ސްކޫލް ތަކުގައި އެނާޖީ ޑްރިންކް ގެންގުޅުން މަނާކޮށްފި

އަންނަ އާދީއްތަ ދުވަހުން ފެށިގެން ރާއްޖޭގެ ސްކޫލްތަކާއި މަދަރުސާތަކުގައި އެނާޖީ ޑްރިންކް ގެންގުޅުމާއި ބޭނުންކުރުން އެޑިއުކޭޝަން މިނިސްޓްރީން މަނާކޮށްފި އެވެ.
އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ޝަފީއު ސޮއި ކުރައްވައި ރާއްޖޭގެ ހުރިހާ ސްކޫލުތަކަށް މިއަދު ފޮނުވި ސާކިއުލާގައި ބުނެފައިވަނީ، އަންނަ އާދިއްތަ ދުވަހުން ފެށިގެން ސްކޫލުތަކުގައި އެނާޖީ ޑްރިންކް ބުއިމާއި ވިއްކުން މަނާ ކުރަން ރައީސް އޮފީހުން އަންގާފައިވާ ކަމަށެވެ.
އެނާޖީ ޑްރިންކުން ލިބޭ ގެއްލުން ކުޑަ ކުރަން ސްކޫލުތަކުގައި ހުންނަ ކެންޓީނުތަކާއި ސްކޫލުތަކުން ހިންގާ އިތުރު ހަރަކާތްތަކުގައި، ގަންނަން ނުވަތަ އެ ނޫން ގޮތަކަށް ވެސް އެނާޖީ ޑްރިންކް ލިބެން ނުހުންނަ ގޮތަކަށް ހެދުމަށް ވެސް ރައީސް އޮފީހުން އަންގާފައިވާކަމަށް ސާކިއުލާގައި ވެ އެވެ.
މީގެ އިތުރުން ދަރިވަރުންނާއި ސްކޫލުތަކުގެ މުވައްޒަފުން އެއްވެސް ބާވަތެއްގެ އެނާޖީ ޑްރިންކެއް ސްކޫލަށް ގެނައުން ވެސް ވަނީ މަނާ ކޮށްފަ އެވެ.
އަދި ހަމަ އެހެންމެ, ސްކޫލުން ބާއްވާ އެކި ހަރަކާތްތަކުގައި އެނާޖީ ޑްރިންކާއި އެ ތަކެތީގެ ސްޕޮންސާ ބޭނުން ކުރުމާއި އެނާޖީ ޑްރިންކްގެ އިޝްތިހާރުތައް، ސްކޫލުތަކުގެ ތެރޭގައި ތިބޭއިރު ފެންނަ ގޮތަށް، މަގުމަތިންނާއި އިމާރާތްތަކުގައި ހަރުކުރުން ވެސް ވަނީ މަނާކޮށްފަ އެވެ.
އެނާޖީ ޑްރިންކްގެ އެއްވެސް އިޝްތިހާރެއް ސްކޫލު ސަރަހައްދުގައި ބަހައްޓާފައިވާ ނަމަ އެ ކަން ކައުންސިލްތަކާއި އެ މިނިސްޓްރީ އަށް އެންގުމަށް ވެސް، މިނިސްޓްރީން ވަނީ އެދިފަ އެވެ.
"އެނާޖީ ޑްރިންކްސްގެ އެއްވެސް އިޝްތިހާރެއް ސްކޫލް ގޯތީގެ ވަށައިގެންވާ މަގެއްގައި، ނުވަތަ ސްކޫލުގައި ތިބޭއިރު އެއްވެސް ފަރާތަކުން ފެންނަން ހުންނާނެ ގޮތަށް ބަހައްޓާފައިވާ ނަމަ، އެކަން މާލޭގައި ނަމަ އެޑިއުކޭޝަން މިނިސްޓްރީ އަށް، އެހެން ރަށްރަށުގައި ނަމަ އެ ރަށެއްގެ ރަށުގެ ނުވަތަ ސިޓީގެ ކައުންސިލް އިދާރާ އަށް އަންގަވައި އެފަދަ އިޝްތިހާރުތައް ނަންގަވާދެއްވުމަށް އެދި އެ ފަރާތްތަކަށް ދެންނެވުން. އަދި މިކަމުގެ އެހީތެރިކަން އެޑިއުކޭޝަނުން ހޯއްދެވުން،" ސާކިއުލާގައި ބުންޏެވެ.
ސްކޫލުތަކުގެ ދަރިވަރުން އެނާޖީ ޑްރިންކް ބޭނުންކުރުން އާއްމުވަމުން ދާއިރު، ދަރިވަރުންގެ ސިއްހަތަށް ވެސް އޭގެ ސަބަބުން ނުރަނގަޅު ބަދަލުތަކެއް އަންނަމުންދާ ކަމަށް ތަފާތު އެކި ސާވޭތަކުން ދައްކަ އެވެ. އެގޮތުން ހެލްތް މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީން މި ފަހުން ހެދި ސާވޭއަކުން ވަނީ ދަރިވަރުންގެ ދަތްތަކަށް ވަރަށް ބޮޑު ގެއްލުމެއް ލިބިފައިވާކަން ފާހަގަކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ