މިއަދުވެސް ހަވީރު ދިޔަވަރު ބޮޑުވާ ވަގުތުގައި މެދުރާއްޖެތެރެ އާއި ދެކުނުގެ ރަށްތަކަށް އުދައެރުމުގެ ފުރުސަތު ބޮޑުކަމަށް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
އިންޑިއާ ކަނޑުގައި އުފެދެމުންދާ ބާނިތަކެއްގެ ސަބަބުން ވޭތުވެ ދިޔަ ދެ ދުވަހުވެސް ދިޔަވަރު ބޮޑުވި ވަގުތުތަކުގައި ރާއްޖޭގެ ގިނަ ރަށްތަކަށް ވަނީ ވަރަށް ބޮޑަށް އުދައަރާފައެވެ. އަދި މިއަދު ހެނދުނުވެސް ދެކުނުގެ އަތޮޅުތަކަށް ވަަރަށް ބޮޑަށް އުދައަރައިގެން ވަނީ ރިޕޯޓްކޮށްފައެވެ.
ދެކުނުގެ އަތޮޅުތަކަށް މިއަދު ދިޔަވަރު ބޮޑުވާނެކަމަށް މެޓް އޮފީހުން ލަފާ ކުރަނީ ހަވީރު 17:23 ހާއިރުގައެވެ. މެދުރާއްޖެތެރޭގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނީ ހަވީރު 16:36 ހާއިރުގައެވެ. އަދި އުތުރުގެ ރަށްތަކަށް ދިޔަވަރު ބޮޑުވާނެކަމަށް މެޓުން ލަފާކޮށްފައި ވަނީ މެންދުރުފަހު 15:55 ހާއިރެވެ. ދިޔަވަރު ބޮޑުވާ ވަގުތުގައި ރާޅުތަކުގެ އުސްމިނުގައި 2ފޫޓާއި 4 ފޫޓާއި ދެމެދުގެ އުސްމިނެއް ހުންނާނެ ކަމުގައި މެޓް އޮފީހުން ވިދާޅުވެއެވެ،
މިއަދުގެ މޫސުން މެޓުން ލަފާކޮށްފައިވާގޮތުގައި އުތުރުގެ އެކި ހިސާބުތަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި އަދި އެހެން ހިސާބުތަކަށްވެސް ކެރީގެ އަސަރު ފޯރާނެ ކަމުގައި މޫސުމާއި ބެހޭ ޤައުމީ އިދާތާރާއިން ވިދާޅުވެއެވެ.
ވައިޖެހޭ ބާރުމިން އާއްމުގޮތެއްގައި ހުންނާނީ 3 މޭލާއި 13 މޭލާއި ދެމެދުގައި ކަމަށާއި. ނަމަވެސް ވިލާގަނޑުގައި ގަޑިއަކު 35 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމުގައިިވެސް މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ،
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ދިޔަވަރު ބޮޑުވާ ވަގުތުގައި އުދަ އަރާނެކަމަށް ލަފާކޮށް އެކަމަށް ހުރިހާ ފަރާތްތަކަކުން ސަމާލްވުމަށް އިލްތިމާސްކޮށްފައެވެ. ވޭތުވެދިޔަ ދެތިން ދުވަހު އައްޑުއާއި ހުވަދޫ އަތޮޅުގެ ބައެއް ރަށްތަކާއި، މާލެ ސަރަޙައްދުގެ ރަށްތަކަށް އުދައަރައިގެންވެސް އެކި ވަރުގެ ގެއްލުންތައްވަނީ ވެފައެވެ. މެޓުންވަނީ މާދަމާވެސް ރާއްޖޭގެ އެކި ހިސާބުތަކަށް އުދައަރާނެކަމަށް ލަފާކޮށްފައެވެ.
ދިޔަވަރު ބޮޑުވާނީ ހަވީރު، މިއަދުވެސް އުދައެރުމުގެ ފުރުސަތު ބޮޑު: މެޓް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ