ކުރީގެ ރައީސުން ޖަލުގައި ތިއްބެވުމަކީ އުފަލެއް ނޫން: ގާސިމް

ރާއްޖޭގެ ވެރިކަން ކުރައްވާފައިވާ ބޭފުޅުން ޖަލުގައި ތިއްބެވުމަކީ އުފަލެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ދެކުނު ދާއިރާއަށް ޖޭޕީގެ ޓިކެޓުގައި ވާދަކުރައްވަ އިރުތިޝާމް އާދަމްގެ ކެމްޕޭން ޖަގަހަ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައެވެ.
ގާސިމް ވިދާޅުވީ ރާއްޖޭގެ ސަގާފަތުން ފެންނަނީ ރައީސްކަން ކުރައްވާފައިވާ ބޭފުޅެއްނަމަ ޖަލަށްލެވޭ ތަން ކަމަށާއި 2008 އިން ފެށިގެން އެތައް ބޭފުޅަކު ޖަލަށްލެވިފައިވާ ކަމަށެވެ. މިހެން ދިމާވާ ސަބަބުތަކާމެދު ވިސްނާލަންޖެހޭ ކަމަށާއި މިކަން މިހިނގަނީ ރަގަޅަށްތޯ ގައުމީ ވިސްނުމުން ވިސްނަންޖެހޭ ކަމަށް ވިދާޅުވިއެވެ. ބަރުލަމާނީ ނިޒާމެއްގެ ވާހަކައަކީ އެއަށްވުރެ ވެސް ނުރައްކާ ވާހަކައެއް ކަަމަށާއި ސަރުކާރުގެ ތެރެއިން ކިތަންމެ ބޮޑު ގޯހެއް ހެދިޔަސް، ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ސަރުކާރު ޖަވާބުދާރީ ކުރުވޭނެ ގޮތެއް ވެސް އޭރުން ނޯންނާނެ ކަމަށް ގާސިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުން ގެންގޮސް ޖަލުގައި ހައްޔަރުކުރުމަކީ އުފާކުރައްވާ ކަމެއް ނޫން ކަމަށެވެ. ނިމިދިޔަ ސަރުކާރުގައި ރައީސް ނަޝީދާއި ރައީސް މައުމޫން ހައްޔަރުކޮށްފައިވާއިރު ރައީސް ޔާމީންވެސް މިހާރު ހުންނެވީ ޖަލުބަންދުގައިކަން ގާސިމް ފާހަގަކުރެއްވިއެވެ.
"އެވިދާޅުވާ ކޮރަޕްޝަނެއްގެ ކަންތައް ނުވަތަ މަނީ ލޯންޑަރިން ނަމަވެސް ހެކި ފޮރުވައިގެނޭ ކިޔާފައި ވާހަކަ ދައްކާއިރު މިހާރު ކިތައް މަސްދުވަސްތޯ މިވީ އެމަނިކުފާނުގެ ވެރިކަން ނިމުނުތާ. އަޅުގަނޑު މިދަންނަވަނީ އެކަން ނުކުރައްވައެކޭ ނޫން. ކުރައްވާފައި އޮތީ ކަމަށްވެސް ވެދާނެ. އަޅުގަނޑުގެ ވާހަކައަކީ އެއްވެސް މީހަކަށް އަނިޔާވެރިވާނެ ގޮތަކަށް ކަންތައްތައް ނުވުން ވަރަށް މުހިންމޭ. އެއްވެސް މީހަކަށް އަނިޔާ ލިބުމަކީ އަޅުގަނޑުމެން ގަބޫލުކުރާނެ ކަމެއް ނޫން. އަޅުގަނޑު މިދަންނަވަނީ އަބްދުﷲ ޔާމީނަށް އަނިޔާއެއް ދެއްވަނީއޭކޭ ނޫން. އެހެން ނުހައްދަވާނެ ކަަމަށް އަޅުގަނޑު ޔަގީންކުރަން" ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ހައްގަކާ ނުލައި އިހައްދުވަހު އެބޭފުޅުންނަށް އަނިޔާތަކެއް ލިބުނު ކަމަށާއި އެކަންކަން އިއާދަވާން އެދިވަޑައިނުގަންނަވާ ކަމަށެވެ.
ގާސިމް އިބްރާހީމް ވިދާޅުވީ ކޮންމެ ކަމެއްގައި ވެސް ވިސްނަންޖެހެނީ ގައުމުގެ ކުރިއެރުމާއި ގައުމުގެ މަސްލަހަތަށް ކަމަށެވެ. ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލުކުރުމުގެ ވާހަކަ ދައްކަމުންދަނީ ކޮން ބައެއްގެ އަމިއްލަ އެދުން ބޮޑުވެގެންތޯ ގާސިމް ސުވާލު އުފެއްދެވިއެވެ. އެމަނިކުފާނު ވިދާޅުވީ މިކަމާމެދު ރައްޔިތުން ވިސްނަންޖެހޭ ކަަމަށެވެ.
ގާސިމް ވިދާޅުވީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ގެނައުމަށް ރައްޔިތުން ތާއީދުނުކުރާނެ ކަމަށާއި ރައްޔިތުންނަކީ މޮޔައިން ނޫން ކަމަށެވެ. އަދި ގާނޫނުއަސާސީއަށް އެފަދަ ބަދަލެއް ގެނައުމަށް ހުށަހެޅުނަސް މަޖިލީހުގެ ގިނަ މެންބަރުންވެސް ތާއީދުނުކުރައްވާނެ ކަމަށް ވިދާޅުވިއެވެ.
"މިއަދު ޕޯލެއް ނަގަންވީއޭ، އެންމެ އަމިއްލަ އެދުން ބޮޑު ލީޑަރަކީ ކޮބައިތޯ ބަލަން. އަޅުގަނޑުމެނަށް އެނގޭ ދެއްތޯ އެލީޑަރަކީ ކާކުކަން. އަމިއްލަ އެދުން ބޮޑުވެގެން އުޅޭ ލީޑަރުންނަށް ވާނީ ބަރުލަމާނީ ނިޒާމެއް ގެންނަން އުޅޭ ލީޑަރުން. އޭރުން ރައީސުލްޖުމްހޫރިއްޔާއާއި މިނިސްޓަރުންނާއި ހުރިހާ އެންމެން ދާނީ ބަރުލަމާނީ ނިޒާމުގެ ތެރެއިން އެއްދިމާއަކަށް. އެގޮތަށް ދާކަމަށްވަންޏާ އަމިއްލަ އެދުން ބޮޑު މީހަކީ ކާކުކަން ވަރަށް ސާފުކޮށް އެގިގެންދާނެ" ގާސިމް ވިދާޅުވިއެވެ.
މިކަމުގައި ރައްޔިތުން ދެކޭ ގޮތް ބެލުމަށް އިލެކްޓްރޯނިކް ވޯޓު ނެގިދާނެ ކަމަށާއި ނަމަވެސް އެއީ ރައްޔިތުންގެ ޚިޔާލަށް ނުވަތަ މިފަދަ ކަމަކަށް ސައްހަ ވޯޓަކަށް ނުވާނެ ކަމަށް ގާސިމް ވިދާޅުވިއެވެ. އެއީ ފައިސާ ދީގެން އެބަޔަކު ބޭނުންވާ ގޮތަށް ނަތީޖާ ނެރުމުގެ ފުރުސަތު އޮތް ކަމެއް ކަަމަށާއި މިފަދަ މޮޔަ ކަންތައް ހުއްޓާލުމަށް ގޮވާލައްވާ ކަމަށް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން މިރޭވެސް ގާސިމް ވިދާޅުވީ އެއްޕާޓީއަކަށް މެޖޯރިޓީ ދޭން ނުޖެހޭ ކަމަށާއި ސަރުކާރު އައީ ކޯލިޝަނަކުން ކަމަށް ވުމުން މަޖިލީހުގެ މެޖޯރިޓީ އޮންނަން ޖެހެނީ ކޯލިޝަނަށް ކަމަށެވެެ. ޑިމޮކްރެޓިކް ނިޒާމު ގާއިމުކުރެވި ގާނޫނުއަސާސީ ގެނެވިފައިވަނީ ރައްޔިތުންގެ ވަރަށް ބުރަ މަސައްކަތުން ކަމަށާއި އަނެއްކާވެސް އެތައް ތަނެއް ފަހަތަށް ދާން ރައްޔިތުން ބޭނުންނުވާ ކަމަށެވެ. ރައްޔިތުން ބޭނުންވަނީ އިސްލާމްދީނާއި ގައުމުގެ އިސްތިގުލާލު ނަގަހައްޓައި ވަކި ބައެއްގެ އަތްދަށުވެ ވިކިފައި ތިބި ބަޔަކަށް ނުވެ ކުރިއަށް ދިއުމަށް ކަމަށެވެ. އިލެކްޝަންސް ކޮމިޝަނުން ހުރިހާ ޕާޓީއަކާމެދު ހަމަހަމަކަމާއެކު އަމަލުކޮށް، މިނިވަން އިންސާފުވެރި އިންތިޚާބެއް ބާއްވައިދިނުމަށް ގާސިމް އިލްތިމާސްކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ