ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދާނެ މުއްދަތަކާއި ތާވަލެއް އެކުލަވާލުމާ ބެހޭ މަޝްވަރާތައް ކޮށްފި

ރާއްޖޭގެ ސިޔާސީ މަސްރަހު ފިނިކުރުމަށްޓަކައި ފަށާފައިވާ ސުލްހައިގެ ވާހަކަތައް ކުރިއަށް ގެންދާނެ މުއްދަތަކާއި އެކަން ކުރިއަށްދާނެ ގޮތުގެ ތާވަލެއް އެކުލަވާލުމާ ބެހޭ މަޝްވަރާތަކެއް މިއަދު ކޮށްފި އެވެ.
ސަރުކާރު ނުވަތަ އެމްޑީޕީ އާއި އިދިކޮޅު އިއްތިހާދުގައި ހިމެނޭ ޑީއާރުޕީ އާއި ޕީއޭ އާއި ގައުމީ ޕާޓީ އަދި ޖުމްހޫރީ ޕާޓީއާ ދެމެދު މިދިޔަ ބުރާސްފަތި ދުވަހު ފެށި ސުލްހައިގެ ވާހަކަތަކުގެ ދެވަނަ ބުރު މިއަދު ހެނދުނު ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވުމަށް ފަހު ނެރުނު ގުޅިފައިވާ ބަޔާނުގައި ބުނެފައި ވަނީ ވާހަކަތަކުގެ އިދާރީ ކަންތައްތަކާ ބެހޭ ގޮތުން ވެސް މިއަދު މަޝްވަރާކޮށްފައިވާ ކަމަށެވެ. ދެ ފަރާތުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި އިތުރު އެހެން ވާހަކައެއް ނެތެވެ. އަދި މަޝްވަރާތަކުގެ އެއްވެސް ތަފުސީލެއް މަޖިލީހުގެ އިދާރާ ކައިރިއަށް ދިޔަ ނޫސްވެރިންނަށް އެއްވެސް ބޭފުޅަކު ނުދެއްވި އެވެ.
އެހެން ނަމަވެސް "ހަވީރަ"ށް އެނގިފައިވާ ގޮތުގައި ފުރަތަމަ ދުވަހުގެ ބައްދަލުވުމުގައި ސަރުކާރުން އެންމެ ކަމެއް އަދި އިދިކޮޅު އިއްތިހާދުން ނުވަ ކަމެއް ހުށަހަޅާފައިވާއިރު މިއަދު އެއިން އެއްވެސް ކަމަކާ ބެހޭ ގޮތުން މަޝްވަރާކޮށްފައެއް ނުވެ އެވެ.
ގާތްގަނޑަކަށް ބައިގަޑިއެއްހާއިރު ވަންދެން ދެ ފަރާތުގެ މެދުގައި ވާހަކަތައް ކުރިއަށް ދިޔައިރު ކުރީ ދުވަހާ ހިލާފަށް އިދިކޮޅު އިއްތިހާދުގެ ބައެއް މޫނުތައް އާ ވެފައިވާކަން ފާހަގަ ކުރެވެ އެވެ. ގޮތުން މިއަދުގެ މަޝްވަރާތަކުގައި އެންމެ ބޮޑު އިދިކޮޅު ޕާޓީ ޑީއާރުޕީގެ ފަރާތުން ލީޑަރު އަހުމަދު ތަސްމީން އަލީ ބައިވެރިވެ ވަޑައިގެންނެވިއިރު ޕީއޭ ތަމްސީލު ކުރެއްވީ އެ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުގެ ރައީސް އަދި މަޖިލީހުގެ ނާއިބު ރައީސް އަހުމަދު ނާޒިމެވެ. ޖުމްހޫރީ ޕާޓީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ކަމަށްވާއިރު ގައުމީ ޕާޓީން ބައިވެރިވެ ވަޑައިގަތީ އަމީން އާންމު އަބްދުﷲ އަމީނެވެ. ސަރުކާރު ނުވަތަ އެމްޑީޕީގެ ފަރާތުން ބައިވެރިވެ ވަޑައިގަތީ ޗެއާޕާސަން މާރިޔާ އަހުމަދު ދީދީ އާއި ބިލެތްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަމްޒާ އެވެ.
ގުޅިފައިވާ ބަޔާނުގައި ވާ ގޮތުން ސުލްހައިގެ ވާހަކަތަކުގެ ތިންވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހުގެ ހަވީރު ހަތަރެއް ޖަހާއިރު މަޖިލީހުގެ އިދާރާގަ އެވެ.
ސުލްހައިގެ ވާހަކަތަކަށް ސަރުކާރުން ހަމައެކަނި ހުށަހަޅާފައި ވަނީ ވަޒީރުންގެ މަޖިލީހަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން އެއްފަހަރާ ލިބިދިނުމެވެ.
އިދިކޮޅު އިއްތިހާދުން ހުށަހެޅި ކަންތައްތަކުގެ ތެރޭގައި ގާނޫނު އަސާސީ އަށް އުނިއިތުރު ގެނެސް ވެރިކަމުގެ ނިޒާމަށް ބަދަލު ގެނެވޭ އެއްވެސް ކަމަކަށް ތާއީދު ކުރެވޭނީ އެފަދަ ބަދަލަކާއެކު އިންތިހާބެއް ބާއްވާ ހާލު އެކަނި ކަމަށާއި އިންތިހާބަކަށް ވަޑައިގަންނަވަން ރައީސުލްޖުމްހޫރިއްޔާ ހުންނެވީ ތައްޔާރަށް ކަމަށް ވިދާޅުވާއިރު، އެ މަނިކުފާނުގެ ނާއިބު ވެސް ހުންނެވީ އިންތިހާބަކަށް ދާން ޖެހިއްޖެ ހިނދެއްގައި އެކަމަށް މަގު ފަހިކޮށްދިނުމަށް ތައްޔާރަށް ކަމަށް ރައްޔިތުންނަށް އެނގުމެވެ.
މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާނުލައި ކުރިއަށް ގެންދިއުމާއި މަޖިލީހުގެ ޖަލްސާތަކާއި ކޮމެޓީތަކުގެ ބައްދަލުވުންތައް ހުއްޓުވުމަކަށް އަންނަ ފަދަ އަމަލެއް އެމްޑީޕީގެ މެމްބަރުން ނުކުރާނެ ކަމުގެ ޔަގީންކަން ސަރުކާރުން ދިނުމާއި ގާނޫނު އަސާސީ އާއި ގާނޫނާ ހިލާފު އެއްވެސް އަމަލެއް އެމްއެންޑީއެފްގެ ޗީފް އޮފް ސްޓާފާއި ޕޮލިސް ކޮމިޝަނަރު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދިނުމާއި މިނިވަން މުސްތަގިއްލު އެއްވެސް މުއައްސަސާއެއްގެ މިނިވަންކަމަށް އުނިކަން އަންނަ ފަދަ އެއްވެސް އަމަލެއް ރައީސް މުހައްމަދު ނަޝީދު ނުކުރައްވާނެ ކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވުން ހިމެނެ އެވެ. އަދި ރައްޔިތުންނަށް ބޭނުންވާ ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ އެންމެހައި ގާނޫނުތައް ފާސްކުރުމުގައި ފުރިހަމަ އެއްބާރުލުން ސަރުކާރަށް ފޯރުކޮށްދޭނެ ކަމަށާއި ސަރުކާރުން އިސްކަންދޭން ބޭނުންވާ ވަކި ގާނޫނުތަކެއް ވާނަމަ އެކަމަށް ފުރިހަމަ އެއްބާރުލުން ދޭން ތައްޔާރަށް ތިބިކަން ވެސް އިދިކޮޅު އިއްތިހާދުން ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ