ގަދަފައި ވިއްދިޔަސް ކުޑަކަކުލެއް ނުޖަަހާނަން، ނަޝީދުވެސް ދުލެއް ނުކުރާނަން: އުމަރު

ސަރުކާރާ ދިމާކޮށްލާ ގަދަފައި ވިއްދާލިޔަސް މުޒާހަރާގެ ބައިވެރިންގެ ކުރިމަތީގައި "ކުޑަކަކޫ ނުޖައްސާނަން" ކަމަށާއި ކިތަންމެ ވަރަކަށް ފިއްތުއްތައް ކުރިމަތި ކުރިޔަސް ރައީސް މުހައްމަދު ނަޝީދު ދޫކޮށްނުލާނެ ކަމުގައި ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
އަނިޔާވެރިންކަން ނިންމަން މިނަމުގައި އިދިކޮޅު ފަރާތްތަކުން މިއަދު ބޮޑު މުޒާހަރާއަކަށް ނިކުތުމުން ޓީވީއެމްއަށް ވަގުތުން ދެއްވި އިންޓަވިއުއެއްގައި އުމަރު ވިދާޅުވީ މިއަދު ބާއްވާ މުޒާހަރާއަށް ސަރުކާރުން ހުރަސް އަޅަމުން ނުދާނެ ކަމަށެވެ. ނަމަވެސް މުޒާހަރާގެ ބައިވެރިން ހަމަނުޖެހުން ހިންގާނަމަ އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށާއި މީހުން ހައްޔަރުކުރުމަށާއި ބާރުގެ ބޭނުން ކުރުމަށް ސަލާމަތީ ފަރާތްތަކަށް ސަރުކާރުން ފުރިހަަމަ ބާރު ދީފައިވާ ކަމުގައި ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ މުޒާހަރާގެ ބައިވެރިން ކިތަންމެ ވަރަކަށް ޑިމާންޑް ކުރިޔަސް މިވަގުތު ޖަލުގައި ހުންނެވި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދު ދޫކޮށްނުލާނެ ކަމަށެވެ.
"އަޅުގަނޑު ހަމަ ވަަރަށް ސާފުކޮށް ދަންނަވަން. މުހައްމަދު ނަޝީދު މިސަރުކާރުން ދުލެއް ނުކުރާނެ. ކިތަންމެ ވަރުގަދައަށް އެކަމާ ޑިމާންޑް ކުރިޔަސް މުހައްމަދު ނަޝީދު ދޫކޮށެއް ނުލާނެ. އެއީ ގާނޫނީ ގޮތުން ހައްޔަރުކުރެވިފައި ހުރި މީހެއް އޭނާއަކީ،" ރައީސް ނަޝީދަށް އަބަދުވެސް ފާޑު ވިދާޅުވާ މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގަދަފައި ވިއްދައިގެން ސަރުކާރާ ދިމާކޮށްގެން ސަރުކާރާ ވާހަކަ ނުދެއްކޭނެ ކަމަށާއި އަދި އެއްވެސް މީހަކު ދޫވެސް ނުކޮށްލާނެ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު ހަމަ އަޅުގަނޑުމެންނާ ދެކޮޅަށް ނިކުމެ އުޅޭ އަޅުގަނޑުމެންގެ އަޚުންނަށް ދަންނަވަނީ މިސަރުކާރު މިތިބީކީ ގަދަބާރު ދައްކާއިރުގައި އޭގެ ކުރިމަތީގައި ކަކޫޖަހާ ގޮތަކަށް ނޫނޭ. މިސަރުކާރުން މިތިބީ މިސަރުކާރާ ރީތިކޮށް ވާހަކަދައްކާ ކަމަށްވަންޔާމު ހަމަ ކޮންމެ ދުވަހަކުވެސް ވާހަކަ ދެއްކޭ ގޮތަށޭ. އަޅުގަނޑުމެން މިތިބީ ތައްޔާރަށް ރަށްރަށުގެ ފަޅުފުންކުރުމާއި ގުޅޭގޮތުން ވާހަކަ ދައްކަން ބަނދަރު ހެދުމާއި ގުޅޭ ގޮތުން ވާހަކަ ދައްކަން. އެކަމަކު އަޅުގަނޑުމެން މިތިބީ ތައްޔާރަކަށް ނޫން ހައްޔަރުގައި ހުރި މީހަކު ދޫކޮށްލާކަށް،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިރޭ 11:00 ޖަހަންދެން މުޒާހަރާގެ ބައިވެރިންނަށް މުޒާހަރާކުރެވޭނެ ކަމަށާއި އެކަމަށް ހުރަސް ނާޅާނެ ކަަމަށެވެ. އަދި މިރޭ 10:00 ޖަހާއިރު މުޒާހަރާގެ އަޑު ކަނޑާލަން ޖެހޭނެ ކަމުގައިވެސް ވިދާޅުވި އެވެ. އަދި ވިދާޅުވީ ގަދަބާރު ދައްކާ ކުރިމަތިލާން އުޅެފިނަަމަ އެބަޔަކާއި ފުލުހުންނާ ސިފައިން ކުރިމަތިލާނެ ކަމަށާއި އަދި އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން އަޅާނެ ކަމަށެވެ.
އުމަރު ވިދާޅުވީ މިހާތަނަށް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތު އޭނާއަށް ލިބިވަޑައިގެންފައި ނުވާ ކަމަށެވެ. ނަމަވެސް ފުލުހުންގެ ސަފުތައް ރޫޅާލަން އުޅުނު ބަޔަކު ހައްޔަރުކުރެވުނު ކަމަށާއި މާލޭގެ ފުރިހަމަ ކޮންޓްރޯލް ސިފައިންނާއި ފުލުހުން އަތުގައި އެބައޮތް ކަމުގައިވެސް ވިދާޅުވި އެވެ.
"މުޒާހަރާގެ ބައިވެެރިން މިވަގުތު ވަނީ ފަހަތަށް ޖެހިފައި. މުޒާހަރާގެ ބައިވެރިންގެ ތެރެއިން ގިނަ ބަޔަކު ވަނީ އަނބުރާ އެމީހުންގެ ގެތަކަށްވެސް ގޮސްފައި. އަޅުގަނޑު ދަންނަވާނީ ފުލުހުންނާ ކުރިމަތިލާން މިހާރު ނިކުމެގެން މިއުޅެނީ ހަމަ ވަރަށް މަދު އަދަދެއްގެ ބައެއް އެކަމަކު ނުރައްކާތެރި ބައެކޭ،" އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ މިއަދުގެ މުޒާހަރާ ފެށީ ސުލްހަވެރިކަމާއެކު ކަމަށާއި އެހެންނަމަވެސް މުޒާހަރާގެ ސުލްހަވެރިކަން މިހާރު ގެއްލިފައިވާ ކަމަށެވެ. އެކަމަކު އުމަރު ވިދާޅުވީ އަދިވެސް ސުލްހަވެރިކަމާއެކު މުޒާހަރާ ކުރަން ބޭނުންވާނަމަ ކަނޑައެޅިފައިވާ ސަރަހައްދުތަކެއްގައި މުޒާހަރާ ކުރެވޭނެ ކަމަށާއި އެއީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ.
"މިސަރުކާރުން އަދިވެސް ބޭނުން އަޑުއަހަން، ރައްޔިތުންގެ ތެރެއިން ބަޔަކު ނިކުމެ ވާހަކައެއް ދައްކާ ކަމަށް ވަންޔާމު އެ ދައްކަނީ ކޮން ވާހަަކައެެއްތޯ. އެހެންވީމާ އެގޮތުން ހަމަ އަޅުގަނޑުމެން މުޒާހަރާކުރުމުގެ ހައްގަށް އުނިކަން ނާންނަ ގޮތަށް 11:00 ޖަހަންދެން މުޒާހަރާކުރުމުގެ ހައްގު އޮންނާނެ. އެކަމަކު ކުރިމަތިލުމުގެ އެއްވެސް އިހްތިޔާރެއް އެއްވެސް މީހަކަށް އެއްވެސް ހައްގެއް ނުދޭނަން. އެއްވެސް ކުރިމަތިލުމަކަށް އެއްވެސް މީހަކު ދާން އުޅޭ ކަމަށްވަންޔާމު އެބަޔަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ،" އުމަރު ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ