މޫސުން ގޯސްވެ ބޯކޮށް ވާރެވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އެލަރޓް ނެރެފި

މޫސުން ގޯސްވެ ބޯކޮށް ވާރެވެހޭނެކަމަށް ލަފާކޮށް ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް އޮރެންޖް އެލަރޓް ނެރެފިއެވެ.
މިއީ ރާއްޖޭގައި އޮރެންޖް އެލަރޓް ނެރުނު ދެވަނަ ފަހަރެވެ. ރާއްޖޭގެ މޫސުން ގޯސްވެ ވައިބާރުވުމުގެ ސަބަބުން ފުރަތަމަ ފަހަރަށް އޮރެންޖް އެލަރޓް ނެރެފައިވަނީ މިމަހުގެ 15ވަނަ ދުވަހުއެވެ.
މޫސުން ގޯސްވުމުގެ ސަބަބުން އޮރެންޖު އެލަރޓް ނެރެފައިވަނީ ރާއްޖޭގެ އުތުރުން ހއ. ފެށިގެން ށ، އަތޮޅާއި ދެމެދަށެވެ. އޮރެންޖް އެލަރޓަކީ، މޫސުން ގޯސްވުމުގެ ސަބަބުން ނެރޭ 3 ވަނަ ލެވެލްގެ އެލަރޓެވެ. މިއީ އެންމެ ނުރައްކާތެރި ޙާލަތުގައި ނެރޭ ރަތް އެލަރޓުގެ ކުރިން ނެރޭ އެލަރޓެވެ. އެންމެ ފުރަތަމަ ރާއްޖޭގައި އޮރެންޖް އެލަރޓް ނެރެފައިވަނީ މޫސުން ގޯސްވެ އާންމުގޮތެއްގައި 30 މޭލަށް ވުރެ ބާރަށް ވައިޖެހޭނެކަމަށް ލަފާކުރެވުމުންނެވެ. އެހެންނަމަވެސް މިފަހަރު މި އެލަރޓް ނެރެފައިވަނީ މޫސުން ގޯސްވެ އާދަޔާ ޚިލާފަށް ވާރޭވެހޭނެކަމަށް ލަފާކުރެވޭތީކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ބޯކޮށް ވާރެވެހިގެން އޮރެންޖް އެލަރޓް ނެރޭނީ، 1 ގަޑިއިރު ތެރޭ 90 މިލިމީޓަރުގެ ވާރޭ ނުވަތަ 6 ގަޑިއިރު ތެރޭ 120 މިލިމީޓަރުގެ ވާރޭ ވެހޭނެކަމަށް ލަފާކުރެވުމުންނެވެ.
މޫސުމާއި ބެހޭ ޤައުމީ އިދާރާއިން ވަނީ ކުރިއަށް އޮތް 3 ދުވަހުވެސް ރާއްޖޭގެ ބޮޑުބަޔަކަށް މޫސުން ގޯސްވެ، ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހެނޭ ކަމަށް ލަފާކޮށްފައެވެ. އެ އިދާރާއިން ވިދާޅުވީ މިހާރު ރާއްޖެއަށް ކުރަމުންދަނީ ހުޅަނދު މޫސުމުގެ ވިއްސާރަކަމަށެވެ. އެގޮތުން ކުރިއަށްއޮތް ތިން ދުވަހުވެސް މިސަރަޙައްދަށް ގުގުރުމާއެކު ބޯކޮށްވާރޭ ވެހޭނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އަދި ވިލާގަނޑުގައި ގާތްގަނޑަކަށް 45 މޭލު ބާރުމިނުގައި ވައިގަދަވެ، ކަނޑުތައްވެއް ގަދަވާނެކަމަށް އެ އިދާރާއިން ވަނީ ލަފާކޮށްފައެވެ.
މި ދުވަސްވަރު ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑުދަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުވުމަށްވެސް މޫސުމާބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސް ކުރައްވާފައެވެ. އަދި ދިޔަވަރު ބޮޑު ވާ ގަޑިތަކުގައި ދެކުނާއި މެދުތެރޭ ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާތީ މިކަމަށްވެސް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
އެގޮތުން އިލެކްޓްރޯނިކް ސާމާނު ފެން ނުޖެހޭނެގޮތައް މަތީގައި ބެހެއްޓުމަށާއި ވާރޭވެހި ފެންބޮޑުވެ ގޭގެއަށް ފެން ވަދެދާނެތީ ދުރާލައި ވެލި ބަސްތާ ޖެހުން ފަދަ ކަންކަން ކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ