މިނިވަންދުވަހުގެ މުނާސަބަތުގައި ރަސްމީ ފުޓުބޯޅަ ދަނޑުގައި މިރޭ ބާއްވަން ނިންމި ހެވިކަމާއި ކުޅިވަރުގެ ހަރަކާތްތައް މޫސުން ތަންނުދިނުމާއި ގުޅިގެން މާދަމާ ރެއަށް ފަސްކޮށްފައިވާ ކަމަށް ހޯމް މިނިސްޓްރީން ބުނެފިއެވެ.
އެމިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރ އަހުމަދު ސަލީމް ވިދާޅުވީ މިރޭ ބާއްވަން ނިންމި ހެވިކަމާއި ކުޅިވަރުގެ ރަސްމީ ހަރަކާތްތަށް މާދަމާރެއަށް ފަސްކުރަން ޖެހުނީ މޫސުން ތަން ނުދިނުމާއި ގުޅިގެން ކަމަށެވެ. އަދި ދެން އެހަރަކާތް އޮންނާނީ މާދަމާރޭ ކަމަށްވެސް ސަލީމް ވިދާޅުވިއެވެ.
ހެވިކަމާއި ކުޅިވަރުގެ ރަސްމީ ހަރަކާތްތަށް މާދަމާރެއަށް ފަސްކޮށްފައިވާއިރު ރޭ ވަނީ އާއްމުންނަށް ހުޅުވާލައިގެން ރިހާސަލް ބާއްވާފައެވެ.
ނަމަވެސް މާދަމާރޭ އޮންނަ ރަސްމީ ހަރަކާތްތަށް ބަލާލުމަށް ދަނޑަށް ވަދެވޭނީ ހަމައެކަނި ދައުވަތު އެރުވޭ ފަރާތްތަކަށް ކަމުގައިވެސް އެމިނިސްޓްރީން ބުނެފައިވެއެވެ.
މިގޮތުން ދައުވަތު އެރުވިގެން ވަޑައިގަންނަވާ ބޭފުޅުންވެސް ހޮނިހިރު ދުވަހުގެ ރޭ 7:45 އާއި 8:45 އާ ދެމެދު ދަނޑަށް ވަންނަން ޖެހޭނެ ކަމަށާއި، ދަނޑުގެ ގޭޓުތައް 8:45 ގައި ބަންދު ކުރުމަށްފަހު އެއްވެސް ފަރާތަކަށް ދަނޑަށް ވަނުމަށް ފުރުޞަތު ނުދެވޭނެ ކަމުގައި ހޯމްމިނިސްޓްރީން ވަނީ ބުނެފައެވެ.
ކުރިން އޮތްގޮތުން ހެވިކަމާއި ކުޅިވަރުތައް ހޮނިހިރުދުވަހުގެރޭ ބޭއްވުމަށް ހަމަޖައްސާފައިވާތީ 31 ވާ އާދީއްތަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖައްސާފައެވެ. ނަމަވެސް އެހަރަކާތް މާދަމާ ރެއަށް ފަސްކޮށްފައިވާއިރު ޗުއްޓީ ބަންދާއި ގުޅިގެން އިތުރު ނިންމުމެއް ސަރުކާރުން އަދި ނިންމާފައެއް ނުވެއެވެ. މިހާރު އޮތްގޮތުން އަންނަ ހޯމަ ދުވަހު ސަރުކާރު ހުޅުވޭނެއެވެ.
މޫސުން ތަންނުދިނުމުން ހެވިކަމާއި ކުޅިވަރުގެ ހަރަކާތް މާދަމާރެއަށް ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ