ގަމުގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑެން ފަށައިފި

ލ.ގަމުގެ އެންމެ އާބާދީ ބޮޑު އަވަށް ކަމަށްވާ ތުނޑީ އަވަށުގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑެމުން އަންނަތާ ތިން ދުވަސް ވެއްޖެއެވެ.
ގަމުން "ވަގުތު" އަށް މައުލޫމާތު ދިން މީހަކު ބުނީ ބުރާސްފަތި ދުވަހުން ފެށިގެން ތުނޑީ އަވަށުން އިރުއިރުކޮޅާ ކަރަންޓް ކެނޑެމުންދާ ކަމަށެވެ.
"ބުރާސްފަތި ދުވަހު ހަވީރު ވެސް ކަރަންޓް ކެނޑުނު. އޭގެ ފަހުން ހުކުރު ދުވަހު ހެނދުނާއި މެންދުރު ފަހު ވެސް ކަރަންޓް ކެނޑުނު. މިއަދު (ހޮނިހިރު ދުވަހު) ފާއިތުވި ދެދުވަހަށް ވުރެ މާގިނައިން ކަރަންޓް ކެނޑެމުން ދަނީ. ގާތްގަނޑަކަށް ދިހަ މިނެޓް ވަންދެން ކަރަންޓް އޮވެފައި ކަރަންޓް އެބަކެނޑޭ. ކަރަންޓް މިއަންނަނީ އެތައް އިރެއް ފަހުން." އޭނާ ބުންޏެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ކަރަންޓް ކެނޑެން ފެށީ ކަރަންޓް ދިނުމަށް ބޭނުން ކުރާ ދެ ޖަނަރޭޓަރުގެ ތެރެއިން އެއް ޖަނަރޭޓަރުގެ ރޭޑިއޭޓަރަށް މައްސަލައެއް ދިމާވުމުގެ ސަބަބުންނެވެ. ތިން ދުވަސް ވީއިރުވެސް ދިމާވި މައްސަލަ ހައްލު ކުރަން އެކަށީގެންވާ މަސައްކަތެއް ކޮށްފައި ނުވާ ކަމަށް ގަމުން މައުލޫމާތު ދިން މީހަކު ބުންޏެވެ.
ގަމުން ވާހަކަދެއްކި މީހަކު ބުނީ ކަރަންޓް ކެނޑެން މެދުވެރިވެފައި ވަނީ ފެނަކަ އިން އެތައް މުވައްޒަފުންނެއް ވަޒީފާ އިން ވަކިކޮށް، ގާބިލް ނޫން މީހުންނާއި ޒިންމާތައް ހަވާލު ކުރުމުން ކަމަށެވެ.
"ހިންގަން ނޭނގޭތީ ދުވަހަކަށް ވުރެ ދުވަހަކު ކަރަންޓްގެ ހާލަތު ދަށަށް މިދަނީ، ކުރިއަށް އޮތީ ރަމަޟާން މަސް. މިރަށުގައި އުޅޭ ފެނަކަ މުވައްޒަފުން ބުނާ ގޮތުގައި ރަމަޟާން މަހު ވެސް އުޅެން ޖެހޭނީ މިހާލެއްގައި. އިރުއިރުކޮޅާ ކަރަންޓް ދިއުމަކީ އިލެކްޓްރޯނިކް އެއްޗެހި ވެސް ވަރަށް ފަސޭހައިން ހަލާކު ވާނެ ކަމެއް. ވަރަށް ބޮޑު ގެއްލުމެއް ލިބެމުން މިދަނީ." އޭނާ ބުންޏެވެ.
ފާއިތުވި ދެމަހެއްހާ ދުވަސް ތެރޭގައި ކަރަންޓް ކެނޑިގެން ރިޕޯޓް ކުރާ ރަށްރަށުގެ އަދަދު ދަނީ ވަރަށް ބޮޑަށް އިތުރުވަމުންނެވެ. މިހާރު ގާތްގަނޑަކަށް ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ރަށަކުން ކަރަންޓް ކެނޑޭ މައްސަލަ ރިޕޯޓް ކުރެއެވެ.
ގިނަ ރަށްތަކުން ކަރަންޓް ކެނޑެމުންދާ މައްސަލައިގައި ފެނަކަ ކުންފުނިން މީޑިއާ އަށް މައުލޫމާތު ދީފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ