މުއްލާ މުހައްމަދު އުމަރު މަރާލާފައިވާ ކަމަށް ބުނާ ހަބަރު ތާލިބާނުން ދޮގުކޮށްފި

އަފްޣާނިސްތާން އަޅުވެތިކޮށްގެން އުޅޭ ހުޅަނގުގެ އިސްތިއުމާރީ ބާރުތަކާ ހަނގުރާމަ ކުރަމުންދާ އެ ގައުމުގެ ހަމަ އެކަނި ޖަމާއަތްކަމަށްވާ ތާލިބާނުންގެ ވެރިޔާ މުއްލާ މުއްމަދު އުމަރު މަރާލާފައިވާ ކަމަށް ބުނެ އަފްޣާނިސްތާނާއި ޕާކިސްތާންގައި ފަތުރަމުންދާ ހަބަރުތައް އެ ޖަމާއަތުން މިއަދު ދޮގުކޮށްފި އެވެ.
ރޮއިޓަސް ބުނާ ގޮތުގައި މުއްލާ އުމަރު ޕާކިސްތާންގެ އުތުރު ވާޒީރިސްތާނާއި އަފްޣާނިސްތާންގެ ކުއެއްތާއާ ދެމެދު ދަތުރު ކުރަމުންދަނިކޮށް މަރާލާފައިވާ ކަމަށް ފެތުރެމުންދާ ހަބަރު ދޮގުކުރައްވައި ތާލިބާނުންގެ ތަރުޖަމާން މުއްލާ ޒަބީހުﷲ މުޖާހިދު ވަނީ އެ އެޖެންސީ އަށް ފޯނުން އިންޓަވިއުއެއް ދެއްވައިފަ އެވެ.
"އޭނާ ގަދަވެ ސަލާމަތުން އަފްޣާނިސްތާންގައި އެބަ ހުންނެވި" ވަކި ތަނެއް ނޭނގޭ މުއްލާ ޒަބީހުﷲ ވިދާޅުވި ކަމަށް ރޮއިޓަރސް ބުނެ އެވެ. އޭނާ ވިދާޅުވެފައި ވަނީ މުއްލާ އުމަރު މަރާލާފައިވާ ކަމަށް ބުނެ ފަތުރަމުންދާ ހަބަރުތައް ތާލިބާނުން ވަރަށް ހަރުކަށިކޮށް ކުށްވެރިކުރާ ކަމަށެވެ.
"މިއީ އަފްޣާނިސްތާންގެ ހަނގުރާމަވެރިންގެ އަޒުމް ބަލިކަށިކުރަން ދުޝްމަރުން ފަތުރަމުންދާ ޕްރޮޕަގެންޑާއެއް." މުއްލާ ޒަބީހުﷲ ވިދާޅުވެފައިވެ އެވެ.
އަފްޣާނިސްތާންގައި އޮތް ތާލިބާނުންގެ ވެރިކަން އެމެރިކާ އާއި އެ ގައުމާ ބައިވެރިވާ ގައުމުތައް ގުޅިގެން 2001 ވަނަ އަހަރު ވައްޓާލުމުން މުއްލާ އުމަރާއި ތާލިބާނުންގެ އިސް ވެރިން ވަޑައިގަތީ އަފްޣާނިސްތާންގެ ކުއެއްތާ އަށެވެ. އަދި އެ ރަށުގައި ތާލިބާނުންގެ ސޫރާ ކައުންސިލެއް އުފައްދާފައިވެ އެވެ.
ޕާކިސްތާންގެ އިންޓެލިޖެންސް ސާވިސްގެ ސިފައިން މުއްލާ މުހައްމަދު އުމަރަށް ހަމަލާދީ މަރާލާފައިވާ ކަމަށް ބުނެ އަފްޣާނިސްތާންގެ އަމިއްލަ ޓީވީ ޗެނަލެއް ކަމަށްވާ ޓޯލޯ އާއި އެހެން ބައެއް ހަބަރު ފަތުރާ ވަސީލަތްތަކާ ބެހޭ ގޮތުން ޕާކިސްތާންގެ އިންޓެލިޖެންސްގެ އިސް އޮފިޝަލަކު ނަން ހާމަ ނުކުރައްވައި ވިދާޅުވެފައި ވަނީ އެކަން ކަށަވަރުކޮށް ނުދެވޭނެ ކަމަށެވެ.
ޕާކިސްތާންގެ އިންޓެލިޖެންސްގެ ކުރީގެ ވެރިއެއް ކަމަށްވާ ހާމިދު ގުލްއާ ހަވާލާދީ މުއްލާ އުމަރު މަރާލާފައިވާ ކަމަށް ބުނާ ހަބަރުތައް އަފްޣާނިސްތާންގެ ބައެއް ނޫސްތަކުން ބުނެފައިވީ ނަމަވެސް އޭނާ އެކަން ދޮގުކުރައްވާފައިވާ ކަމަށް ވެސް ރޮއީޓަސް ބުނެ އެވެ.
ހުޅަނގުގެ ބާރުތަކާ ދެކޮޅަށް މި އަހަރުގެ ބަހާރުމޫސުމުގައި ވެސް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމަށް ތާލިބާނުން ދަނީ ބުނަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ