމަވެސް އުމަރުގެ ވެރިކަމެއްގައި ހާރިޖީ ސިޔާސަތު އޮންނާނީ މިދެންނެވި ގޮތަށޭ ދަންނަވަން އުނދަގުލެވެ.
ގައުމުގެ އެތެރޭގެ ސިޔާސަތުވެސް އުމަރުގެ ވެރިކަމެއްގައި ހަރުކަށިވެގެން ހިނގައިދާނެ ކަމުގެ ބިރު އެބައޮތެވެ. ކޮންމެ ކުށެއްގެ އަދަބެއްގެ ގޮތުގައި މަރު ހިމަނާފާނެ ކަމުގެ ކަންބޮޑުވުން ތަކެއް އެބަހުއްޓެވެ. އަޅުގަނޑު އެއްވެސް ހާލެއްގައި އިސްލާމީ ޝަރީއަތް ތަންފީޒު ކުރުމާއި ދެކޮޅުހަދަނީކީ ނޫނެވެ. މަސްތުވާތަކެތި ވިއްކާމީހުންނާއި ބޯމީހުންވެސް އަދި މިފަދަ އެހެން ބައެއް ކުއްތަކުގެ އަދަބެއްގެ ހޮތުންވެސް ކުއްވެރިޔާ މަރަން އުމަރު ވަނީ ހިޔާލު ފާޅުކުރައްވަވާފައެވެ.
މިއީ ބައެއް ރައްޔިތުން އެކަމާމެދު ކަންބޮޑުވުން ފާޅުކުރައްވަވާ ކަމެކެވެ.
އުމަރުގެ ވެރިކަމެއްގައި އުމަރު ގެންގުޅުއްވާނެ ސިޔާސަތު ތަކުގެ މާބޮޑު ތަފުސީލެއް އުމަރު ރައްޔިތުންނަށް ނުދެއްވުމީވެސް އުމަރަށް ވޯޓްދޭން އުނދަގޫވާނެ ސަބަބެކެވެ. އުމަރުގެ ވެރިކަމެއްގައި އިގުތިޞާދީ ސިޔާސަތު ބައްޓަންވެގެން ދާނެ ގޮތާއި ތައުލީމީ ނިޒާމަށް ގެންނާނެ ބަދަލާއި ސިއްހީ ދާއިރާ ތަރައްގީ ކުރައްވަވަން ކުރައްވަވާނެ ކަންތައްތަކުގެ ތަފުސީލު ދެއްވަވައިގެން އިންތިހާބަށް ނިކުންނަވާނަމަ ޕީޕީއެމްގެ ޕުރައިމަރީވެސް އަދި ރިއާސީ އިންތިހާބުވެސް އުމަރު ކާމިޔާބު ކުރައްވަވާފާނެއެވެ.
ނަމަވެސް އުމަރަށް ޓީވީ ޝޯއަކުން ނުވަތަ ޖަލްސާއަކުން ސަޕޯޓަރުންނާއި މުޙާތަބުކޮއް އެއްޗެއް ބުނުމުގެ ފުރުސަތު ލިބުނަސް އުމަރު އެފުރުސަތުގެ ބޭނުން ކުރައްވަވަނީ އުމަރު މައުމޫނަށް ކުރާ ތާއިދު ހާމަކޮއްދެއްވާށެވެ. އުމަރަކީ ހަގީގަތުގައި ވެސް މައުމޫނުގެ ސިޔާސަތަށް "މިހާރު" ތާއިދު ކުރާ ބޭފުޅެއްކަން ދެއްކެވުމަށް އުމަރު ލައްކަ މަސައްކަތް އެބަ ކުރައްވަވައެވެ.
އެކަމަކު އުމަރުވެސް ގަބޫލުކުރަންޖެހޭނެ ހަގީގަތަކީ ހަމައެކަނި މައުމޫނުގެ މައްޗަށް އުމަރުވާ ހަމްދަރުދީއެއްގެ ބަދަލެއްގެ ގޮތުން ރައްޔިތުން އުމަރު ގައުމުގެ ރައީސްކަމަކަށް ނުގެންނާނެއެވެ. ގައުމަށް ދިމާވެފައިވާ މައްސަލަތަކުގެ ހައްލަކީ އުމަރުކަން ރައްޔިތުން ގަބޫލު ކުރާނީ އެފަދަ ސިޔާސަތުތަކެއް ފުރަތަމަ އުމަރު ރައްޔިތުންނަށް ހާމަކޮއްދެއްވަވައިގެންނެވެ.
އުމަރަށް ދެވޭ ވޯޓް ބިނާވާނީކީ އުމަރު ގެންގުޅުއްވަވާ މައުމޫނުގެ ފޮޓޯފުޅުގެ ސައިޒަކަށް ނޫނެވެ.
ހައްލަކީ އުމަރުކަން ރައްޔިތުން ގަބޫލުކޮއްފާނެތަ؟
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ