ރާއްޖޭގެ ރައްޔިތުން މިއަދު ރީންދޫ ހުން އިތުރަށް ޖެހެން ބޭނުންނުވާ ކަމަށާއި ރާއްޖޭގެ ރައްޔިތުން އިތުރަށް މާޔޫސްވެ ހިތާމަކުރަން ބޭނުންނުވާ ކަމަށް ކަމަށް މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރު އަދި މީދޫ ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް މުހައްމަދު (ސަންޓްރެވަލް ޝިޔާމް) ވިދާޅުވެއްޖެ އެވެ.
ދ.ކުޑަހުވަދޫގައި މިއަދު ހަވީރު ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުން މަޝްހޫރު ވިޔަފާރިވެރިޔާ ސަންޓްރެވަލް ޝިޔާމް ވިދާޅުވީ ޕީޕީއެމް އާއި އެމްޑީއޭ ކޯލިޝަނުން ބޮޑެތި އާބާދީ ހުރި ގިނަ އަތޮޅުތަކަށް ދަތުރުކޮށްފައިވާ ކަމަށާއި އެ އަތޮޅުތަކުގެ ރަށްތަކުން ފެނިގެން ދިޔައީ ތިން އަހަރު ދުވަހާއި ދުވަސްކޮޅެއްގެ ތެރޭގައި ރައްޔިތުންނަށްކޮށްފައިވާ އަނިޔާ އާއި ރާއްޖޭގެ ރައްޔިތުންނަށް ދިން މާޔޫސްކަން ކަމަށެވެ.
"ރާއްޖޭގެ ރައްޔިތުން ބޭނުމެއް ނުވޭ މާޔޫސްވެ ހިތާމަކުރާކަށް، އަޅުގަނޑުމެންގެ ރައްޔިތުން ބޭނުންވަނީ އުފާވެރިކަމާއި ކުލުނާއި ލޯތްބާއި ހަމްދަރުދީ އާއި އެއްކޮށް ރައްޔިތުން ގޮވައިގެން އުޅެވޭނެ ރައްޔިތުންނަށް އުފަލާއި އަރާމާއި ހިތްހަމަޖެހުން ގެނެސްދޭނެ ވެރިއެއް، އެމީހަކީ އަޅުގަނޑުމެންގެ ކެންޑިޑޭޓު ނަންބަރު 3 އަބްދުﷲ ޔާމީން." ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް ވިދާޅުވި ގޮތުގައި މީގެކުރިން ރާއްޖޭގެ ރައްޔިތުންނަށް އަނިޔާވެރި މީހުން ދައްކަނީ އެއްވާހަކަ އެކެވެ. އެހެންކަމުން ދެވަނަ ފަހަރަށް ރައްޔިތުންގެ ގައިގައި ކަށި ނުޖެހުމަށް ދިވެހި ރައްޔިތުން ވަރަށް ބޮޑަށް ވިސްނަން ޖެހޭ ކަމަށެވެ. އަދި އެ ކަށި ޖެހިއްޖެނަމަ ވަރަށް ގިނަ ފަހަރު މީހާ މަރުނުވެ ސަލާމަތްނުވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
މި ޖަލްސާގައި ޝިޔާމް ވިދާޅުވީ ރާއްޖޭގެ ކަންކަންކޮޅުތަކުން ފެނުނު މަންޒަރުތަކުން 80 ޕަސަންޓަށް ވުރެ މަތިން ޔާމީނަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ. ނަމަވެސް މީގެކުރީ ޖަލްސާތަކުގައި ޝިޔާމް ވިދާޅުވެފައިވަނީ 60 ޕަސަންޓުގެ ތަފާތަކުން ފުރަތަމަ ބުރުން ޔާމީނަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމަށެވެ.
ޝިޔާމްގެ ވާހަކައިގައި ބައެއް ވައުދުތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަދެއްކެވި އެވެ. ޕީޕީއެމްއާއި އެމްޑީއޭގެ ވެރިކަމެއްގައި ފުރަތަމަ އަހަރު ރާއްޖޭގެ ހުރިހާ ރަށެއްގައި ޕްރީ ސްކޫލްގެ ހިދުމަތް ދޭނެ ކަމަށާއި ކުޑަހުވަދޫ އެއާޕޯޓްގެ މަސައްކަތް ވެސް ޕީޕީއެމްއާއި އެމްޑީއޭގެ ވެރިކަމެއްގެ ފުރަތަމަ އަހަރު ފަށާނެ ކަމަށެވެ.
މި ޖަލްސާގައި ވާހަކަދައްކަވަމުން ކުޑަ ހުވަދޫ ދާއިރާގެ މެންބަރު އަހުމަދު އާމިރު ވިދާޅުވީ ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލްގައްޔޫމަށް ކުޑަހުވަދޫއަށް އަރައި ވަޑައިނުގެންނެވޭނެ ކަމަށް މީގެކުރިން ބައެއް ފަރާތްތަކުން ބުނި ނަމަވެސް މިއަދު ރައީސް މައުމޫން ވެސް މިރަށަށް އަރައި ވަޑައިގެންފައިވާ ކަމަށާއި ކުރިއަށް އޮތް ތަނުގައި ވެސް ސިއްހީ ހާލަތު ރަނގަޅު ނަމަ މި ރަށަށް ރައީސް މައުމޫން ވަޑައިގަންނަވާނެ ކަމަށެވެ.
ރައީސް މައުމޫނަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާ ވާހަކަދައްކަވަމުން އާމިރު ވިދާޅުވީ ރާއްޖެއަށް ގެނައި ސިޔާސީ މިނިވަން ކަމާއި ދުލުގެ މިނިވަންކަން ގާނޫނު އަސާސީގެ ތެރެއިން ކޮށްދެއްވި ބޭފުޅަކީ ރައީސް މައުމޫން ކަމަށެވެ.
އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ހައްގުތައް ފޯރުކޮށްދެއްވުމަށްޓަކައި އެންމެ ބޮޑަށް މަސައްކަތްކުރެއްވި ބޭފުޅަކީ ވެސް ރައީސް މައުމޫން ކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން އެކަނިވެރިމައިންނާއި މުސްކުޅިންނަށްދޭ ފައިސާ ފަދަ ހުރިހާ ކަންތައްތަކަކީ ވެސް ސީދާ ރައީސް މައުމޫން ކޮށްދެއްވި ކަންތައްތައް ކަން ޔަގީން ކުރައްވާ ކަމަށާއި މިކަން ސާބިތުކުރުމަށް މަތީ ކޯޓަކަށް ދާން ޖެހުނަސް އެކަން ކުރަން ވެސް ތައްޔާރަށް ހުންނެވި ކަމަށް އާމިރު ވިދާޅުވި އެވެ.
ރާއްޖޭގެ ރައްޔިތުން ރީންދޫ ހުން ޖެހޭކަށް ބޭނުމެއް ނުވޭ - ޝިޔާމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ