ޝިޔާމް ދަންވަރު ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެނގިފައެއް ނުވޭ: އެމްއެންޑީއެފް

ރޭގެ ވަރަށް ލަސްވަގުތެއްގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެނގިފައި ނުވާކަމަށް ކަމަށް ގައުމީ ދިފާއީ ބާރުން ބުނެފިއެވެ.
އެ އިދާރާއިން މިހެން ބުނެފައިވަނީ ޗީފް އޮފް ޑިފެންސް ފޯސް ރޭގެ ވަގުތެއްގައި ސުޕްރީމް ކޯޓަށް ވަދެވަޑައިގެންނެވިކަމަށް ބުނެ ސޯޝަލް މީޑިއާގައި ފެތުރެމުންދާ ޚަބަރާއި ގުޅިގެންނެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ވިދާޅުވީ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ސުޕްރީމް ކޯޓަށް ވަޑައިގެންނެވިކަން އެނގިފައި ނުވާކަމަށެވެ. އިތުރު އެއްވެސް މައުލޫމާތެއް އިންފޮމޭސަން އޮފިސަރު ހިއްސާކޮށްފައެއް ނުވެއެވެ.
ވަރަށް އިތުބާރު ހުރި މަސްދަރަކުން ވީނިއުސްއަށް މައުލޫމާތު ލިބިފައިވާގޮތުގައި އަނިލް ސްޕްރީމްކޯޓަށް ވެދެވަޑައިގަތީ އޯކިޑްމަގުގައި ހުންނަ ބޮޑުދޮރާށީންނެވެ. މޭޖަރ ޖެނެރަލް ޝިޔާމް ވަދެވަޑައިގަތީ މާރުކޭޓާއި ދިމާލު ގޭޓަކުންނެވެ. މިބޭފުޅުން ކޯޓަށް ވަޑައިގަތް ސަބަބެއް އަދި ވަނީ ސާފުވާގޮތް ނުވެފައެވެ.
މިދިޔަ މާޗްމަހު މަޖިލީހުގެ ރައީސް މަސީހުގެ އިތުބާރު ނެތްކަމުގެ ވޯޓް ނެގުމުގެ އެއް ދުވަސްކުރިން ޗީޕް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަހުމަދު ޝިޔާމް ދަންވަރުގެ ވަގުތެއްގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ވެންނެވިކަމަށް ބުނާ ވާހަކަތަކެއްވެސް ވަނީ ފެތުރިގެންގޮސްފައެވެ.
އެ ވާހަކަތައް ދޮގުކޮށް އެމްއެންޑީއެފުން ވަނީ ބަޔާނެއް ނެރެފައެވެ.
އެ މިނިސްޓްރީން އެކަން ދޮގުކޮށް އެފަހަރު ނެެރެނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ކަންކަން ބެލެހެއްޓުމަކީ ގައުމީ ދިފާއީ ބާރާއި މަތިކޮށްފައިވާ ޒިންމާއެއްކަމަށާ އެހެންކަމުން ދިވެހިރާއްޖޭގެ ދިފާއީ ބާރުން ސަލާމަތީ ކަންކަން ބަލަހައްޓާ ކޮންމެ ތަނަކަށް ކޮންމެ މަރުކަޒަކަށް ޗީފް އޮފް ޑިފެންސް ބޭނުންފުޅުވެލައްވާ ކޮންމެ ވަގުތަކު ވެންނެވުމުގެ ގާނޫނީ ފުރިހަމަ އިހްތިޔާރާއި ބާރު ޗީފް އޮފް ޑިފެންސް ފޯސްއަށް ލިބިގެންވާކަމަށެވެ.
މި ބަޔާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ދިފާއީ ކަންކަން ރާވާ ހިންގުމާއި، ސިފައިންގެ ދައުރު އަދާކުރުމުގެ އެންމެހާ ކަންތައްތައް ރާވައި ދުވަހުން ދުވަހަށް ހިންގާ ބެލެހެއްޓުމުގެ އެންމެ އިސްވެރިއަކީ ޗީފް އޮފް ޑިފެންސް ފޯސްކަމުގައިވާތީއާއި ސިފައިންގެ ވާޖިބުތަކާއި މަސްއޫލިއްޔަތުތައް އަދާކުރާގޮތާއި، ސިދައިންގެ ލަޔާގަތާއި ގާބިލިއްޔަތު އިތުރުކޮށް ދެމެހެއްޓުމާއި، އެކަންތައްތައް އަދާކުރާގޮތް ބެލެހެއްޓުމާއި، ޖަވާބުދާރީވުމަށްޓަކަައި އެކުލަވާލަންޖެހޭ އުސޫލްތަކާއި ނިޒާމުތައް އެކުލަވާލުމާއި، މިކަންކަމާއި ގުޅޭގޮތުން ނެރެންޖެހޭ އަމުރުތައް ނެރުމާއި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަކީ ޗީފް އޮފް ޑިފެންސް ފޯސްގެ މަސްއޫލިއްޔަތެއްކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ