މި ސަރަހައްދުގައި މިނިވަންކަމުގެ ތާރީހު އެންމެ ދިގު ގައުމަކީ ދިވެހިރާއްޖެ: ރައީސް

މި ސަރަހައްދުގައިވާ އެހެން ހުރިހާ ގައުމަކާ ހިލާފަށް ދިވެހިރާއްޖެއަކީ މިނިވަންކަމުގެ ތާރީހު އެންމެ ދިގު ގައުމު ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.
މިއަދު ފާހަގަކުރަމުންދާ ރާއްޖޭގެ ގައުމީ ދުވަހުގެ މުނާސަބަތުގައި މިއަދު ހެނދުނު ޖުމްހޫރީ މައިދާނުގައި ބޭއްވި ހާއްސަ އިހްތިފާލުގައި ގައުމާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ރާއްޖެއަކީ އިންޑިޔާ ކަނޑުގައި އޮތް ދިވެހިންގެ ގައުމު ކަމަށާއި ކުރިއަށް އޮތް ތާނގައި ރާއްޖެ އަށް ކުރިމަތިވެދާނެ ކަމަށް މިއަދު އަޅުގަނޑުމެންނަށް ލަފާކުރެވޭ ކަންކަމާ ގުޅޭ ގޮތުން ވިސްނާން އޮތް ދުވަހަކީ ވެސް މިއަދު ކަމަށެވެ.
ރައީސް ދެއްކެވި ވާހަކަފުޅުގައި ދުވަހުގެ ބަތޮލް ބޮޑުތަކުރުފާނު ކުރެއްވި މަތިވެރި ޖިހާދުގެ މައްޗަށް ތާރީހީ ނަޒަރަކުން ބައްލަވައިލެއްވި އެވެ. އަދި މިއަދާ ހަމައަށް އަޅުގަނޑުމެންގެ ކާބަފައިން އަޅުގަނޑުމެންނާ ހަމައަށް ރާއްޖެ ފޯރުކޮށްދީފައިވަނީ ކިތަންމެ ހަނގުރާމައަކާއި ކިތަންމެ ކިތަންމެ ހާދިސާތަކެއް މިފަސްގަނޑުގައި ހިނގުމަށްފަހުގައި ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. ރާއްޖޭގައި މީހުން ދިރިއުޅެމުން އަންނަތާ 2000 އަށް ވުރެ ގިނަ އަހަރު ވެއްޖެކަން ތާރީހީ ދިރާސާތަކުން ފާހަގަކުރެއްވޭ ކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ އެ ދިގު އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ވެރިކަން އެކިގޮތްގޮތަށް ދިވެހިންގެ އަތްމަތިން ބީވެގޮސްފައިވާ ކަމަށެވެ. މި ރާއްޖެ، ރާއްޖެއަކަށް ވަނީ މި ރާއްޖޭގެ ވާހަކަ އެއީ ރާއްޖޭގެ ވާހަކައެއްގެ ގޮތުގައި، އައްޑޫން ފެށިގެން ތިލަދުންމައްޗާ ހަމައަށް އޮތްހާ ޖަޒީރާތަކުގައި ރާއްޖޭގެ ވާހަކައިގެ ގޮތުގައި ޒަމާނުއްސުރެ ފަށައިގެން ދެކެވެމުން އަންނާތީ ކަމުގައި ރައީސް ވިދާޅުވި އެވެ. ފަހުން އެ ވާހަކައަކީ ބޮޑުތަކުރުފާނު ވާހަކައިގެ ގޮތުގައި އަޅުގަނޑުމެންނަށް އެނގެމުން އައި ކަމަށާއި މި ވާހަކައިގެ ބަތޮލަކީ އުތީމު ބޮޑުތަކުރުފާނު ކަމަށް ރައީސް ވިދާޅުވި އެވެ.
ގައުމީ ދުވަހާ ގުޅޭގޮތުން ފިކުރުކޮށް ބުއްދި ހިންގާއިރު، ދެކަމެއް ފާހަގަކުރެއްވޭ ކަމަށާއި، އެއްކަމަކީ ގައުމާ ގުޅޭގޮތުން ވިސްނާ ވިސްނުން ކަމަށާއި، އަނެއް ކަމަކީ ދުވަހާ ގުޅޭގޮތުން ވިސްނާ ވިސްނުން ކަމަށް ރައީސް ވިދާޅުވި އެވެ. މިއަދު އަޅުގަނޑުމެން ހިންގަންވީ ފިކުރަކީ މިދުވަހާ ހަމައަށް މި ރާއްޖެ ވާސިލުވުމުގައި ކަންހިނގާދިޔަގޮތުގެ ފިކުރު ކަމަށާއި ކުރިއަށް އޮތް ތަނުގައި ރާއްޖެ ކުރިއަށްދާނީ ކިހިނެއްތޯ ވިސްނައި ހިންގަންވީ ފިކުރު ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.
ޖުމްހޫރީ މައިދާނުގައި މިއަދު ބޭއްވި ހާއްސަ އިހްތިފާލުގައި، ގައުމީ ދުވަހުގެ މުނާސަބަތުގައި ހާއްސަ ދުއާއެއް ކުރުން އޮތެވެ. މި ދުއާ އިސްވެ ކުރެއްވީ އިސްލާމިކް މިނިސްޓްރީގެ ނައިބު އައްޝައިހު މުހަންމަދު ފާރޫގެވެ.
ޖުމްހޫރީ މައިދާނުގައި ހުރި ކޯއްޓޭ އަށް ގައުމީ ދިދަ ނެގުން ވެސް މި އިހުތިފާލުގައި އޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ