ފުރަތަމަ ބޮން ގޮއްވާލި ކަމަށް ޝައްކުކުރެވޭ މީހާ ގައިގައި ބޮން ހަރުކޮށްގެން ޗާޗަށް ވަދެގެންދާ ވީޑިއޯ އާންމުވެއްޖެ

މިދިޔަ އާދީއްތަ ދުވަހު ލަންކާގެ އަށް ސަރަހައްދެއްގައި ބޮން ގޮއްވާލި އިރު، އެންމެ ފުރަތަމަ ޗާޗުގައި ބޮން ގޮއްވާލި ކަމަށް ޝައްކު ކުރެވޭ މީހާ ހަށިގަނޑުގައި ބޮން ހަރުކޮށްގެން ޗާޗަށް ވަދެގެންދާ ވީޑިއޯއެއް އާންމުވެއްޖެ އެވެ.
ބައިނަލް އަގުވާމީ ބޮޑެތި ބައެއް މީޑިއާތަކުން ވެސް މިހާރު ވަނީ މި ވީޑިއޯ އާންމުކޮށްފަ އެވެ.
މި ވީޑިއޯއިން ފެންނަނީ ނިގަމްބޯގައި ހުންނަ ސެބަސްޓިއަން ޗާޗަށް އެމީހާ ވަދެގެންދާ މަންޒަރެވެ. ބޮން ގޮއްވާލި ހާދިސާގައި މަރުވި ކަމަށް މިހާތަނަށް ޔަގީން ކުރެވިފައިވާ 310 މީހުންގެ ތެރެއިން 110 މީހުންނަކީ މި ޗާޗަށް ދިން ހަމަލާގައި މަރުވި މީހުން ކަމަށް މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ވީޑިއޯއިން ފެންނަނީ ތުނބުޅިލާފައި ހުރި ޒުވާން ފިރިހެނަކު، ދަބަހެއް އަޅުވައިގެން ހުރެ ޗާޗު ތެރެއަށް ވަދެގެންދާ މަންޒަރެވެ. އޭނާގެ ހަރަކާތްތަކަށް ބަލާ އިރު، ބުރިކަށީގައި އޮތް ދަބަސް ބަރުކަމަށް ފާހަގަކުރެވެ އެވެ. ޗާޗަށް ވަނުމުގެ ކުރީން، ޗާޗާދިމާ މަގުމަތީގައި ކުޑަކުއްޖަކު ގޮވައިގެން ހުރި މީހަކާ ވާހަކަދައްކާތަން ވެސް ފެނެ އެވެ. ވީޑިއޯއިން ފެންނަ ގޮތުގައި އެމީހާއާ ވާހަކަދައްކަން ހުންނަ އިރު، ދަބަސް އަޅުވައިގެން ހުރި މީހާ ހުންނަނީ ކުޑަކުއްޖާގެ އަތުގައި ހިފައިގެންނެވެ. އަދި ދަބަސް އަޅުވައިގެން ހުންނަ މީހާ ޗާޗަށް ވަންނަން ހިނގައިގަތުމުން އެމީހާ ވެސް ކުޑަކުއްޖާ ގޮވައިގެން މަގު ހުރަސްކުރަން ހިނގައިގަނެ އެވެ.
ވީޑިއޯއިން ފެންނަ ގޮތުގައި ދަބަސް އަޅުވައިގެން ހުރި މީހާ ދެން ގޮސް ވަންނަނީ ޗާޗު ހުންނަ ގޯތިތެރެއަށެވެ. އެއަށް ފަހު ޗާޗުގެ ފާރު ކައިރީގައި ހުރި ކިއުއަކަށް އެރުމަށްފަހު ޗާޗުގެ ހޯލް ތެރެއަށް ވަންނަތަން ފެނެ އެވެ. އޭގެ ފަހުން ކަންތައް ވީގޮތް ވީޑިއޯއަކުން ނުފެނެ އެވެ.
ބޮން ގޮއްވާލި ފަހުން ޗާޗުތެރޭގެ މަންޒަރެއް ---
ބައެއް ރިޕޯޓުތައް ބުނާ ގޮތުގައި މި ވީޑިއޯ އާންމުކޮށްފައި އެ ވަނީ ބޮން ގޮވުމާ ހަމައަށެވެ. ވީޑިއޯ ނިމޭތަންކޮޅު ސަމާލުކަމާ އެކު ބަލައިލުމުން، އެހިސާބުން ބޮން ގޮވާހެން ވެސް ހީވެ އެވެ. މި ވީޑިއޯ އަކީ ބޮން ގޮއްވާލައި އެތައް ބަޔަކު މަރުވި ފަހުން އާންމުކުރި ވީޑިއޯއެއް ކަމުން، މި ކެމެރާ އަކީ ކައިރީ ހުރި އިމާރާތެއްގައި ނުވަތަ ޗާޗުގެ ބޭރު ސަރަހައްދެއްގައި ހަލާކު ނުވެ ހުރި ކެމެރާއެއްކަން އެނގެ އެވެ. އެހެން ކަމުން އެތަން ގޮވި މަންޒަރު މި ކެމެރާއަށް ރީއްޗަށް އަރާފައި ހުންނާނެ ކަމަށް ގަބޫލު ކުރެވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ