ސްޕްރީމް ކޯޓަށް އައްޔަން ކުރާ ގާޒީ އަލީ ރަޝީދާއި މުހައްމަދު އިބްރާހިމްގެ ނަން ދިރާސާކުރަން ކޮމިޓީއަށް

ސުޕްރީމް ކޯޓުގެ ހުސްވެވެފައިވާ ދެ ފަނޑިޔާރުކަމުގެ މަގާމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުވި ދެ ބޭފުޅުންގެ ނަން ދިރާސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީއަށް ފޮނުވައިފި އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމިނަލް ކޯޓުގެ ގާޒީ އަލީ ރަޝީދު ހުސެއިން އާއި ހދ. ކުޅުދުއްފުށި ފިނިފެންޖަންބުގޭ ޑރ. މުހައްމަދު އިބްރާހީމަށް ރުހުން ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވީ މިދިޔަ ބުދަ ދުވަހު އެވެ. ރައީސް ސޯލިހް އެ ދެބޭފުޅުންގެ ނަން މަޖިލީހަށް ފޮނުއްވީ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ލަފާފުޅާއެކުވެއެވެ. ޖޭއެސްސީން ވަނީ އެ ދެ ބޭފުޅުން އެ މަގާމަށް އައްޔަން ކުރުމަށް ފެންނަ ކަމަށް ރައީސް ސޯލިހަށް ލަފާ ދެއްވާ ފައެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުން ވަނީ، އެ ދެބޭފުޅުންގެ ނަން ދިރާސާކުރެއްވުމަށް ޖުޑީޝަރީ ކޮމިޓީއަށް ފޮނުއްވެވިކަން އިއުލާން ކުރައްވާފަ އެވެ. ކޮމިޓީ މަރުހަލާގައި އެ ދެބޭފުޅުންގެ ނަންތައް ދިރާސާ ކުރުމަށްފަހު، ކޮމިޓީގެ ނިންމުމާ އެއްގޮތަށް އަލުން ތަޅުމަށް އެ މައްސަލަ ގެނެސް ވޯޓަށް އަހާނެއެވެ. އަދި އެއަށްފަހު، މަޖިލިސް މެމްބަރުންނަށް ފެންނަ ނަމަ، އެ ދެބޭފުޅުން އެ މަގާމަށް އަޔައްނަ ކުރެއްވޭނެ އެވެ. ކްރިމިނަލް ކޯޓުގެ ހިންގުން ވަގުތީ ގޮތުން އަލީ ރަޝީދާ ހަވާލުކޮށްފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު ފަސްވަނަ ދުވަހު އެވެ. އެއީ އެ ކޯޓުގެ އިސްގާޒީގެ މަގާމުގައި ކުރިން ހުންނެވި އަހުމަދު ހައިލަމް މަގާމުން ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެންނެވެ. ކްރިމިނަލް ކޯޓަށް އަލީ ރަޝީދު ބަދަލު ކުރުމުގެ ކުރިން އޭނާ ވަނީ، ކުރީގެ ޖިނާއީ ކޯޓުގައި ގާޒީ ކަމުގެ އިތުރުން ސިވިލް ކޯޓުގެ އިސް ގާޒީކަން އަދާކުރެއްވި އެވެ. އިސްގާޒީ ކަމުގައި ހުންނަވައި އަމިއްލަޔަށް އެދިގެން ޑްރަގް ކޯޓަށް އޭނާ ބަދަލުވި އެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވެ، ޖަލަށްލުމަށް ހުކުމް ކުރެއްވި ބެޗުގައި ހިމެނިވަޑައިގަންނަވާ ގާޒީ އަލީ ރަޝީދު، ސްޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް ސޯލިހް ނަން ފޮނުއްވަމުން އިދިކޮޅު ކޯލިޝަންނުން ވަނީ އެކަމަށް ފާޑުވިދާޅުވެފަ އެވެ. ރައީސް ޔާމީން ނިސްބަތްވާ އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް އިން އެކަން ސިފަކޮށްފައިވަނީ، އެއީ އެމަނިކުފާނު ޖަލަށްލުމަށް ހުކުމް ކުރެއްވުމުން ދެއްވި "ހަދިޔާ"އެއްގެ ގޮތުގަ އެވެ. ދެން ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް ރައީސް ސޯލިހް ނަން ފޮނުއްވެވި، ޑރ. މުހައްމަދު އިބްރާހިމަކީ އިސްލާމިކް ކޮމާޝިއަލް ލޯ ދާއިރާއިން ޔުނިވާސިޓީއިން އޮފް މެލޭޝިއާއިން ޑޮކްޓަރު އޮފް ފިލޯސޮފީ އާއި އިންޓަނޭޝަނަލް އެންޑް ކޮމާޝަލް ލޯގެ ދާއިރާއިން އިނގިރޭސިވިލާތުން މާސްޓާސް ހައްދަވާފައިވާ ބޭފުޅެކެވެ. އޭނާ އަކީ ގާނޫނީ ވަކީލެއްގެ ގޮތުގައި 16 އަހަރަށްވުރެ ގިނަ ދުވަހު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. ސުުޕްރީމްކޯޓުގައި ޖުމްލަ ހަތް ފަނޑިޔާރުން ތިއްބަވަން ޖެހެ އެވެ. އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުއާއެކު ސުޕްރީމް ކޯޓުގައި މިހާރު ތިއްބަވަނީ ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރު އަދި ފަނޑިޔާރު ހުސްނުއްސުއޫދު އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ