ކުރިއަށް އޮތް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމާއި ބައްދަލުކުރައްވައިފިއެވެ.
އުމަރު ވަނީ ގާސިމް އިބްރާހީމާއި ބައްދަލުކުރެއްވުމަށް އެމަނިކުފާނު ދިރިއުޅުއްވާ މ.މާފަންނުވިލާއަށް މިރޭ ވަޑައިގެންފައެވެ.
ބައްދަލުވުމަށްފަހު ނިކުމެވަޑައިގެން ނޫސްވެރިންނާ ވާހަކަދައްކަވަމުން އުމަރު ވިދާޅުވީ ގާސިމާއި ބައްދަލުކުރެއްވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ވާދަކުރައްވަން ނިންމަވާފައިވާތީ ގާސިމްގެ ތާއީދު ހޯއްދެވުމަށް ކަމަށެވެ.
ވިސްނެވުމަށްފަހު ޖަވާބެއް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެފައިވާ ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި ވިދާޅުވީ ގާސިމް އިބްރާހީމަކީ ރާއްޖޭގައި ބާއްވާ ކޮންމެ ރިޔާސީ އިންތިޚާބެއްގައި ވެސް ކިންގްމޭކާ ކަމަށާއި ވެރިކަމަށް އަންނަ ބަޔަކު އަންނަނީ އެމަނިކުފާނުގެ މަދަދާއެކު ކަމަށެވެ. އެހެންކަމުން ގާސިމްގެ ތާއީދު ލިބިވަޑައިގަންނަވާނެ ކަަމަށް އުންމީދު ކުރައްވާ ކަމަށް ވެސް އުމަރު ވިދާޅުވިއެވެ.
ރައީސް ޔާމީންގެ ވެރިކަމުގައި އުމަރު ހޯމް މިނިސްޓަރުކަމަށް ވަޑައިގަތީވެސް ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައެވެ.
2018 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރައްވާނެކަން އިއުލާންކުރައްވައި އުމަރު ވިދާޅުވެފައިވަނީ ގައުމުގެ އިސް ބޭބޭފުޅުންގެ ތާއީދު އޭނައަށް ލިބިވަޑައިގަންނަވާނެ ކަަމަށެވެ.
ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ނިކުންނަވާނެކަން އިއުލާންކުރައްވައި އެކި ބޭބޭފުޅުންގެ ތާއީދު ހޯއްދެވުމަށް އުމަރު މަސައްކަތް ފައްޓަވާފައި ވާއިރު ވެރިކަން ކުރާ ޕީޕީއެމްގެ ތެރޭގައި ވަރަށް ބޮޑަށް ޚިޔާލުތަފާތުވުން އުފެދި ޕާޓީ ވަނީ ދެބައިވެފައެވެ.
ޕާޓީގެ ރައީސް މައުމޫނަށް ތާއީދުކުރާ ބަޔަކާއި ރައީސް ޔާމީނަށް ތާއީދުކުރާ ބަޔަކު ތިބިއިރު އުމަރަކީ މައުމޫން ފަޅީގެ ބޭފުޅެކެވެ.
ރައީސް ޔާމީނަށް ޕްރައިމަރީއަކާ ނުލައި ރިޔާސީ ޓިކެޓު ދިނުމަށް ޕާޓީގެ ކައުންސިލުގެ ގިނަ މެމްބަރުން ތާއީދުކުރެއްވި ނަމަވެސް ޕާޓީގެ ރައީސް މައުމޫން އެކަމާ ދެކޮޅެވެ.
އުމަރު ނަސީރު ގާސިމް އިބްރާހީމްއާއި މިރޭ ބައްދަލުކުރައްވާފައި މިވަނީ ރައީސް ޔާމީނަށް ތާއީދުކުރައްވާ ބޭފުޅުންވެސް މިދިޔަ ހަފުތާގައި ގާސިމާއި ބައްދަލުކުރައްވާފައި ވަނިކޮށެވެ. އެ ބައްދަލުވުމުގައި ދެކެވުނު ވާހަކައެއް ނޭނގެއެވެ.
ގާސިމްގެ ތާއީދު ހޯއްދެވުމަށް އުމަރު މަސައްކަތް ފައްޓަވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ