ތެލުގެ އަގު ހެޔޮކުރުމުން ކަރަންޓުގެ އަގަށް އަންނަ ބަދަލު އީދުބަންދަށްފަހު އިއުލާންކުރާނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ބުނެފިއެވެ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވީ ތެލުގެ އަގަކީ ކަރަންޓުގެ އަގަށް ބަދަލު އަންނަ އެންމެ ބޮޑު އެއް އަސާސް ކަމަށެވެ. އެހެންކަމުން ތެލުގެ އަގަށް އައި ބަދަލާއެކު ކަރަންޓުގެ އަގަށް ވެސް ހެޔޮ ބަދަލެއް އަންނާނެ ކަމަށް އޭނަ ވިދާޅުވިއެވެ. ނަމަވެސް އޭނަ ވިދާޅުވީ ކަރަންޓުގެ އަގަށް ގެންނާނެ ބަދަލު އަދި ނުނިންމާ ކަމަށާއި އެކަމުގައި ކަމާބެހޭ ފަރާތްތަކުން ދަނީ މަޝްވަރާ ކުރަމުން ކަމަށެވެ.
"ތެލުގެ އަގަށް މިއައި ބަދަލުން ހަމަ ޔަގީނުންވެސް އަޅުގަނޑުމެން ދޭ ޚިދުމަތުގެ އަގަށް ބަދަލު އަންނާނެ. އެނާޖީ މިނިސްޓްރީއާއި ކަމާބެހޭ ބޭފުޅުންނާއި ފެނަކައާއި ސްޓެލްކޯއިން މިދަނީ އެކަމާ މަޝްވަރާ ކުރަމުން. އަދި އެކަން ފައިނަލެއް ނުކުރޭ" ޝަރީފް ވިދާޅުވިއެވެ.
ޝަރީފް ވިދާޅުވީ އީދު ބަންދު ނިމުމާއެކު ކަރަންޓުގެ އަގަށް އަންނަ ބަދަލުތައް އިއުލާންކުރެވޭނެ ކަަމަށެވެ.
އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލުގެ އަގުހެޔޮކުރީ މިމަހުގެ 18 ވަނަ ދުވަހެއެވެ. އެސްޓީއޯއިން ޕެޓްރޯލް ލީޓަރެއް މިހާރު ވިއްކަނީ 8.65 ރުފިޔާއަށެވެ. އެއީ 30 ލާރީގެ ހެޔޮވުމެކެވެ. ޑީސަލް ލީޓަރެއްގެ އަގު 8.44 ރުފިޔާއަށް ހެޔޮކޮށްފައިވާއިރު އެއީ 51 ލާރީގެ ހެޔޮވުމެކެވެ.
ތެލުގެ އަގު ހެޔޮކުރީ ތެލުގެ ބާވަތްތަކުން ނަގަމުންދިޔަ ޑިއުޓީގެ މިންވަރު ފަސް ޕަސެންޓަށް ކުޑަކުރުމަށް ސަރުކާރުން ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން ފާސްވެ ގާނޫނަކަށް ވުމުންނެވެ. އޭގެ ކުރިން ޑީސަލާއި ޕެޓްރޯލްގެ ޑިއުޓީގެ ގޮތުގައި މިސަރުކާރުން ނަގަމުން ދިޔައީ 10 ޕަސަންޓެވެ. މިސަރުކާރު ވެރިކަމާ ހަވާލުވުމާ ހަމައަށް ޑީސަލާއި ޕެޓްރޯލުން އެއްވެސް ޑިއުޓީއެއް ނުނަގައެވެ.
ކަރަންޓުގެ އަގަށް އަންނަ ބަދަލު އީދު ބަންދަށްފަހު އިއުލާންކުރާނެ: ފެނަކަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ