ޕާކިސްތާނުގެ ބޮޑުވަޒީރު ހައްޔަރުކުރަން ސުޕްރީމް ކޯޓުން އަމުރު ނެރެފި

ޕާކިސްތާނުގެ ބޮޑު ވަޒީރު ރަޖާ ޕަރުވޭޒް އަޝްރަފް އާއި އިތުރު 15 ބޭފުޅަކު ހައްޔަރުކުރަން ޕާކިސްތާނުގެ ސްޕްރީމްކޯޓުން އަމުރުކޮށްފިއެވެ.
ސުޕްރީމް ކޯޓުން މިގޮތަށް އަމުރުކޮށްފައިވަނީ، ޕާކިސްތާނުގެ ސަރުކާރާ ދެކޮޅަށް މިހާރު އެ ޤައުމުގައި ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެނެވެ.  އަދި ކޮރަޕްޝަނުގެ މައްސަލައިގައި މިއަމުރު ނެރުނު އިރު  ބޮޑުވަޒީރު އަޝްރަފް ކުރިން ހުންނެވި ފެނާއި ކަރަންޓާއި ބެހޭ ވުޒާރާއިން، ޕާކިސްތާނުގެ ކަރަންޓު އުފެއްދުމުގެ މަޝްރޫޢަކަށް ހުއްދަ ދިނުމުގައި ރިޝްވަތު ހިއްޕެވި ކަމަށް ތުހުމަތު ކޮށްފައިވީ ނަމަވެސް އެމަނިކުފާނު އެކަން ދޮގުކުރައްވައެވެ.
ޕާކިސްތާނުގެ ދީނީ ޢިލްމުވެރިއެއް ކަމަށްވާ ޠާހިރުލް ގަދުރީ އިސްވެ ހުންނަވައިގެން ކުރިއަށްގެންދާ މި މުޒާހަރާގައި ބައިވެރިން ދަނީ އާންމު އިންތިޚާބުގެ ކުރިން ސަރުކާރު އުވާލާ ސަރުކާރަށް ހިޔާނަތްތެރިވެފައިވާ އިސްވެރިން އިސްލާހު ކުރަން ގޮވާލަމުންނެވެ.
ކޯޓުން ނެރުނު މިއަމުރުގެ ޚަބަރު ދިނުމާއެކު މުޒާހަރާގެ ބައިވެރިން ކެކިއަރައިގެން ގޮސް އުފާފާޅުކުރި މަންޒަރު މީޑިއާއިން ދައްކާފައިވެއެވެ.
ރަޖާ ޕަރުވޭޒް އަޝަރްފަކީ ޕާކިސްތާނުގެ ބޮޑު ވަޒީރުކަމުގެ މަޤާމުން މިދިޔަ އަހަރުގެ ޖޫންމަހު ދުރުކުރެއްވި ޔޫސުފް ރަޒާ ގިލާނީ އަށްފަހު އައްޔަނު ކުރެވުނު ބޮޑު ވަޒީރެވެ.
ސުޕްރީމް ކޯޓުގެ މި އަމުރުގެ ސަބަބުން ޕާކިސްތާނުގެ ސިޔާސީ މަޝްރަހު އިތުރަށް ގޯސްވެގެންދާނެ ކަމަށް ލަފާ ކުރެވެ އެވެ. އަދި އެ ގައުމުގެ ސިޔާސީ މަޝްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރާ ގޮތުގައި ސުޕްރީމް ކޯޓުގެ އެ ނިންމުމުގެ ސަބަބުން ޕާކިސްތާނުގެ މިހާރުގެ ސަރުކާރު ވެއްޓުމަކީ ދުރުކަމެއް ނޫނެވެ.
ފަހަކަށް އައިސް ޕާކިސްތާނުގެ ސަރުކާރާއި، ފަނޑިޔާރުގެއާއި ސިފައިންގެ މެދުގައި ވަނީ ސިޔާސީ ކޯޅުންގަނޑު ވަރަށް ބޮޑުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ