ސުޕްރީމް ކޯޓަށް ހާޒިރުވާން އިމްތިޔާޒު ފަހުމީއަށް ޗިޓު ފޮނުވައިފި
ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒު ފަހުމީ ސުޕްރީމް ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވައިފި އެވެ. މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިންތި ވިދާޅުވީ ސުޕްރީމް ކޯޓުގެ ބޭނުމަކަށް އޭނާ ކޯޓަށް ހާޒިރުވާން ޗިޓު ފޮނުވާފައިވާ ކަމަށެވެ. އަދި ޗިޓު ފޮނުވީ ބިރު ދައްކަން ކަމަށްވެސް އިންތި ވިދާޅުވި އެވެ. އިންތި ސުޕްރީމް ކޯޓަށް ހާޒިރުވާން އެންގީ މާދަމާ ހެނދުނު 8:30 އަށެވެ. އެކަމަކު ފޮނުވާ ޗިޓަކަށް ބިރުން ފަނޑިޔާރުގެ އިސްލާހު ކުރުމުގެ ވާހަކަ ނުދައްކާ ނުހުންނާނެ ކަމަށް އިންތި ވިދާޅުވި އެވެ. "އަޅުގަނޑުމެންނަކަށް ބިރެއް ނުދެއްކޭނެ. ސުޕްރީމް ކޯޓެއް ނޫން. ބަޑިހަތިޔާރު ހިފައިގެން އަޔަސް ބިރެއް ނުދެއްކޭނެ." އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ. އިންތި ވަނީ މިއަދުވެސް ފަނޑިޔާރުގެއަށް އަދި ސުޕްރީމް ކޯޓަށް ފާޑު ވިދާޅުވެފަ އެވެ. ތަކުރާރުކޮށް ވިދާޅުވީ ރާއްޖޭހެ ޖުޑިޝަރީ އިސްލާހު ކުރަން ޖެހޭ ކަމަށެވެ. ސުޕްރީމް ކޯޓަކީ 'ވަކަރުގެ' އެއްގެ ގޮތުގައި އިންތި ސިފަކުރެއްވި އެވެ. އިންތި ވިދާޅުވީ ސުޕްރީމް ކޯޓާއި ފަނޑިޔާރުންނަށް ފާޑުކިޔާ ކިޔުން ނުހުއްޓުވޭނެ ކަމަށެވެ. "އަޅުގަނޑުމެން އިރާދަކުރެއްވިޔާ މިރާއްޖޭގެ ޖުޑިޝަރީ އިސްލާހު ކުރާނަން. އަޅުގަނޑުމެން މިރާއްޖޭގެ ރައްޔިތުންނަށް އިންސާނީ ހައްގުތައް ކަށަވަރުކޮށްދޭނެ ކަހަލަ ފަނޑިޔާރުގެއެއް އަޅުގަނޑުމެން ހޯދާނަން." އިމްތިޔާޒު ފަހުމީ ވިދާޅުވި އެވެ. އިންތި ސުޕްރީމް ކޯޓަށް ހާޒިރުވާން އަންގާފައިވާއިރު ވޭތުވެ ދިޔަ ހަފްތާގައި ދެ ވަކީލަކު ވަނީ ސުޕްރީމް ކޯޓަށް ހާޒިރުކޮށްފަ އެވެ. ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށް ވިދާޅުވުމުން މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނެގި އެވެ. ފޮނަދޫ ދާއިރާގެ އިންތިހާބީ މެމްބަރު މޫސާ ސިރާޖު ސުޕްރީމް ކޯޓަށް ހާޒިރުކޮށް ބަޔާން ނެގީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކިކުރަން ކުރަން ޖެހުނު ކޮންމެ ކަމެއް ކުރާނެ ކަމަށް ވިދާޅުވެ ކުރި ޓްވީޓަކާއި ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ