އިދިކޮޅު ފަރާތްތަކުން އިންތިޒާމްކޮށްގެން ފާއިތުވި ޖުލައި މަހުގެ 28 ވަނަ ދުވަހުގެ ރޭގަނޑު މާލޭގެ މަޖީދީމަގާއި ޗާންދަނީ މަގާއި ގުޅުނު ކަންމަތީގައި ބޭއްވި މުޒާހަރާއާއި ގުޅިގެން ޕީއެންސީގެ ކައުންސިލް މެމްބަރު އަޙްމަދު ނަރީޝްގެ މައްޗަށް ގިނަ ޖިނާއީ ތުހުމަތުތަކެއްކޮށް ދަޢުވާކުރުމަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވަން ފުލުހުން ނިންމާފައިވާކަމަށް އަޙްމަދު ނަރީޝް "ދިޔަރެސް" ނޫހަށް މަޢުލޫމާތު ދެއްވައިފިއެވެ."ދިޔަރެސް" އަށް މަޢުލޫމާތު ދެއްވަމުން އަޙްމަދު ނަރީޝްގެ ޤާނޫނީ ވަކީލް އާދަމް އާޞިފް ވިދާޅުވި ގޮތުގައި، ފުލުހުން އަޙްމަދު ނަރީޝްގެ މައްޗަށް އެއްވެ އުޅުމުގެ ޤާނޫނާއި ޙިލާފްވުމާއި އަދި ޤާނޫނު ނަންބަރު: 09/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްއުޤޫބާތު) ގެ 532 ވަނަ މާއްދާގެ (ހ) އާއި 533 ގެ (ހ) ގެ ދަށުން ޤާނޫނު ތަންފީޛުކުރާ މުއައްޒަފަކަށް ހުރަސްއަޅައި ދަތިކުރުމުގެ ތުހުމަތު ކޮށްފައިވެއެވެ. އޭގެ އިތުރުން ދިވެހިރާއްޖޭގައި ޢާއްމު ސިއްހަތުގެ ހާލަތު އިޢުލާން ކޮށްފައިވަނިކޮށް އާއްމު ތަންތަނަށް މީހުން އެއްވެ އުޅުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީއިން އަންގާފައިވާ އެންގުންތަކާއި ޚިލާފަށް އިޖުތިމާއީ ގައިދުރުކުރުމާއި މާސްކު އެޅުމެއްނެތި އާއްމުންނާއި އަމަން ބަލަހައްޓާ ފަރާތްތަކުގެ ސިއްހަތަށް ނުރައްކާވާ ގޮތަށް ޢަމަލުކޮށްފައިވާކަމަށް ފުލުހުން ތުހުމަތު ކުރެއެވެ. ނަމަވެސް މިމައްސަލާގައި އަހްމަދު ނަރީޝް ހައްޔަރުކޮށް ބަންދާއިމެދު ގޮތެއް ކަނޑައެޅުމަށްޓަކައި ބޭއްވި މުއްދަތު މަޖިލީހުގައި ޤާޟީ ފުލުހުންނާ ސުވާލުކުރުމުން އަހްމަދު ނަރީޝް މުޒާހަރާގައި ހަރަކާތްތެރިވީ މާސްކު އަޅައިގެން ކަމަށް ބުނެފައިވާކަން ވަކީލު ފާހަގަކުރިއެވެ.އަހްމަދު ނަރީޝްގެ މައްޗަށް އިދިކޮޅު ފަރާތްތަކުން ބޭއްވި މުޒާހަރާއާއި ގުޅިގެން ދަޢުވާކުރަން ނިންމިއިރު ދާދިފަހުން ގައިދުރުކަމެއްނެތި މާސްކުނާޅާ މާލޭގައި އެކިކަންކަމާއި ގުޅިގެން ތަފާތު އެއްވުންތަން ބާއްވާފައިވާކަން ފާހަގަކުރެވެއެވެ. ނަމަވެސް އެފަދަ އެއްވެސް މުޒާހަރާއަކާއި ގުޅިގެން އެޗްޕީއޭގެ އެންގުންތަކާއި ގައިޑްލައިންތަކާ ހިލާފުވިކަމަށް ތުހުމަތުކޮށް އެއްވެސް ފަރާތެއް ހައްޔަރުކޮށްފައިނުވެއެވެ. ހަމައެއާއިއެކު ކުރީގެ ސަރުކާރުން ފާސްކޮށްފައިވާ އެއްވެ އުޅުމުގެ ޤާނޫނު އުވާލުމަށް ރިޔާސީ އިންތިހާބުގައި ރައީސް ސާލިޙް ވަޢުދުވިނަމަވެސް މިއަދާއިހަމައަށް އައިއިރުވެސް އެޤާނޫނު މަޖިލީހުގައި ޕާކްކޮށްފައި ބާއްވައިގެން ޤާނޫނު އަސާސީން ލިބިދީފައިވާ އެއްވެއުޅުމުގެ ޙައްޤަށް މިސަރުކާރުން ހުރަސް އަޅަމުން ގެންދާކަމަށް އިދިޚޮޅު ފަރާތްތަކުން ފާހަގަކުރެއެވެ. އެގޮތުން މިއަދުގެ ތަޙްޤީޤްގައި އަހްމަދު ނަރީޝްއާ ފުލުހުން ސުވާލުކުރުމުން ރައީސް ޞާލިޙް މީގެ ކުރިން އެއްވެ އުޅުމުގެ ޤާނޫނަށް ޢަމަލުކުރަން ނުޖެހޭނެކަމަށް ބުނެފައިވާތީ، އެމަނިކުފާނު ވިދާޅުވި ބަސްފުޅާއި އެއްގޮތަށް ޢަމަލުކުރުމުގެ ގޮތުން މުޒާހަރާގައި ބައިވެރިވީކަމަށް އަޙްމަދު ނަރީޝް ބުނެފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އިދިކޮޅު މުޒާހަރާއާއި ގުޅިގެން ޕީއެންސީގެ ކައުންސިލް މެމްބަރު ނަރީޝްގެ މައްޗަށް ދަޢުވާކުރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ