މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި

މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމަށް މިއަހަރު ނަން ހުށަހެޅުމުގެ ފުރުޞަތު، ޚާއްޞަ އިނާމާބެހޭ ކޮމިޓީން ހުޅުއްވައިލައްވައި، ޚާއްޞަ އިނާމާބެހޭ ލިޔުން، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރައްވައިފި އެވެ.
މަތީ ދަރަޖަ ހޯދާ ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ ޚާއްޞަ އިނާމު، މިއަހަރު ދެއްވުމަށް ހަމަޖެހިފައިވަނީ ފަސް ގިންތިއަކުންނެވެ.
އޭގެތެރޭގައި ހިމެނެނީ މިދަންނަވާ ގިންތިތަކެވެ.
1. ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ އެންމެމަތީ ލެވެލްގެ ސަނަދެއް (ޕީ.އެޗް.ޑީ) ހާސިލުކުރުމުގައި ފާހަގަކުރެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.
2. މަތީ ތަޢުލީމާއި ތަމްރީނު ކޯހަކުން އެންމެމަތީ ވަނަ ހޯދުން.
3. ބައިނަލްއަޤްވާމީ މައުރަޒަކުން ނުވަތަ މުބާރާތަކުން ނުވަތަ މިނޫންވެސް ބައިނަލްއަޤްވާމީ މިންކުރުމަކުން އެންމެމަތީ ވަނަ ނުވަތަ ޝަރަފު ހޯދުން.
4. ރާއްޖެއަށް ދިމާވެފައިވާ މުހިންމު މައްސަލައަކަށް ޙައްލެއް ހޯދުމުގެ ގޮތުން، އައު އީޖާދެއް ނުވަތަ އުފެއްދުމެއް އުފައްދައިގެން، ނުވަތަ ޢިލްމީ ދިރާސާއެއްކޮށްގެން،
ފާހަގަކޮށްލެވޭ ކާމިޔާބީއެއް ހާސިލުކޮށްފައިވުން.
5. ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުން.
މިގޮތުން ސަރުކާރުން ކަނޑައަޅާ ފެންވަރަކަށް މަސައްކަތެއްކުރުން ނުވަތަ އެއްޗެއް އުފެއްދުމުގެ ދާއިރާއިން މިއަހަރު ހުޅުއްވައިލެއްވީ ތިން ދާއިރާއަކުންވެ. އެތިން ދާއިރާ އަކީ
(1) ފުރާވަރުގެ ޢުމުރުގެ ކުދިންނަށް އިސްލާމީ ރިވެތި އަޚުލާޤުގެ މައްޗަށް ބިނާވެފައިވާ ޢިބްރަތްތެރި ވާހަކަ ލިޔުމުގެ މުބާރާތް. (ކަމާބެހޭ މުއައްސަސާ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)
(2) ދިވެހި ފަންނާނުންގެ ޢަރަބިލިޔުމާއި ދިވެހިލިޔުމުގެ ހުނަރުވެރިކަމުގެ ކެލިގުރަފީ މުބާރާތް. (ކަމާބެހޭ މުއައްސަސާ: މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް)
(3) ކުޑަކުދިންނަށް ދިވެހިބަހުން "ނާވިލު" ލިޔުމުގެ މުބާރާތް. (ކަމާބެހޭ މުއައްސަސާ: ދިވެހިބަހުގެ އެކެޑަމީ)
މިދެންނެވި މުބާރާތްތަކުގައި ބައިވެރިވުމުގެ ފުރުޞަތު، ކަމާބެހޭ ދާއިރާތަކުން މިހާރުވަނީ ހުޅުވާލައިފައެވެ.
ޚާއްޞަ އިނާމާބެހޭ މަޢުލޫމާތު ދެއްވައި، ހޭލުންތެރިކަން އިތުރުކުރެއްވުމަށް ޚަބަރުފަތުރާ ވަސީލަތްތައް މެދުވެރިކުރައްވައި، ޚާއްޞަ ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވުމަށް ޚާއްޞަ އިނާމާބެހޭ ކޮމިޓީން ވަނީ ނިންމަވާފައެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅުއްވައި ފޯމު ފޮނުވުމުގެ އެންމެފަހު މުއްދަތަކީ، އަންނަ އޮގަސްޓު މަހުގެ 17 ވާ ބުރާސްފަތި ދުވަހެވެ. ފޯމު ފޮނުއްވަންޖެހެނީ، ޚާއްޞަ އިނާމާބެހޭ ކޮމިޓީއަށް އެޑްރެސް ކުރައްވައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށެވެ. ޚާއްޞަ އިނާމަށް ނަން ހުށަހަޅާ ފޯމު، ރަސްމީ ގަޑީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދޫކުރައްވާނެއެވެ. އަދި އެއޮފީހުގެ ވެބްސައިޓުންވެސް ޑައުންލޯޑް ކުރެއްވޭނެއެވެ.
މިއަހަރުވެސް ޚާއްޞަ އިނާމު ދެއްވާނީ، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ