ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު ފާރިސް މައުމޫން ވަގުތުން މިނިވަންކުރުމަށް އޭނާގެ ބައްޕަ އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ގޮވާލައްވައިފި އެވެ.
ރައީސް މައުމޫން މިއަދު ނެރުއްވި ބަޔާނެއްގައި ވިދާޅުވެފައިވަނީ ފާރިސް މައުމޫން ހައްޔަރު ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދިން ކަމަށް ބުނާ މައްސަލައެއްގައި އެއްވެސް ހެއްކެއް ގާރީނާއެއް ނެތި ގާނޫނީ އިމުގެ ބޭރުން ކަމަށެވެ. ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ހިފިކަމަށް ބުނާ ދައުވާއުފުލާފައި ވަނީވެސް އުފައްދާފައި ހުރި ހެކިތަކެއްގެ މައްޗަށް ބިނާކޮށްގެންކަން، ޕްރޮސިކިއުޓާ ޖެނެރަލްގެ ފަރާތުން އުފުލާފައިވާ ދައުވާ ސާބިތުކުރުމަށް ކްރިމިނަލް ކޯޓަށް ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ލިޔެކިޔުންތަކުންވެސް ސާބިތުވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.
އެގޮތުން އަޙްމަދު ފާރިސް މައުމޫންގެ މައްޗަށް ކުރާ ދައުވާ ސާބިތުކުރުމަށް ހެކީގެގޮތުގައި ޕްރޮސިކިއުޓާ ޖެނެރަލް ހުށަހަޅާފައިވާ މޮބައިލް ފޯނެއްގެ ފޮރެންސިކް ރިޕޯޓަށް ބެލުމުން، އެ ފޯނުން ފެނުނު ކަމަށް އެ ރިޕޯޓްގައި ބަޔާންކޮށްފައިވާ ބައެއް ފޮޓޯތަކަކީ އެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ތާރީހުގެ ފަހުން އެ ފޯނުގައި ރައްކާކުރެވިފައިހުރި ފޮޓޯތަކެއްކަން އެނގޭ ކަމަށްވެސް މިބަޔާނުގައިވެ އެވެ. އެހެންކަމުން މިއީ އުފައްދާފައިހުރި ހެކިތަކެއް ކަމަށްވެސް ބަޔާނުގައި ފާހަގަކުރައްވާފައިވެ އެވެ.
މިބަޔާނުގައި ވިދާޅުވެފައިވަނީ ފާރިސް މައުމޫންގެ މައްޗަށް ރިޝްވަތު ދިނުމުގެ ތުހުމަތުކޮށް ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފައިވާއިރު ޕީޖީ އޮފީހުން ދައުވާ އުފުލާފައިވަނީ ބަންދުކޮްފައިވާ ތުހުމަތާ ދިމާ އިދިކޮޅަށް ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ (ހ) އާއި ހަވާލާދީ އެ މާއްދާގެ (ރ)ގެ ދަށުން ރިޝްވަތު ހިފުމުގެ ދައުވާ ކަމަށެވެ. ދައުލަތުން ދައުވާ ކޮށްފައިވާ މައްސަލަ އާއި ފާރިސް މައުމޫންގެ މައްޗަށް ތުހުމަތުކޮށް ތަހުގީގު ހިންގި މައްސަލައާ އެއްވެސް ގުޅުމެއް ނެތްއިރު އަދި ކުރިން ކުރި ތުހުމަތަށް ދަޢުވާ އުފުލުމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ކަނޑައަޅާފައިވާ މުއްދަތުވެސް ފަހަނައަޅައި ގޮސްފައިވާތީ މިހާރު ފާރިސް މައުމޫން ހުންނެވި ގާނޫނާ ހިލާފަށް ބަންދުކޮށްފައިކަން އޮޅުމެއްނެތި ކަށަވަރުވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"އެހެންކަމުން ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ހައްޔަރުކޮށް ގާނޫނީ އިމުގެ ބޭރުން އެމަނިކުފާނާއި ދޭތެރޭގައި އަމަލުކުރަމުން ގެންދަވާކަން ދައުލަތުން އުފުލި ދައުވާއާއިއެކު ހުށަހެޅި އުފައްދާފައިވާ ހެކި ތަކުން ސާބިތުވެ އެވެ." މައުމޫންގެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ފާރިސް މައުމޫންގެ މައްޗަށް ހަގީގަތާ ހިލާފު އެކި ތުހުމަތުތައްކޮށް އޭނާ ހައްޔަރުކޮށް ބަންދުގައި ހުންނަވާތާ 54 ދުވަސްވީއިރުވެސް އަނިޔާ ދެމުން ގެންދަނީ ކޮށްފައިނުވާ ކުށެއްގެ ދޮގު ތުހުމަތު އަޅުވައި އަދި ސިޔާސީ ޕާޓީ ތަކުން ކުރަމުން ގެންދާ އިސްލާހީ މަސައްކަތްތައް ހުއްޓުވުމުގެ ގޮތުން ކަމުގައި ދެކޭ ކަމަށެވެ. އަދި ގުޅިފައިވާ ސިޔާސީ ޕާޓީ ތަކުން އިސްލާހީ މަސައްކަތް ފެށުމާއެކު ސިޔާސީ އެކި ބޭފުޅުންނަށް އެކިއެކި ތުހުމަތުކޮށް ފުލުސް އޮފީހަށް ގެންގޮސް ބަންދުކޮށް ދައުވާ އުފުލުމަކުން ގުޅިފައިވާ ޕާޓީ ތަކުގެ މަސައްކަތްތަކަށް އެއްވެސް ފަސްޖެހުމެއް ނުވަތަ ހުއްޓުމެއް ނާންނާނެ ކަން، އިސްލާހަށް ލޯބިކުރާ އެންމެހާ ދިވެހި ލޮބިވެތި ރައްޔިތުންނަށް ޔަގީންކޮށް އަރުވާ ކަމަށްވެސް ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
"އަދި އަހްމަދު ފާރިސް މައުމޫނާ މެދު ގާނޫނާ ހިލާފަށް ކުރަމުންދާ ކަންކަން ހުއްޓާލައި، ގާނޫނާ ހިލާފަށް ކުރެވިފައިވާ ބަންދުން މިވަގުތުން މިވަގުތަށް މިނިވަންކުރުމަށް ދައުލަތުގެ ކަމާބެހޭ އެންމެހާ މުއައްސަސާތަކަށް ގޮވާލަމެވެ." ރައީސް މައުމޫންގެ ބަޔާން ނިންމާލަމުން ވިދާޅުވެފައިވެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވުމުގެ ތުހުމަތުގައި ފުލުހުން ފާރިސް ހައްޔަރުކުރީ މިދިޔަ ޖުލައި މަހުގެ 18 ވަނަ ދުވަހު އެވެ. އެ ތުހުމަތުގައި ފާރިސްގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރީ ފާރިސްގެ މައްސަލައިގެ ތަހުގީގު ވެސް ނުނިމެނީސް މިދިޔަ ޖުލައި މަހުގެ 19 ވަނަ ދުވަހު އެވެ.
ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވުމުގެ ތުހުމަތުތަކަށް ފާރިސް ވަނީ ތަކުރާރުކޮށް އިންކާރުކުރައްވާ އެ ތުހުމަތުތައް ދޮގުކުރައްވާފަ އެވެ.
ފާރިސް ވަގުތުން މިނިވަންކުރުމަށް ރައީސް މައުމޫން ގޮވާލައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ