ރަށްރަށުގެ ސަރުކާރު އޮފީސްތަކުގައި އެމްޑީޕީގެ އެކްޓިވިސްޓުން ތިބޭތީ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް ޔާމީން ވިދާޅުވެއްްޖެ

އެމްޑީޕީގެ ވެރިކަމުގެ ތިން އަހަރު ރަށްރަށުގައި ހުރި ސަރުކާރުގެ އިދާރާތަކަށް އެމްޑީޕީގެ އެކްޓިވިސްޓުން ލާފައިވާއިރު، އެމީސްމީހުން އެމަޤާމްތަކުގައި އަދިވެސް ޤާއިމްވެ ތިބޭތީ ގިނަ ރައްޔިތުން ކަންބޮޑުވުން ފާޅުކުރަމުންދާކަމަށް މަޖިލީހުގެ މުލަކު ދާއިރާގެ މެންބަރ އަބުދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
އަތޮޅުތެރޭގެ ބައެއް ރައްޔިތުންނާއި ބައްދަލުކުރުމަށް ހއ ހދ އަށް ކުރި ދަތުރުތަކަށްފަހު ނޫސްވެރިންނާއި ބައްދަލްކުރައްވައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އަތޮޅުތެރެއަށް ކުރި ދަތުރުގައި ގިނަ ރަށްތަކުން މިހާރުވެސް އޮތީ އެމްޑީޕީގެ ވެރިކަމެއް ކަމަށް ބުނަމުންދާ ކަމަށާއި، ބައެއް ތަންތަނުގައި އެމްޑީޕީގެ ބައެއް މީހުން ވެރިންނަށް ތިބޭތީ އެކަމާއި ޝަކުވާ ކޮށްފައިވާ ކަމަށެވެ.
ނަޝީދުގެ ވެރިކަމުގެ ތިން އަހަރު އެކި މަޤާމްތަކަށް ކުފޫހަމަނުވާ އެތަށްބަޔަކު ލާފައިވާއިރު، ގިނަ ރަށްތަކުން އެކަމުގެ ޝަކުވާތައް ތަކްރާރްކޮށް ކޮށްފައިވާކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް ޕީޕީއެމްއަށް ކުރެވެން އޮތް ހުރިހާ މަސައްކަތްތަކެއް ކުރައްވާނެ ކަމަށާ ރަށްރަށުގައި ހުރި ހެލްތު ކޯޕަރޭޝަން ތަކުގައާއި އެހެނިހެން އިދާރާތަކުގައި އެމްޑީޕީގެ ހަރަކާތްތެރިން ތިބުމަކީ ގިނަ ރައްޔިތުން ނުރުހޭ ކަމެއް ކަމަށެވެ. ޔާމިން ވިދާޅުވީ އެޝަކުވާތައް ސަރުކާރަށް ހުށަހަޅުއްވާނެ ކަމަށެވެ.
އަދި އެމައްސަލަތައް ހައްލުކުރުމަށް ގުޅިފައިވާ ޕާޓީތަކުގެ މެދުގައިވެސް މަޝްވަރާ ކުރައްވާނެކަމަށް ޢަބްދުﷲ ޔާމީން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ