އަވިން ކަރަންޓު އުފެއްދުމަށް ކުވޭތުން 385 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއް!

އިޔާދަކުރަނަވި ހަކަތަ ބޭނުންކުރުން އިތުރުކުރުމަށް ކުވޭތު ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، 50 މެގަވޮޓުގެ އަވިން ހަކަތަ އުފައްދާ މަޝްރޫއެެއް ފެށުމަށް ނިންމައިފި އެވެ. ސްޕެއިންގެ ޓީއެސްކޭ ގްރޫޕާ ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއަށް، އޯގަނައިޒޭޝަން އޮފް ޕެޓްރޯލިއަމް އެކްސްޕޯޓިން ކަންޓްރީސް (އޯޕެކް)ގައި ހިމެނޭ ކުވޭތު ސަރުކާރުން 116 މިލިއަން ދީނާރު (385 މިލިއަން އެމެރިކާ ޑޮލަރު) ހަރަދުކުރާނެ އެވެ. މިއީ 2030 ވަނަ އަހަރުގެ ކުރިން ކުވޭތުން ބޭނުންކުރާ ކަރަންޓުގެ ތެރެއިން 15 ޕަސެންޓް އިޔާދަކުރަނިވި ހަކަތަ އަށް ބަދަލުކުރުމަށް އެގައުމުން ހިންގާ މަލްޓި ބިލިއަން ޑޮލަރުގެ ޕްލޭންގެ ފުރަތަމަ ފޭސްގެ ދަށުން ހިންގާ މަޝްރޫއެކެވެ. ކަރަންޓާ ފެނާ ބެހޭ މިނިސްޓަރު އަހުމަދު އަލް ޖަސަރު ވިދާޅުވާގޮތުން، އެގައުމުގެ އަމާޒަކީ 2030 ވަނަ އަހަރުގެ ކުރިން އަވިންނާއި ފެނުން 4500 މެގަވޮޓުގެ ހަކަތަ އުފެއްދުމެވެ. އެގޮތުން 2025 ވަނަ އަހަރު ކުރިން އިޔާދަކުރަނިވި ހަކަތައިން ބޭނުންކޮށްގެން މަދުވެގެން 2000 މެގަވޮޓްގެ ކަރަންޓް އުފެއްދޭނެ ކަމަށާއި ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިއަށް ހާސިލްވުމަށް ކުރިއަށް އޮތް ތަނުގައި އެފަދަ ގިނަ މަޝްރޫއުތަކެއް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ތެލުގެ މުއްސަނދިކަން ލިބިފައިވާ ކުވޭތު ސަރުކާރުން ބުނެއެވެ. ކުވޭތުގެ ހެޑް އޮފް އެނާޖީ ރިސާޗް ސާލިމް އަލް ހަޖްރަފް ވިދާޅުވާގޮތުން، ކުވޭތުގެ ހުޅަނގުން 100 ކިލޯމީޓަރު ދުރުގައި އޮންނަ ޝަގަޔާ ނަމަކަށް ކިޔާ ސަހަރާއެއްގެ 100 އަކަކިލޯމީޓަރުގެ ސަރަހައްދެއްގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެ މަޝްރޫއުގެ މަސައްކަތް ފެށޭވަރުވާނީ 2017 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. ނަމަވެސް، މިއަހަރު ކުރީކޮޅު ސޮއިކުރެވުނު 10 މެގަވޮޓުގެ ދެ މަޝްރޫއެއް އަންނަ އަހަރުގެ މޭ ނުވަތަ ޖުލައި މަހުގެ ތެރޭގައި ބޭނުންކުރެވޭވަރު ވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "ފުރަތަމަ ތިން މަޝްރޫއަށް ހަރަދުކޮށްފައިވަނީ ސަރުކާރުން. ނަމަވެސް މުސްތަގްބަލުގައި މަޝްރޫއުތައް ހަވާލުކުރެވޭނީ އަމިއްލަ ކުންފުނިތަކަށް، ބިލްޑް އޮޕަރޭޓް ޓްރާސްފާ ސްކީމުގެ ދަށުން،" ހަޖްރަފް ވިދާޅުވި އެވެ. އޭނާ ވިދާޅުވާގޮތުން، 50 މެގަވޮޓުގެ އެ މަޝްރޫއު އެއްކޮށް ނިމުމުން އެއް ލައްކަ ގެޔަށް ބޭނުންވާ މިންވަރަށް ކަރަންޓް ފޯރުކޮށްދެވޭއިރު ކަރަންޓަށް ކޮންމެ އަހަރަކު ހޭދަކުރާ ތެލުގެ މިންވަރުން، 12.5 މިލިއަން ފީފާގެ ތެޔޮ ސަލާމަތް ކުރެވޭނެ ކަމަށެވެ. މައުލޫމާތު: އޭއެފްޕީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ