މަޖިލީހުގެ ކޮމިޓީތައް އަންނަ އާދީއްތަދުވަހު ފަށަނީ

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ ބައްދަލުވުންތައް އަންނަ އާދީއްތަ ދުވަހުން ފެށިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް މަޖިލީހުގެ މެންބަރުންނަށާއި، މަޖިލީހުގެ ކޮމިޓީތަކުގެ މުޤައްރިރުންނަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު މިއަދު އަންގަވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ މަސްއޫލިއްޔަތު އަދާކުރުމަށް، މަޖިލީހުގެ ޗުއްޓީ ދުވަސްވަރުވެސް ކޮމިޓީތަކުގެ ބައްދަލުވުން ބޭއްވުމުގެ ބާރު، މަޖިލީހުގެ ގަވާއިދުގެ 109 ވަނަ މާއްދާގެ ދަށުން އެކޮމިޓީތަކަށް ލިބިދޭ ކަަމަށާއި، އެހެންކަމުން، ކޮމިޓީތަކުގެ ބައްދަލުވުން އަންނަ އާދިއްތަ ދުވަހުން ފެށިގެން ކުރިއަށް ދާނެކަމަށް މަޖިލީހުގެ ރައީސް މެންބަރުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް 1 އޮކްޓޯބަރު 2012 ގައި ފެށޭނެ ކަމަށާއި، އެދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖަލްސާގެ އެޖެންޑާ ފަހުން އިޢްލާނު ކުރާނެ ކަމަށްވެސް މަޖިލީހުގެ ރައީސް މެންބަރުންނަށް ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވެއެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ބޭއްވުމަށް އެކަށީގެންވާ އަމާން މާޙައުލެއް ނެތް ކަމަށްބުނެ 31 ޖުލައި 2012 ވަނަ ދުވަހުން ފެށިގެން މަޖިލީހުގެ ޖަލްސާތައް މަޖިލީހުގެ ރައީސް އަބްދުﷲ ޝާހިދު ވަނީ މެދުކަނޑުއްވާ ލައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ