ހަވީރު ޔޫރޯ ފޮތް މިއަދު ނެރެނީ

މި ރެއިން ފެށިގެން މި މަހުގެ 29ގެ ނިޔަލަށް ކުރިއަށް ދާ ޔޫރަޕްގެ އެންމެ ބޮޑު ފުޓްބޯޅަ އީދާ (ޔޫރޯ) ބެހޭ ގޮތުން ހަވީރު ނޫހުން ތައްޔާރުކުރި ފޮތް މިއަދު ހަވީރު ނެރުމަށް ހަމަޖެހިއްޖެ އެވެ.
ހެންވޭރު އަލިމަސް ކާނިވާ ކުރިމަތީ ހުންނަ އެމްވީކޭ ބިލްޑިންގްގައި މިއަދު ހަވީރު ހަތަރެއް ޖަހާއިރު އޮންނަ ކުޑަ ރަސްމިއްޔާތެއްގައި މި ފޮތް ނެރެދެއްވާނީ ރާއްޖޭގެ ފުޓްބޯޅައިގެ މައިދާނުގައި ވަރަށް މަޝްހޫރު ބޭފުޅެކެވެ. އެމްވީކޭ ބިލްޑިންގްގައި ޔޫރޯގެ މެޗްތައް ބެލުމަށް ޚާއްސަ އިންތިޒާމްތަކެއް ވެސް ހަމަޖެހިފައިވާ ކަމަށްވެ އެވެ.
ހަވީރުން ތައްޔާރުކުރި ޔޫރޯ ފޮތް މިއަދު ހަވީރުން ފެށިގެން އެމްވީކޭ ބިލްޑިންގުން ލިބެން ހުންނާނެ އެވެ. ފޮތެއްގެ އަގަކީ 25 ރުފިޔާ އެވެ. މި ފޮތުގެ 6،000 ކޮޕީ ޗާޕުކޮށްފައިވާ އިރު، ބައްލަވައިގަންނަވާ ކޮންމެ ފޮތަކާ އެކު ޔޫރޯ ސްކޯ ޗާޓެއް ލިބިވަޑައިގަންނަވާނެ އެވެ.
ޔޫރޯ ފޮތުގައި މި އަހަރުގެ މުބާރާތް އިންތިޒާމުކުރެވިފައިވާ ގޮތާއި ވާދަކުރާ ޓީމުތަކާ ބެހޭ ގޮތުން މުހިންމު މައުލޫމާތު ހިމަނާފައިވާނެ އެވެ. އަދި މަޝްހޫރު ކުޅުންތެރިންނާއި މެޗްތައް ކުޅޭ ދަނޑުތަކުގެ މައުލޫމާތުގެ އިތުރުން ޓީމުތަކުގެ ކުޅުންތެރިންގެ ލިސްޓްތައް ވެސް މި ފޮތުގައި ހިމެނިފައިވާނެ އެވެ.
މިއަހަރުގެ ޔޫރޯ މުބާރާތައް ހަވީރު ނޫހުން ވަނީ ފަސް ވައްތަރެއްގެ ޕޯސްޓަރު ވެސް ތައްޔާރުކޮށްފަ އެވެ. މި ޕޯސްޓަރު ހިލޭ ދޫކުރުމަށް ހަމަޖެހިފައިވަނީ ނޫހަށް އިޝްތިރާކު ދައްކަވާފައިވާ ފަރާތްތަކަށާއި ބައްލަވައިގަންނަވާ ނޫހާ އެކުގަ އެވެ.
ޖުމްލަ ސޯޅަ ގައުމެއްގެ ގައުމީ ޓީމުގެ ވާދަކުރާ ޔޫރޯގެ މެޗްތައް މިއަހަރު ކުރިއަށް ދާނީ ސްވިޒަލޭންޑްގަ އާއި އޮސްޓްރިއާގަ އެވެ. ޔޫރޯ ފެށުމުގެ ރަސްމިއްޔާތު އޮންނާނީ މިރޭ ރާއްޖޭ ގަޑިން ނުވައެއް ޖަހާއިރު، ސްވިޒަލޭންޑްގަ އެވެ. ބައްދަލުކުރާނީ ސްްވިޒަލޭންޑާއި ޗެކް ރިޕަބްލިކެވެ.
މިރޭ ކުޅޭ ދެ ވަނަ މެޗް ރާއްޖޭ ގަޑިން މިރޭ 45: 11 ގައި އޮސްޓްރިއާގައި ބައްދަލުކުރާނީ ޕޯޗުގަލް އާއި ތުރުކީގެ ގައުމީ ޓީމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ