ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަހުމަދު ހައިލަމްގެ މައްޗަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުވާން އަންގައިފި އެވެ.
އޭނާ އަށް ފޮނުވި ޗިޓުގައި ބުނެފައިވާ ގޮތުގައި، މަނީ ލޯންޑަރިންގެ ތުހުމަތު ކުރެވެނީ، ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ، މެއި 19، 2019 ގައި ހައިލަމްގެ އެކައުންޓަށް 200،000ރ. ފޮނުވި މައްސަލައިގަ އެވެ. އެއީ މަނީ ލޯންޑަރިން އަށް ތުހުމަތުކުރެވޭ ގޮތަށް ހިންގާފައިވާ މުއާމަލާތެއް ކަމަށް ތުހުމަތު ކުރެވޭ ކަމަށް ޗިޓުގައި ބުންޏެވެ.
އޭނާ ފުލުހަށް ހާޒިރުވާން އެންގީ، އަންނަ އަންގާރަ ދުވަހުގެ ރޭ 8:00 އަށެވެ.
ހައިލަމް މިރޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ރައްޓެއްސެއްގެ އަތުން އަނބުރާ ދައްކާގޮތަށް ފާޅުކަން ބޮޑު ގޮތެއްގައި އެއް އެކައުންޓަށް އަނެއް އެކައުންޓަށް ދެ ލައްކަ ރުފިޔާ ޓްރާންސްފާކުރުމުން މަނީ ލޯންޑާ ކުރިކަމަށް ތުހުމަތުކޮށްފައިވާ ކަމަށެވެ. ބިރެއް ނުދެއްކޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަޅުގަނޑު ރައްޓެއްސެއްގެ @AlhanFahmy އަތުން އަނބުރާ ދައްކާގޮތަށް ހޯދި ދެލައްކަ ރުފިޔާ ފާޅުކަން ބޮޑުގޮތެއްގައި އެކައުންޓުން އެކައުންޓަށް ޓްރާންސްފާކުރުމަކީ އަޅުގަނޑު މަނީ ލޯންޑަރ ކުރިކަމަށް ތުހުމަތުކޮށް، ފުލިސް އޮފީހަށް ހާޒިރުވާން އަންގަވައިފި. ބިރެއް ނުދެއްކޭނެ. pic.twitter.com/4UCVtNKEbh— Ahmed Hailam (@AhmedHailam) June 21, 2020
ގާޒީއަކަށް ހުންނަވަނިކޮށް އެކައުންޓަށް ފައިސާ ފޮނުވި މައްސަލަ މީގެ ކުރިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ވެސް ބެލި އެވެ. އެ މައްސަލަ ޖޭއެސްސީގެ ސަމާލުކަމަށް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ގެނައީ ފުލުހުންނެވެ.
އެ މައްސަލައާ ގުޅިގެން އަލްހާން ކުރިން ވިދާޅުވި ގޮތުގައި ހައިލަމަށް ތުހުމަތުކުރާ 200،000ރ. އަކީ ފަހުން އަނބުރާ ދޭ ގޮތަށް އޭނާ އަތުން ނެގި ލޯނެކެވެ. ދެ މީހުންނަކީ ކުރީއްސުރެން ގާތް ރަހުމަތްތެރިން ކަމަށާއި އެ ފައިސާ ހައިލަމަށް ޓްރާންސްފާކޮށްފައި ވާނީ އޭނާގެ އެކައުންޓުން ކަމަށް ވެސް އަލްހާން ވިދާޅުވި އެވެ.
ނަސްރު ދުވަހުގެ ތަހުނިޔާ ފޮނުވުމުގެ ގޮތުން ކްރިމިނަލް ކޯޓުގެ ވައިބާ ގްރޫޕަކަށް ހައިލަމް ފޮނުއްވި ކުރެހުމެއްގެ މައްސަލާގައި ސަސްޕެންޑުކޮށް ގާޒީކަމުން ވަކިކުރަން ނިންމާފައިވަނިކޮށް އޭނާ ވަނީ ޑިސެމްބަރު 2، 2019 ގައި އަމިއްލައަށް އިސްތިއުފާ ދެއްވައިފަ އެވެ. ހައިލަމް ފޮނުވި ކުރެހުމެއްގައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި އިތުރު ބައެއްގެ ކަރުގައި ވާ ޖަހައިފަ އެވެ.
ކުރީގެ ގާޒީ ހައިލަމަށް މަނީ ލޯންޑަރިންގެ ތުހުމަތުކޮށް ފުލުހަށް ހާޒިރުވާން އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ