ހައްލެއް ހޯދަން ފުރުސަތެއް ނުދީ ސިއްހީ ފަރުވާދޭ ތަނަކުން ކަރަންޓް ކަނޑާލުމަކީ އިންސާނިއްޔަތަށް ދެވޭ ހިތާމަވެރި އަނިޔާއެއް ކަމަށް ކުރީގެ ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެ އެވެ.
ޝަކީލާގެ ހިއްސާ އޮންނަ ސިމްޑީ ކުންފުނިން އައްޑޫ ސިޓީ ހިތަދޫގައި ހިންގާ އައިއެމްޑީސީ ހޮސްޕިޓަލުން އިއްޔެ ކަރަންޓް ކަނޑާލި މައްސަލާގައި ޝަކީލާ މިއަދު ވިދާޅުވީ ހައްލެއް ހޯދަން ފުރުސަތެއް ނުދީ ސިއްހީ ފަރުވާދޭ ތަނަކުން ޖެއްސުމަށް ކަރަންޓް ކަނޑާލުމަކީ އިންސާނިއްޔަތަށް ދެވޭ ހިތާމަވެރި އަނިޔާއެއް ކަމަށެވެ.
ޝަކީލާ ވިދާޅުވީ އެންމެ ފުރަތަމަ ކަރަންޓް ކަނޑާލާ ތަންތަނުގެ ތެރޭގައި އައިއެމްޑީސީ ހިމެނުމަށް އެންގި ކަމަށް ލިބޭ ހަބަރު ތެދުނަމަ އެއީ އިންސާނިއްޔަތަށް ދެވޭ އަނިޔާއެއް ކަމަށެވެ.
ޝަކީލާ އިތުރަށް ވިދާޅުވީ އައިއެމްޑީސީ ހޮސްޕިޓަލުގެ އައިސީޔޫގައި ބަލިމީހުން ތިއްބައި އަދި ކަރަންޓް ބޭނުންކޮށްގެން ބަލިމީހުންނަށް ފަރުވާ ދެމުން ދަނިކޮށް ބަލިމީހުން ސަލާމަތްކުރާނެ ފުރުސަތު ނުދީ ކަރަންޓް ކަނޑައިލުމުން އެކަމާއި ހިތާމަކުރާ ކަމަށެވެ. އަދި ވިދާޅުވީ ހޮސްޕިޓަލުން ކަރަންޓް ބިލު ނުދައްކާ މަޑުކުރީ އެއްވެސް ހާލެއްގައި ސަރުކާރަށް ޖެއްސުންކުރަން ނުވަތަ އެބާވަތުގެ އެއްވެސް ނިޔަތެއް އޮވެގެން ނޫން ކަމަށެވެ.
"ހުރިހާ ވިޔަފާރިތަކަށް ކުރިމަތިވި މައްސަލައެއް ހައްލުކުރަން ވިޔަފާރިތަކުން ކުރާ މަސައްކަތެއްގައި ހޮސްޕިޓަލުން ވެސް ބައިވެރިވުމުގެ ގޮތުން ބިލު ނުދައްކައި މަޑުކުރީ. އެންމެ ބޮޑު ސަބަބަކީ އެކަމާއި ގުޅިގެން ވިޔަފާރިވެރިންގެ ފަރާތުން ސަރުކާރަށް ފޮނުވި ސިޓީއަށް އަދި މިހާތަނަށް އެއްވެސް ޖަވާބެއްވެސް ދީފައި ނުވާތީ،" ޝަކީލާ ވިދާޅުވި އެވެ.
ޝަކީލާ ވިދާޅުވީ އައިސީޔޫގައި ބަލިމީހުން ބައިތިއްބައިގެން ފަރުވާދޭ އަދި އެހެނިހެން ގޮތްގޮތުންވެސް ސިއްހީ ހިދުމަތް ފޯރުކޮށްދޭ ތަނަކުން ކަރަންޓު ކަނޑާލާނަމަ އެކަން ކުރިއާލާ އަންގާލުމަކީ އިންސާނިއްޔަތަށްޓަކައިވެސް ކުރަންޖެހޭނެ ކަމެއް ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށެވެ.
އަމިއްލް ޖަނަރޭޓަރެއް މެދުވެރިކޮށް އައިއެމްޑީސީ ހޮސްޕިޓަލަށް ރެއިން ފެށިގެން އަންނަނީ ކަރަންޓް ފޯރުކޮށްދެމުންނެވެ.
ހައްލެއް ހޯދަން ފުރުސަތު ނުދީ ކަރަންޓް ކަނޑާލުމަކީ އަނިޔާއެއް: ޝަކީލާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ