އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުސެއިން ރަޝީދު އަހުމަދު ހަމަޖައްސަވައިފި

އިސްލާމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޝޭހު މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު އިސްތިއުފާ ދެއްވުމާ ގުޅިގެން އެ މަގާމަށް އަދާލަތު ޕާޓީގެ ރައީސް ޝޭހު ހުސެއިން ރަޝީދު އަހުމަދު ރައީސް މުހައްމަދު ނަޝީދު މިއަދު އައްޔަން ކުރައްވައިފި އެވެ.
ޝޭހު ހުސެއިން މިހާތަނަށް ހުންނެވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ކަމުގެ މަގާމުގަ އެވެ.
ސަރުކާރުން ގެންގުޅޭ ދީނީ ބައެއް ސިޔާސަތުތަކަށް ޝޭހު ޝަހީމް ވަރަށް ބޮޑަށް ފާޑު ވިދާޅުވަމުން ގެންދެވި ނަމަވެސް ޝޭހު ހުސެއިން މިހާތަނަށް ފެނިފައިވަނީ އެފަދަ ކަންތައްތަކުގައި ވަރަށް ހިމޭނުން ހުންނަވާ ބޭފުޅެއްގެ ގޮތުގަ އެވެ.
އިސްލާމިކް އެފެއާޒްގެ ސްޓޭޓް މިނިސްޓަރުކަމުން ޝަހީމް އިސްތިއުފާ ދެއްވި ސަބަބެއް މިހާތަނަށް ހާމައެއް ނުކުރައްވަ އެވެ. އެހެން ނަމަވެސް "ހަވީރަ" ށް އެނގިފައިވާ ގޮތުގައި އަރަބިއްޔާގެ ބެލެނިވެރިންގެ ބަޔަކު ބުރާސްފަތި ދުވަހު ރައީސް ނަޝީދާ ބައްދަލުކުރަން ރައީސް އޮފީސް ދޮށަށް އެއްވުމާ ގުޅިގެން ޝަހީމް ހޯމް މިނިސްޓްރީ އަށް ހާޒިރުކޮށް، އެއީ ޝަހީމް ރާވައިގެން ކުރި ކަމެއް ކަމަށް ސަރުކާރުން ވަނީ ތުހުމަތުކޮށްފަ އެވެ. އަދި އޭނާ އިސްތިއުފާ ދެއްވީ އެކަމާ ގުޅިގެން ކަމަށް އެނގިފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ