ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓެއް ކަމަށްވާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު ވަހީދަށާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށާއި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް އަދާލަތު ޕާޓީގެ ރައީސް ޝެއިޙް އިމްރާން އަބްދުﷲ ބަހުގެ ހޫނު ހަމަލާތަކެއް ދެއްވައިފި އެވެ.
ޖުމްހޫރީ ގުޅުމުގެ ފަރާތުން ރާޅުގަނޑު ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ރިޔާސީ އިންތިހާބަށް ކުރިމަތިލާފައިވާ އެންމެ ބޮޑު ކޯލިޝަނަކީ ޖުމްހޫރީ ގުޅުން ކަމަށާއި އަދި ޖުމްހޫރީ ގުޅުމުގެ ޓީމަކީ އެންމެ ވަރުގަދަ ޓީމު ކަމަށެވެ.
ރައީސް ޑރ.މުހައްމަދު ވަހީދާއި ބެހޭގޮތުން އިމްރާން ވިދާޅުވީ ރައީސް ވަހީދަކީ ވަރަށް މައްޗަށް ތައުލީމް ހާސިލްކުރައްވައިގެން ގާބިލް، ހިތްޕުޅު ހެޔޮ މިޒާޖެއްގެ ބޭފުޅަކަށް ވީނަމަވެސް މިފަދަ ވާދަވެރި އަދި ނުރައްކާތެރި ވަގުތެއްގައި ތަފާތު ވިސްނުމުގެ މީހުން ގޮވައިގެން ނިކުމެ އަވަސް ފިޔަވަޅުތަކެއް އަޅައި ރާއްޖެ ސަލާމަތްކޮށް ރާއްޖެ އެކަތިގަނޑަކަށް ހަދައި ރާއްޖެ ތަރައްގީގެ ހަރުފަތްތަކުގައި އަވަސް ދުވެއްޔެއްގައި ގެންދެވޭހާ ސްޕީޑު ނެތް ބޭފުޅެއް ކަމަށެވެ.
އަދި މީގެކުރިން ރައްޔިތުންގެ އެންމެ ބޮޑު ތާއީދެއް އޮތް ރައީސް ވަހީދަށް މިހާރު ރައްޔިތުންގެ 5 ޕަސެންޓު ވެސް ހޯދޭނެ ކަމުގެ ޔަގީންކަން ނެތް ކަމަށާއި އެއީ ޗޮއިސްއެއް ނޫން ކަމަށް ނިންމަންޖެހޭ ކަމަށް ވެސް ކުރިން ރައީސް ޑރ.ވަހީދަށް ވަރަށް ބޮޑަށް ތައުރީފްކުރައްވާ ވާހަކަދެއްކެވި އިމްރާން ރޭ ވިދާޅުވި އެވެ.
ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީނާއި ބެހޭގޮތުން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ޔާމީން އަމިއްލައަށް ރައްޔިތުންގެ ކުރިމައްޗަށް ނިކުމެ ރައްޔިތުންނާއި ބައްދަލުނުކުރެވި ރައްޔިތުންގެ އިހްސާސް ނުހޯދި، ރައްޔިތުންގެ ތާއީދު ނުލިބުމުން ކުރީގެ ރައީސް މައުމޫން ނިކުންނަވައިގެން ކެމްޕެއިން ކުރައްވައިގެން ވޯޓު ހޯއްދަވާ ކާމިޔާބު ލިބިއްޖެ ނަމަ ކަންތައްވާނެ ގޮތް ރައްޔިތުންނަށް އެނގޭ ކަމަށެވެ.
އަދި ދިވެހި ރައްޔިތުންގެ ހާލަތާއި އިހްސާސްތަކަށް ބަލާއިރު ޔާމީން ފަދަ ބޭފުޅަކަށް މިއަދު ވޯޓުދިނުމަކި ދުރުވިސްނޭ ގައުމުގެ ސަލާމަތާއި ރައްކަލަށް ހެޔޮ އެދޭ ބޭފުޅަކު ކުރާނެ ކަމެއް ނޫން ކަމަށެވެ.
"މި އިންތިހާބުގައި ވާދަކުރަން ތިބީ ޖުމްހޫރީ ގުޅުމުގެ ރިޔާސީ ކެންޑިޑޭޓާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ކުރީގެ ރައީސް މުހައްމަދު ނަޝީދު، ޖުމްހޫރީ ގުޅުމުގެ ޓީމު މިއޮތީ ރަނިންމޭޓު މިހުންނެވީ، އަޅުގަނޑުމެން ކުރި މަސައްކަތްތައް މިއޮތީ އުމަރު ނަސީރުމެން މިދިޔަ ދެއަހަރު ދުވަސް ވަންދެން އިސްލާމް ދީނާއި ގައުމުގެ ހިމާޔަތުގައި ކުރި މަސައްކަތުގެ ނަތީޖާއިން އަޅުގަނޑުމެންނަށް މިތާންގައި މިތިބެވެނީ." އިމްރާން ވިދާޅުވި އެވެ.
ކެންޑިޑޭޓު ނަންބަރު 4 އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ބެހޭގޮތުން ވާހަކަދައްކަވަމުން އިމްރާން ވިދާޅުވީ ދުނިޔޭގެ އެންމެ އާބާދީ ބޮޑު ޗައިނާގައި މީހުން ނަސީބާއި ގުޅިފައިވާ އެއްވެސް ކަމެއްގައި ހަތަރު ނަންބަރު ނުލިޔާނެ ކަމަށާއި ހަތަރު ނަންބަރަށް ވޯޓުދޭން ކަރުދާސްކޮޅުތައް އެމީހުންނަށް ދީފި ނަމަ އެއްވެސް މީހަކު އެ ނަންބަރަށް ވޯޓު ނުދޭނެ ކަމަށެވެ.
އިމްރާން ވިދާޅުވީ ރައީސް ނަޝީދާއި ދޭތެރޭ ޒާތީވާން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށާއި ނަޝީދުގެ ވާހަކަ ދައްކަން ޖެހެނީ މިވޭތުވެދިޔަ އެތައް އަހަރެއްގެ ތެރޭގައި ނަޝީދުގެ ލާދީނީ ސިޔާސަތުގެ ސަބަބުން މިފަދަ ލާދީނީ މީހެއްގެ މައްޗަށް ވެރިކަމާއި ބާރު އެރުމަށް ނޭދޭތީ ކަމަށެވެ.
އިމްރާން އިތުރަށް ވިދާޅުވީ ރައީސް ނަޝީދަކީ އިސްލާމް ދީނާއި ދިވެހި ގައުމިއްޔަތުގެ އަދުއްވުން މިގައުމުގެ އިސްލާމް ދީނާއި ގައުމިއްޔަތު ފޮހެލަން ފޮނުވާފައިވާ އެޖެންޓެއް ކަމަށާއި މިއީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށާއި ރައީސް ނަޝީދުގެ ފަރާތުން މިގައުމަށް ދުވަހަކުވެސް ހެވެއް ނާންނާނެ ކަމަށެވެ.
"ބައްލަވާ ނަޝީދުގެ ވިޔަފާރިއެއް، ނަޝީދުގެ މިލްކިއްޔާތެއް، ނަޝީދުގެ މަސައްކަތެއް މިގައުމުގައި ނޯންނާނެ، އެކަމަކު އޭނާ ނިކުމެ އެބުނަނީ އެހެން މީހުން ޖެހޭނީ ބޮޑު ލާރީގައި ހުޅު ޖަހައިގެން ތިބެންށޭ، ތިމަންނަ ބޭނުން ވަރަކަށް ހަރަދުކުރާނަމޭ، މިލިއަން ބިލިއަން ޑޮލަރުން ހަރަދުކުރާނަމޭ، ކޮންތާކުންތޯ؟ އޭނާއަށް ހަރަދަކުރާ ފައްޅިތަކުން ފަނޑު ކުރަނީ، އެނޫން ކޮންތާކުންތޯ ފަންޑުކުރަނީ." އިމްރާން ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ތިން ކެންޑިޑޭޓަކަށް އިމްރާނުގެ ހޫނު ހަމަލާތަކެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ