މަޖިލީހަށް ހޮވުނީ ނަޝީދު ތަގުރީރު ދީގެނެއް ނޫން: ޝަރީފް

ރައްޔިތުންގެ މަޖިލީހަށް އޭނާ ހޮވައިދިނީ މަރަދޫ ދާއިރާގެ ރައްޔިތުން ކަމަށާއި އެއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ތަގުރީރު ދެއްވައިގެން ވެފައިވާ ކަމެއް ނޫން ކަމަށް މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް ވިދާޅުވެއްޖެއެވެ.
ޝަރީފް މިހެން ވިދާޅުވީ އެމްޑީޕީގެ މެނިފެސްޓޯ ވިއްކައިގެން އަދި ނަޝީދު ދާއިރާތަކަށް ގެންގޮސް ތަގުރީރު ދެއްވައިގެން މެމްބަރުންތަކެއް ހޮވުނު ކަމަށް ޓްވިޓާގައި އާންމު ފަރާތަކުން ކުރި ޓްވީޓާކައި ގުޅިގެންނެވެ.
އެ ޓްވީޓާއި ގުޅިގެން ޝަރީފު ވިދާޅުވީ އޭނާ މަޖިލީހަށް ހޮވައިދިނީ މަރަދޫގެ ރައްޔިތުން ކަމަށާއި، މަޖިލީހަށް ހޮވުނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނުވަތަ ނަޝީދު ތަގުރީރު ދެއްވައިގެން ނޫން ކަމަށެވެ. އަދި އެމްޑީޕީ އުފެދުމުގެ މާކުރިން ވެސް އައްޑޫ ރައްޔިތުން އޭނާ ހޮވި ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ.
"އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ އަގު ވައްޓާ ނިކަމެތި ކުރަން ތި ޒާތުގެ ވާހަކަ ނުލިޔުއްވާ" ޝަރީފް ވިދާޅުވިއެވެ.
Alhugandu hovaidhinee Maradhoo ge lobuvethi rayyithun. President @ibusolih nuvatha president @MohamedNasheed speech dhevaigeneh noon. MDP ufedhmuge maakurin ves Addu lobuvethi rayyithun alhugandu hovi. MDP ge PG members ge agu vahtaa nikamethi kuran thizaathuge vaahaka nuliyuvvaa
— Ibrahim Shareef (@AdduShareef) August 13, 2020
ނަޝީދު އިސްވެ ހުންނަވައި މި ސަރުކާރުގެ އިކޮނޮމިކް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ ވޯޓު މަޖިލީހަށް ވައްދަން މަސައްކަތް ކުރަމުންދާއިރު، މި މައްސަލައާއެކު އެމްޑީޕީގެ ތެރޭގައި ވަނީ ބައިބައިވުން އުފެދިގެން ގޮސްފައެވެ. އެގޮތުން ބައެއް މެމްބަރުން ސޯޝަލް މީޑިއާގައި އަންނަނީ ފައްޔާޒުގެ ދިފާއުގައި ވާހަކަދައްކަވަމުންނެވެ.
ނަމަވެސް ފައްޔާޒުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދަން އުޅޭ ސަބަބެއް މިހާތަނަށް އެކަމުގައި އުޅުއްވާ ބޭފުޅުން ހާމަކޮށްފައެއް ނުވެއެވެ.
އެކަމާ ގުޅިގެން ރާއްޖެޓީވީގައި ވާހަކަދައްކަވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ އިތުބާރު ނެތްކަމުގެ ވޯޓެއް ނަގަންޖެހޭ ވަރުގެ ކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި ތަކުރާރުކޮށް އޭނާ އަށް ގޯސްތަކެއް ހެދޭނަމަ އެކަން އޭނާއާ ވެސް ހިއްސާކުރާނެ ކަމަށެވެ.
މަޖިލީހުން އޭނާ ވަކިކުރަން ފާސްކޮށްފިނަމަ އެކަން އެ ނިމުނީ ކަމަށާއި އެ ނޫންނަމަ މިހާރެކޭ އެއްގޮތަށް މަސައްކަތާއިގެން ކުރިއަށް ވަޑައިގަންނަވާނެ ކަމަށްވެސް ފައްޔާޒު ވިދާޅުވިއެވެ.
"މިއީކީ އަޅުގަނޑުގެ ފައިޓެއް ނޫން. އަޅުގަނޑު ކުރަމުންދާ މަސައްކަތް އަޅުގަނޑު ކުރާނަން. އެމްޑީޕީގެ މެމްބަރުން ވިޔަސް އަދި އެހެން މެމްބަރުން ވެސް މަޖިލީހުގެ މެމްބަރުންނަށް އަޅުގަނޑު ބަހައްޓަން ނުފެންނަ ކަމަށް، އޭގައި އަޅުގަނޑުގެ މައްސަލައެއް އޮތަސް ނެތަސް މަޖިލީހަށް އެގޮތަށް ފެނިގެން އެ ވޯޓު ލައިފިއްޔާ އެކަން އެ ނިމުނީ. ތަގުދީރުގައި ލިޔެވިފައި އޮންނާނެ މިކަން އޮންނާނެ ގޮތް. އެކަމަކާ މާބޮޑު ކަންބޮޑުވުމެއް ނެތް" ފައްޔާޒު ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ