ވެރިކަން ކުރާ ބާރުން އަދުލު އިންސާފަށް ހުރަސް އަޅާ: ގާސިމް

ވެރިކަންކުރާ ބާރުން އަދުލު އިންސާފު ގާއިމްކުރުމުގެ ބާރަށް ހުރަސްއަޅާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ. ޖުމްހޫރީ ޕާޓީ އަށް މެންބަރަކު ސޮއިކުރުމަށް މިރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ގާސިމް ވަނީ ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ގާސިމް އަށް ކުރިމަތިވެވަޑައިގެންނެވި ގޮންޖެހުންތަކުގެ ވާހަކަ ދައްކަވާ އޭރުގެ ސަރުކާރަށް ފާޑުވިދާޅުވެފައެވެ. ގާސިމް ވިދާޅުވީ އަދުލްއިންސާފު ނުލިބެނީ ވެރިކަމުގެ ފަރާތުން އަދުލްއިންސާފު ގާއިމް ކުރުމަށް ހުރަސް އަޅާތީ ކަމަށެވެ. "އެކަމާހެދި އަދުލްއިންސާފު ބަރާބަރަށް ގާއިމް ކުރެވިގެން މި ނުދަނީ. ފަނޑިޔާރުންނަށް ފާޑުފާޑުގެ ނުފޫޒާއި ބާރުވެރިކަން، އެކި ކޯޓުތަކުގެ ފަނޑިޔާރުންގެ މައްޗަށް ފޯރުވާ ސަރުކާރުގެ ބާރާއި ނުފޫޒުގެ ސަބަބުން،" ގާސިމް ވިދާޅުވިއެވެ. ގާސިމްގެ ވިލާ ކުންފުނީގެ އެކައުންޓުތައް ފްރީޒުކޮށް ވިޔަފާރި އެގްރިމެންޓުތައް ބާތިލްކޮށް ބޮޑު އަދަދަކުން ޖޫރިމަނާ ކުރި މައްސަލައަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ، ކޯޓުގެ ތިން މަރުހަލާ ނިމުނުއިރު ހާމަވިކަމަކީ އެކަންތަކަކީ ގާސިމްގެ މައްޗަށް ސާބިތުވާ ކަންތައް ނޫން ކަމަށެވެ. ގާސިމް ވިދާޅުވީ ސިޔާސީ މައިދާނުގައި ދެމިހުންނެވިހާ ދުވަހަކު ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރައްވަމުންގެންދަވާ މަސައްކަތް ހުއްޓާނުލައްވާނެ ކަމަށެވެ. ޖުމްހޫރީ ޕާޓީގެ ކުރިމަގާ ގުޅޭގޮތުންވެސް ގާސިމް މިރޭ ވަނީ ވާހަކަ ދައްކަވައިފައެވެ. ގާސިމް ވިދާޅުވީ ރޯދަމަހަށްފަހު ޕާޓީގެ ހިންގުން ވަރުގަދަ ކުރައްވާނެ ކަމަށާއި ޕާޓީގެ ހަރަކާތްތައް ރަށްރަށުގައިވެސް ކުރިއަށް ގެންދަވާނެ ކަމަށެވެ. "އަޅުގަނޑު މިތަހުރެގެން މި ޕާޓީ ހަލާކުވެގެން ދިޔަނުދީ ދެމެހެއްޓޭތޯ ކުރާ މަސައްކަތް ކުރާނަން. މި ރަމްޟާން މަހަށްފަހު އަލުން އާ ފެށުމަކުން މި ޕާޓީގެ ކަންތައް އިސްލާހުކޮށް، ޕާޓީގެ މެނޭޖުމެންޓަށް ބަދަލެއް ގެންނަންޖެހޭނަމަ އެކަންކޮށް، ޕާޓީ ރީއެސްޓެބްލިޝްކޮށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ދަތުރު ކުރާނަން،" ގާސިމް ވިދާޅުވިއެވެ. ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ގާނޫނީ ހަމަތަކުގެ މަތިން ކުރައްވާ ކޮންމެ ކަމަކަށް އެއްބާރުލުން ދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ