ސުޕްރީމް ކޯޓުގެ ބެންޗު ހަތަކަށް އިތުރުކުރަން ހުށަހަޅައިފި

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކަށް އިތުރުކުރުމަށް، ސަރުކާރުގެ ފަރާތުން ކޯޓުތަކާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ. ގާނޫނަށް އިއްޔެ އިސްލާހު ހުށަހެޅުއްވީ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމެވެ. އާޒިމް ހުށަހަޅުއްވައިފައި ވަނީ 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު، ރައްޔިތުންގެ މަޖިލީހުން ފުރަތަމަ ކަނޑައެޅި ގޮތަށް ރުޖޫއަކޮށް، ހަތް ފަނޑިޔާރުންނަށް ބަދަލުކުރުމަށެވެ. ދެހާސް ދިހަ ވަނަ އަހަރު އަމަލުކުރަން ފެށި ކޯޓުތަކާ ބެހޭ ގާނޫނުގައި ވާ ގޮތުން ސުޕްރީމް ކޯޓު އެކުލެވިގެންވަނީ އުއްތަމަފަނޑިޔާރާއި އެ ކޯޓަށް އައްޔަނުކުރެވޭ އިތުރު ހަ ފަނޑިޔާރުންނާ އެކު، ޖުމްލަ ހަތް ފަނޑިޔާރުންގެ މައްޗަށެވެ. އެހެން ނަމަވެސް 2014 ވަނަ އަހަރުގެ ފަހުކޮޅު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި އެ ގާނޫނަށް ގެނައި ފުރަތަމަ އިސްލާހާއެކު ކޯޓުގެ ބެންޗު ވަނީ ފަސް ފަނޑިޔާރުންގެ ބެންޗަކަށް ބަދަލުކޮށްފަ އެވެ. އާޒިމް އިއްޔެ ހުށަހެޅުއްވި އިސްލާހުގައި ބުނެފައި ވަނީ ދާއިމީ ސުޕްރީމް ކޯޓު އެކުލަވާލުމަށް ޓަކައި 2010 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދަކީ ހަތެއް ކަމުގައި ރައްޔިތުންގެ މަޖިލީހުން ކަނޑައަޅައިފައި ވަނިކޮށް، 2014 ވަނަ އަހަރު ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް އިސްލާހު ގެނެސް ބެންޗު ފަހަކަށް ބަދަލުކޮށްފައި ވަނީ ސިޔާސީ މަޤްސަދެއް ހާސިލް ކުރުމަށް ކަމަށެވެ. އެ ޤާނޫނަށް އަމަލު ކުރަން ފަށާނީ ޤާނޫނު ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ