ބަންގްލަދޭޝް ބަހުން އިއްވި އިއުލާނެއްގެ އަޑު ބާރުކަމުން ސުޕްރީމް ކޯޓުގެ ޝަރީޢަތް މެދެކަނޑާލަން ޖެހިއްޖެ

ނަމާދަށް ދިއުމާއި ގުޅޭ ގޮތުން ބަންގްލަދޭޝް ބަހުން އިއްވި އިއުލާނެއްގެ އަޑު ބާރުކަމުން ސުޕްރީމް ކޯޓުގެ ޝަރީޢަތް މެދެކަނޑާލަން ޖެހިއްޖެއެވެ.
މިއަދު ސުޕްރީމް ކޯޓުން މެދުކަނޑާލީ ފުލުހުންގެ ތަހުގީގަށް ފޯނު ނުދެއްވި ކަމަށް ބުނެ ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ މައްޗަށް އިއްވި ދޮޅު އަހަރުގެ ޖަލު ހުކުމް ހައިކޯޓުން ބާތިލްކުރިއިރު ސިއްރު ހެއްކާއި ގުޅޭ ގޮތުން ހިމަނާފައިވާބައި ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުން ކުރިއަށް ގެންދާ ޝަރީޢަތެވެ.
މެދުކަނޑާލި ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދިޔައީ އޮންލައިންކޮށެވެ.
ސިއްރު ހެއްކާއި ގުޅޭ ގޮތުން ސުޕްރީމް ކޯޓުން ބެލި މައްސަލައިގެ ޙުކުމް ސުޕްރީމް ކޯޓުގެ ފަނޑިޔާރު މަހާޒު އަލީ ޒާހިރު ވިދާޅުވަމުން ގެންދަވަނިކޮށް ބަންގްލަދޭޝް ބަހުން އިވޭ އިއުލާނެއްގެ އަޑު ގަދަވުމުން ޝަރީޢަތް މެދުކަނޑާލަމުން ފަނޑިޔާރު މަހާޒު ވިދާޅުވީ އިއުލާނު ނިމުމުން އަލުން ޝަރީޢަތުގެ އަޑުއެހުން ކުރިއަށް ގެންދާނެ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ޝަރީޢަތް މެދުކަނޑާލުމާއި ގުޅިގެން ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ނަމާދަށް ދިއުމާބެހޭ ގޮތުން ބަންގްލަދޭޝް ބަހުން އަންނަ، އެޗް.ޕީއޭގެ މުހިންމު އެނައުންސްމަންޓެއް އަންނާތީ، ސުޕްރީމް ކޯޓުގެ އަޑުއެހުން މެދުކަނޑާލައިފި ކަމަށެވެ.
ޝަރީޢަތް މެދުކަނޑާލިއިރު ފަނޑިޔާރު ވިދާޅުވާން ތައްޔާރުވަމުން ދިޔައީ ސިއްރު ހެކި ބަލައި ގަތުމާއި ގުޅޭ ވަރަށް މުހިއްމު ވާހަކަތަކެކެވެ. އެކަމަށް އިޝާރާތްކޮށް ޕީޖީ ޝަމީމް ވަނީ މިއީ މޯލްޑިވިއަން އައިޑޮލްގައި މޫސާ ވަސީމް ސަސްޕެންސް ހިފަހައްޓަން ކުރައްވާ ޒާތުގެ ކަމެއްތޯ ސުވާލުކުރައްވާ، ސަމާސާ ވެސް ކުރައްވާފައެވެ.
މިއަދު ސުޕްރީމް ކޯޓުން ނިންމާ ނިންމުމެއްގެ މައްޗަށް ރާއްޖޭގެ ކޯޓުތަކުގައި ސިއްރު ހެކި ބަލައިގަތުމާއި މެދު ގޮތެއް ކަނޑައެޅިގެން ދާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ