ޝިޕިން އޭޖެންޓުން ރެޖިސްޓްރީ ކުރަން ޖެހޭ ގަވައިދު އުވާލައިފި

ޝިޕިން އޭޖޭންޓަކަށް ވުމަށް މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީގައި ރެޖިސްޓްރީން ވާންޖެހޭ ގަވައިދު އުވާލައިފި އެވެ.
މި ގަވައިދު އެކުލަވާލާ އާންމު ކުރި ފަހުން އެޖެންޓުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރެޖިސްޓްރީ ކުރުމަށް ދިން ފުރުސަތު ތިން ފަހަރެއްގެ މަތިން ވަނީ އިތުރުވެސް ކޮށްދީފަ އެވެ.
އެގޮތުން ޓްރާންސްޕޯޓު އޮތޯރިޓީ އިން ބުނީ އެ ގަވައިދު އުވާލީ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުން އެ ގަވައިދުގައި މައްސަލަތަކެއް ހުރިކަމަށް ބުނެ ކަންބޮޑުވުން ފާޅުކުރަމުންދާތީ ކަމަށެވެ.
ޓްރާންސްޕޯޓު އޮތޯރިޓީ އިން ގެޒެޓުކޮށް، އިއްޔެ އުވާލި ގަވައިދު ބުނާގޮތުން ޝިޕިން އޭޖެންޓު ނުވަތަ ފުރައިޓު ފޯވާޑަރާއި ކޮންސައިނީ މުދަލެއް ހަވާލުކޮށް އެ މުދާ އެންމެ ފަހު ބަނދަރަށް ބޭލުމާ ހަމަޔަށް ދައްކަންޖެހޭ އެންމެހައި ފައިސާ ދައްކަންވާނީ ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވަޑަރެވެ.
ކޮންސައިނީއަށް ޑެލިވަރީ އޯޑަރު ދޫކުރުމަށް ޝިޕިން އޭޖެންޓް ނުވަތަ ފުރައިޓް ފޯވާޑަރު ސީދާގޮތުންނާއި ނުސީދާގޮތުންވިޔަސް ކުރިން އެއްބަސްވެފައިވާ ފުރައިޓުގެ އިތުރަށް އެއްވެސް ކަމަކަށް ކޮންސައިނީގެ އަތުން ފީއެއް ނަގައިގެން ނުވާނެ ކަަމަށް ބުނެފައިވެ އެވެ.
ނަމަވެސް ޝިޕިން ޑޮކިއުމަންޓަށް ބަދަލެއް ގެންނަން ޖެހިއްޖެނަމަ، އެކަމަށް ކުރިން ކަނޑައަޅައިފައިވާ އަގަކާއި ޑެލިވަރީ އޯޑަރަށް އެޑްމިނިސްޓްރޭޓިވް ފީއެއްގެ ގޮތުގައި ގިނަވެގެން 500 ރުފިޔާގެ ފީ އެއް ނެގިދާނެ ކަމަށްވެސް ބުނެފައިވެ އެވެ.
މީގެ ކުރިން ޓްރާންސްޕޯޓުން ބުނީ 112 ފަރާތަކުން އެ ގަވައިދުގެ ދަށުން ރެޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާ ކަމަށެވެ. ގަވައިދު އުވާލާ އިއްޔެ ގެޒެޓުގައި ވަނީ ޝާއިއު ކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ