ޔާމީން އެކައުންޓްތައް ފްރީޒް ކުރަން އެދޭއިރު ލިބެންޖެހޭ އަދަދު ސާފުވާން ޖެހޭ: ބެންޗު

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އެކައުންޓްތައް ފްރީޒު ކުރުމުގެ އަމުރަކަށް އެދުނުއިރު، ދައުލަތަށް ލިބެން ޖެހޭނެ ކަމަށް ޓާގެޓް ކުރާ ފައިސާގެ އަދަދާބެހޭ އެންމެހާ މައުލޫމާތު ޝަރީއަތަށް ސާފު ކޮށްދެވޭ ވަަރަށް ތައްޔާރުވުމަށް ދައުލަތަށް އަންގަވައި، ރައީސް ޔާމީންގެ އެކައުންޓްތައް ފުރީޒް ކުރުމާބެހޭ އިސްތިއުނާފު ޝަރީއަތުގެ މިއަދުގެ އަޑުއެހުން ނިންމާލައިފި އެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން އަމުރެއް ނެރެފައި ވަނިކޮށް މިދިޔަ އަހަރުގެ މާޗް މަހު ހައި ކޯޓުން ވަނީ އެ އަމުރު ބާތިލުކޮށް، އެކައުންޓްތައް ދޫކޮށްލައިފަ އެވެ. އަދި އެ މައްސަލަ ދައުލަތުން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި އެ ކޯޓުގެ އޭރުގެ ފަސް ފަނޑިޔާރުންގެ ފުލް ބެންޗުން މައްސަލައިގެ އަޑުއެހުންތައް ބޭއްވި އެވެ. އަދި ބެންޗު ބަދަލުވުމުގެ ކުރިން އޮތީ މައްސަލައިގެ ހުކުމަކާއި ހިސާބަށް ގެންގޮސްފަ އެވެ.
މިހާރު މި މައްސަލަ ބައްލަވަނީ ފަނޑިޔާރު ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރުގެ އިތުރުން ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދެވެ.
މިއަދުގެ އަޑުއެހުމުގައި ސޫއޫދު ދައުލަތަށް ލިބެންޖެހޭ ކަމަށް ބުނާ ފައިސާތަކަކީ ކޮން ފައިސާތަކެއްކަން ތަފްސީލު ކޮށްދިނުމަށް ތަކުރާރުކޮށް އެދުމުން ވެސް ދައުލަތަށް އެކަން ސާފްކޮށެއް ނުދެވުނެވެ. އެހެން ކަމުން ފަނޑިޔާރު ވިދާޅުވީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ޓާގެޓްކުރާ އަދަދު ޝަރީއަތަށް ސާފު ކޮށްދެވޭ ވަރަށް ފުލުހުން ތައްޔާރު ވެގެން އައުމަށް އެދޭ ކަމަށާއި މި މައްސަލައަކީ މީހެއްގެ މުޅި މިލްކިއްޔާތާއި ގުޅިފައިވާ މައްސަލައެއް ކަމަށެވެ.
މި މައްސަލާގައި ޖަވާބުދާރީވަމުން ފުލުހުންގެ ފަރާތުން ބުނީ މި މައްސަލަ އެމްއެމްއޭގެ ފަރާތުން ހުށަހެޅުމުން ތަހުގީގު ކުރަން ފެށި ކަމަށާއި ތަހްގީގުގެ ތެރެއިން މި އެކައުންޓްތަކުން އެހެނިހެން މުއާމަލާތްތަކެއް ހިންގާފައިވާ ކަން ތަހުގީގަށް ހާމަވި ކަމަށެވެ.
ފުލުހުންގެ ވާހަކަ މެދު ކަނޑާލައްވާ ފަނޑިޔާރު ސުއޫދު ވަނީ ތުހުމަތު ކުރެވެނީ އެއް މިލިއަން ޑޮލަރުގެ މައްސަލައަކަށް ކަމަށް ވާއިރު، މުޅި މިލްކިއްޔާތު އެއްކޮޮށް ފްރީޒް ކުރުމުގެ އަމުރަކަށް އެދެވިދާނެ ކަމަށް ގަބޫލު ކުރަންތޯ އައްސަވާފަ އެވެ. އަދި ދައުލަތުން ބުނީ އެގޮތަށް އެދެވިދާނެ ކަމަށެވެ. ސަބަބެއް ކަމަށް ބުނީ މަނީ ލޯންޑްރިންގެ ގާނޫނުގައި ލޯންޑާކުރާ މުދަލާއި ފައިސާ އާއި އެއިން ހޯދާ މަންފާ ވެސް ދައުލަތަށް ނެގޭނެ ކަމަށް އެ ގާނޫނުގައި ބަޔާން ކުރާތީ ކަމަށެވެ.
ފުލުހުންގެ ފަރާތުން ބުނީ ހުރިހާ އެކައުންޓްތަކެއް ފްރީޒްކުރަން އެދުނީ އެއް މިލިއަން ޑޮލަރާ ގުޅިގެން ގިނަ މުއާމަލާތްތަކެއް ހިނގާފައިވާ ކަމަށް ފާހަގަ ކުރެވެމުން ކަމަށެވެ. އިތުރަށް ފާހަގަ ކުރެވުނީ ކޮން މުއާމަލާތްތަކެއްތޯ ސުވާލު ކުރެއްވުމުން ބުނީ ރައީސް ޔާމީނަށް މުސާރަ އާއި ނުބައްދަލު އާމްދަނީތަކެއް ލިބިވަޑައިގަތް ކަން ފާހަގަވި ކަމަށެވެ.
އެކަންތައް ކޯޓު އަމުރުގައި ފާހަގަ ކޮށްފައި ނުވަނީ ކީއްވެތޯ ވެސް ފަނޑިޔާރު ސުއޫދު ވަނީ ސުވާލު ކުރައްވާފަ އެވެ.
"ބައްލަވާ ތި ވާހަކައެއް ނެތޭ އެދިވަޑައިގަތް އަމުރުގައި ލިޔުއްވާފައެއް. ތި ވާހަކަ ނެތޭ ޑޮކިއުމެންޓްގެ ގޮތުގައި ހުށަހަޅުއްވާފައެއް. ހަމަ ހިތްޕުޅުގައި އޮތް ވާހަކައެއް ތި ވިދާޅުވަނީ،" ފަނޑިޔާރު ސުއޫދު ވިދާޅުވި އެވެ. މިކަމަށް ރަނގަޅަށް ތައްޔާރުވެފައި ނުވާ ކަމަށާއި ތައްޔާރުވެގެން ވަޑައިގަތުމަށް ސުއޫދު ވަނީ އެދިވަޑައިގެންފަ އެވެ.
މިއަދުގެ އަޑުއެހުމުގައި ރައީސް ޔާމިންގެ ގާނޫނީ ވަކީލު އަބްދުﷲ ޝިޔާޒް ވިދާޅުވީ ވާހަކަ ދައްކަވަން އޮތީ ނުލިބޭ ޑޮކިއުމަންޓުތަކެއްގެ މައްޗަށް ކަމަށެވެ. އެގޮތުން ދައުލަތުން ކޯޓު އަމުރަށް އެދި ހުށަހެޅި އެއްވެސް ލިޔެ ކިޔުމެއް މިހާތަނަށް ލިބި ވަޑައިގެންފައި ނުވާ ކަމަށާއި ޝަރުއީ މަރުހަލާގެ ތެރެއަށް ވަންނަ ކޮންމެ ލިޔެކިއުމެއް ވެސް ތުހުމަތު ކުރެވޭ މީހާއަށް ގާނޫނު ބުނާ ގޮތުން ލިބެންޖެހޭނެ ކަމަށެވެ.
ދައުލަތުން ބުނީ ދަށު ކޯޓަށް އެސްޓީއާރް ހުށަހަޅާފައި ނުވާނެ ކަމަށާއި އަދި ދައުލަތުން ދަށު ކޯޓަށް ހުށަހަޅާފައި ވާނީ، ބޭންކް ސްޓޭޓްމެންޓަކާއި، އެމްއެމްއޭގެ ސިޓީއެއް ކަމަށެވެ. އެއަށް ރައްދު ދެއްވަމުން ޝިޔާޒް ވިދާޅުވީ މި މައްސަލައިގައި ދައުލަތުން ހުށަހަޅާފައިވާ ބޭންކް ސްޓޭޓްމެންތްތަކަކީ ކޮބައި ކަމާއި އެސްޓީއާރަކީ ކޮބައިކަން ވެސް ނޭނގޭ ކަމަށެވެ. ދައުލަތުން ހުށަހަޅާފައިވާ އެސްޓީއާރަކާއި ގުޅޭ ސިޓީއެއް ކަމަށް ބުނާއިރު އެއާއެކު އެސްޓީއާރު ވެސް އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށް އޭނާ ވަނީ ވިދާޅުވި އެވެ.
ޝިޔާޒްގެ ވާހަކަތަކާ ގުޅިގެން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތުގައި އިންނެވި ސުއޫދު ވިދާޅުވީ މަނީ ލޯންޑްރިން އާއި ޓެރަރިޒަމް ފައިނޭންސް އެކްޓްގެ ދަށުން އެސްޓީއާރަކީ ދޫކުރުން ހުއްދަ ކުރެވިފައިވާ ލިޔެކިއުމެއް ނޫން ކަމަށެވެ. އެހެން ނަމަވެސް އެއާބެހޭ ގޮތުން ފުލުސް އޮފީހުން ދޫކޮށްފައި އޮތް ސިޓީއެއް ނުވަތަ ދައުލަތުން ފާހަގަ ކުރާ ސިޓީއިން ފުދޭނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ.
އޭގެ ރައްދުގައި ޝިޔާޒް ވިދާޅުވީ އެ ގާނޫނުގައި ބަޔާން ކުރާ ގޮތުން އެސްޓީއާރުގައި ބަޔާން ކުރާ ކަމެއް، މައްސަލައަކުން ދިފާއުވުމަށް އެނގެން ޖެހޭނެ ކަމަށް ބުނެފައިވާ ކަމަށެވެ. އެއާއެކު ފަނޑިޔާރު ސުއޫދު ވަނީ، އެ ކޮންޓެންޓު ރައީސް ޔާމީންގެ ވަކީލަށް ފޯރުކޮށް ދިނުމަށް ދައުލަތަށް އަންގާފަ އެވެ.
ޝިޔާޒް އިތުރަށް ވިދާޅުވީ، އެމްއެމްއޭގެ ސިޓީގައިވާ ކަންކަމުގައި ބަޔާންކޮށްފައި ވަނީ ރައީސް ޔާމީންގެ އިސްލާމިކް ބޭންކް އެކައުންޓަކަށް ޖަމާ ކޮށްފައިވާ ފައިސާތަކާއި ގުޅިގެން ނޫން ކަމަށާއި އެ ސިޓިގައި ބަޔާންކޮށްފައި އޮތީ އެ މަނިކުފާނުގެ ބީއެމްއެލް އެކައުންޓަކުން، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދެމެދު ހުޅުވާފައިވާ އެކައުންޓަށް ޖަމާ ކުރި އެއް މިލިއަން ޑޮލަރާއި މެދު ހުށަހަޅާފައިވާ ކަންތަކެއް ކަމަށެވެ. އެހެން ކަމުން މި ލިޔުންތަކުން ހާމަވެގެން ދަނީ ކަމާ ނުވެސް ގުޅޭ އެކައުންޓްތަކެއް ފްރީޒް ކުރުމަށް އަމުރެއް ނެރެފައިވާ އޮތްކަން ކަމަށެވެ. އެހެން ކަމުން މިއީ ހުރިހާ އެކައުންޓްތަކެއްގެ މުއާމަލާތް ހުއްޓުވުމަށްޓަކާ ހުށަހަޅާފައިވާ އަމުރެއް ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ.
"ދިވެހި ރާއްޖޭގެ ހައި ކޯޓުން ވެސް ނިންމާފައި އޮތީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހުށަހަޅާފައިވާ ލިޔެކިއުންތަކަކީ އެއީ އެއްވެސް ހާލަތެއްގައި އިސްލާމިކް ބޭންކް އެކައުންޓާއި ގުޅުމެއް ހުރި ލިޔެކިއުންތަކެއްގެ ގޮތުގައި ނޫން ކަމަށް. އަދި ބީއެމްއެލްގައި ހުޅުވާފައިވާ އެކައުންޓުގެ އާދަޔާ ހިލާފު އެއް މިލިއަން ޑޮލަރުގެ މުއާމަލާތް ހިންގުމުގެ ހައިސިއްޔަތާއި މެދު ސުވާލު އުފެދޭކަމަށް ބުނެފައިވޭ. މިކަން ބަލަން ޖެހޭ ކަމަށް ބުނެފައިވާ ސިޓީ އާއި އެކު ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ރައީސް ޔާމީންގެ ނަމުގައި އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އަށް އެކައުންޓެއް." އޭނާ ވިދާޅުވި އެވެ.
ޝިޔާޒް ވިދާޅުވީ ކޯޓު އަމުރު ނެރެން ޖެހޭނީ ޖިނާއީ އިޖުރާއަތްތަކުގެ ގާނޫނު ފުރިހަމަ ކުރުމަށްފަހުގައި ކަމަށާއި އެހެން ކަމުން އެ ގާނޫނުގެ ދަށުން މޮނިޓަރިންގެ އަމުރެއް ނެތި އެކައުންޓްތައް ފްރީޒް ނުކުރެވެނެ ކަމަށެވެ.
ފަނޑިޔާރު ސުއޫދު ވަނީ އެކައުންޓްތައް ފްރީޒް ކުރުމަށް ކޯޓު އަމުރަކަށް އެދުނު އިރު އެއީ ކޮން ގާނޫނެއްގެ ދަށުން ކޮން އިޖުރާއަތެއްގެ ދަށުން އެދިފައިވާ މައްސަލައެއްކަން ހާމަކޮށްފައި ނުވާ ކަމަށެވެ. ކޯޓު އަމުރަށް އެދުނުއިރު އެކަން ކުރަނީ ކޮން ގާނޫނެއްގައި ބަޔާންކުރާ ކޮން އިޖްރައާތެއްގެ ދަށުންކަން ބަޔާން ނުކުރީ ކީއްވެގެންތޯ ވެސް ސުވާލު ކުރެއްވި އެވެ.
ދައުލަތުން ބުނީ އެފަދަ އަމުރުތައް ނެރެނީ ޖިނާއީ އިޖްރައާތުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ހަދާފައިވާ ޝަރީއަތް ކުރުމާބެހޭ ޖިނާއީ އިޖްރައާތުގެ ގަވާއިދުގައި ބަޔާންކުރާ ފޯމެޓުން ކަމަށެވެ. އެހެންވެ، އެ އަމުރު ގޯސް ކަމަށް ނުބުނެވޭނެ ކަމަށެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި އަޑު އެހުމުގެ ތެރޭގައި އަމިއްލަފުޅު ދިފާއުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ، އެމަނިކުފާނުގެ މުސާރަ އާއި ނުބައްދަލު އާމްދަނީއެއް ލިބުނު ކަމާގުޅޭ ގޮތުން ތަހުގީގުގެ ތެރެއިން ފުލުހުން އެއްވެސް ވަރަކަށް ސުވާލު ކޮށްފައި ނުވާ ކަމަށެވެ. އެމަނިކުފާނަކީ ސިޔާސީ ބޭފުޅެއް ކަމަށާއި އަދި ސިޔާސީ ޕާޓި ހިންގަވާ ކަމަށް ވިދާޅުވެ ރައީސް ޔާމީން ވަނީ އަތުގައި ފައިސާ ނުބެހެއްޓޭނެ ކަމަށް އެއްވެސް ގާނޫނެއްގައި ބުނެފައިނުވާ ކަމަށެވެ.
ޔާމީންގެ އެކައުންޓްތައް ފްރީޒުކުރި އަމުރު ހައިކޯޓުން ބާތިލް ކުރީ އެ އަމުރަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާ 73 ވަނަ މާއްދާގައި ބުނާ އިޖުރާއަތްތަކާ ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށް ކަނޑައެޅުމަށް ފަހު އެވެ. އެ ދެ މާއްދާއަކީ މީހެއްގެ އެކައުންޓް ފްރީޒުކުރަން އަމުރު ނެރުމުގެ އިޖުރާއަތްތައް ބަޔާންކުރާ ދެ މާއްދާ އެވެ.
ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 72 ވަނަ މާއްދާގެ އަކުރު (ހ) ގައިވާ އެންމެ ފުރަތަމަ އެދެން ޖެހޭނީ އެކައުންޓް މޮނީޓާ ކުރުމުގެ އަމުރަކަށެވެ. މީހެއްގެ ބޭންކް އެކައުންޓް މޮނީޓާކުރުމުގެ އަމުރަކަށް އެދެވޭނެ ހާލަތްތައް އެ މާއްދާގައި ބަޔާންކުރެ އެވެ.
ދެން އޮތް 73 ވަނަ މާއްދާގެ އަކުރު (ހ) ގައިވާ ގޮތުން މޮނިޓާކުރުމުގެ އަމުރެއްގެ ދަށުން ބަލަމުންދާ ބެލުންތަކުން ޖިނާއީ ބޮޑު ކުށެއް ފާހަގަވާކަމަށް ވާނަމަ، އެ އެކައުންޓްގައިވާ ފައިސާ، ވަކި މުއްދަތަކަށް ހިފެހެއްޓުމަށް ނުވަތަ އެ ފައިސާއިން މުޢާމަލާތްކުރުން ހުއްޓުވުމުގެ ކޯޓު އަމުރަކަށް ގާނޫނު ތަންފީޒުކުރާ އިދާރާއަށް އެދެވިދާނެއެވެ.
ހައިކޯޓު ހުކުމްގައި ބުނީ އެމްއެމްއޭގެ ސިޓީއާއި އެކައުންޓް ފްރީޒް ކުރުމުގެ އަމުރު ނެރެދިނުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅުމާއި ދެމެދު މޮނިޓަރިން އަމުރަކަށް އެދި ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދައުލަތަށް ލިބިގެން ގޮސްފައިވާއިރު، ދައުލަތުގެ ފަރާތުން މޮނިޓަރިން އަމުރަކަށް އެދި ހުށަހަޅާފައިނުވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ