ރާއްޖެއިން ތެޔޮ ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށް ގާސިމް ވިދާޅުވެއްޖެ

ރާއްޖެ އިން ތެޔޮ ހޯދުމަށް މަސައްކަތްކުރައްވާނެ ކަމަށާއި ވެރިކަން ލިބިވަޑައިގެންފި ނަމަ ފުރަތަމަ ކަމެއްގެ ގޮތުގައި ކުރައްވާނެ ކަމަކީ ތެޔޮ ފެނޭތޯ ބެއްލެވުން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ގާސިމް އިބްރާހިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވިލާ އެއަރއަށް އަލަށް ގެންނަ ބޯޓު ގެނައުމުގެ ކަންކަން ހަމަޖައްސަވަން ފްރާންސްއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު ރަސްމީ ފާލަން ކައިރީ ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން ގާސިމް އިބްރާހިމް ވިދާޅުވީ ރާއްޖެ އިން ތެޔޮ ފެނޭތޯ ބެލުމަކީ، ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރުން މިހާރު ކުރެވިދާނެ ކަމެއް ކަމަށެވެ. އެކަމަކު މީގެ 80 އަހަރު ކުރިން ތެޔޮ ހޯދަން ގެންގުޅުނު ވިސްނުމަށް އެކަން ނުކުރެވޭނެ ކަމަށް ގާސިމް ވިދާޅުވި އެވެ.
ގާސިމް މިއަދު ވިދާޅުވީ ރާއްޖެއިން ތެޔޮ ހޯދުމަކީ ކުރެވިދާނެ ކަމެއް ކަމަށާއި އެ ނިއުމަތުން މަހްރޫމް ވުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށެވެ.
"އެކަން ބަލައިގެން ހަމަ ތަކުގެ މަތީން ކުރުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ކުރަން ޖެހޭނެ ކަމެއް އަޅުގަނޑު ހަމަ ގައިމު ވެސް ވެރިކަން ލިބިއްޖެއްޔާ އެންމެ ފުރަތަމަ ވެސް ކުރާނީ އެކަން،" ގާސިމް ވިދާޅުވި އެވެ.
"މިދިޔަ [ 2008 ވަނަ ] އަހަރުވެސް އަޅުގަނޑުމެން ވެސް އޮންނާނެ މަސައްކަތްކޮށްގެން ތެޔޮ ނެގުމުގެ ވާހަކަ. ސަރުކާރު ތެރެއަށް އެންމެ ފުރަތަމަ އެ ވާހަކަ ގެނައީ ވެސް އަޅުގަނޑު. 2008 އަހަރު ކެމްޕޭން ތެރޭ އެ ވާހަކަ ދެއްކިން،" ގާސިމް ވިދާޅުވި އެވެ.
ޤާސިމް އިބްރާހީމް މިއަދު ވިދާޅުވީ މާމިގިލީ އެއަރޕޯޓް އިންޓަރނޭޝަނަލް ކުރުމުގެ ހުއްދަ ދެއްވަން ސަރުކާރުން ވިސްނަވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު ވަހީދު ހަސަން އިއްޔެ ވިދާޅުވި ކަމަށްޓަކައި އެމަނިކުފާނަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވަވާ ކަމަށެވެ.
ގާސިމް ވެސް ވިދާޅުވީ އަމިއްލަ ފަރާތްތަކުންކުރާ އިންވެސްޓްމަންޓްތަކަށް އިތުރު ކުރިއެރުން ހޯއްދަވައިދެއްވުމުގެ ވިސްނުންފުޅު ރައީސް ގެންގުޅުއްވުމަކީ އެކަމުގެ ފައިދާ މުޅި ޤައުމަށްވެސް ކުރާނެ ކަމެއް ކަމަށެވެ.
ޤާސިމް އިބްރާހީމް ވިދާޅުވީ ހަނިމާދޫ އެއަރޕޯޓް ފަދައިން މާމިގިޅީ އެއަރޕޯޓަށްވެސް ޕްރައިވެޓް ޖެޓް ޖެއްސޭނެ އިންތިޒާމު ހަމަޖެހިއްޖެނަމަ އެކަމުގެ ފައިދާ ސަރަހައްދުގެ ހުރިހައި ރިޒޯޓުތަކަށްވެސް ކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ