ރައީސް މައުމޫން އަބްދުލް ގައްޔޫމު ދިރިއުޅުއްވާ އެންދެރިމާގެ ބަލައި ފާސްކުރި ނަމަވެސް ފުލުހުން އެގޭގެ ކައިރީގައި އަދިވެސް ފޯރިމަރަމުން އެބަގެންދެ އެވެ.
ފުލުހުން ރައީސް މައުމޫން ދިރިއުޅުއްވާ މ. އެންދެރިމާގެ ކުރިމަތީގައި ފޯރިމަރަމުން މިދަނީ ކޯޓު އަމުރެއްގެ ދަށުން މިދިޔަ ހޮނިހިރު ދުވަހު ގިނައިރުތަކެއް ވަންދެން އެގެ ބަލައި ފާސްކުރުމަށްފަހު އެެވެ.
ހޮނިހިރު ދުވަހު އެންދެރިމާގެ ބަލައި ފާސްކޮށް ތުހުމަތުކުރެވޭ މައްސަލައިގެ އެއްވެސް ހެއްކެއް ގަރީނާއެއް އެގެއިން ފެނިފައި ނުވާކަން އެރޭ ދަންވަރު ފުލުހުން ވަނީ ގޭގެ ވެރިފަރާތައް ލިޔުމުން އަންގާފަ އެވެ. '
ފުލުހުން އެންދެރިމާގެއަށް ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައި މިވަގުތު ހުންނެވި ރައީސް މައުމޫންގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫނަށް ފުލުހުން ކުރަމުންދާ ތުހުމަތުތަކާ ގުޅޭ ހެކި ހޯދުމަށެވެ.
ފުލުހުން އެންދެރިމާގެ ބަލައި ފާސްކޮށް ނިމުމުން ވެސް އެގޭގެ ކައިރީގައި އެސްއޯ ދެ ފުލުހުން ފޯރިމަރަމުންދާ ސަބަބު ރައީސް މައުމޫންގެ އާއިލާއަށް ފުލުހުން އަންގާފައި ނުވާ ކަމަށް ބުނެ ރައީސް މައުމޫންގެ އާއިލާ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ އެންދެރިމާގެ ބަލައި ފާސްކޮށް ނިމުނު ކަމުގެ ލިޔުން ފުލުހުން ހަވާލުކުރި ފަހުން އެގެ ކައިރީގައި ދެ ފުލުހުން އަދިވެސް ތިބީ ކީއްވެތޯ ސުވާލުކުރައްވާފަ އެވެ. މީގެއިތުރުން އެންދެރިމާގޭގައި އެމްއެންޑީއެފްގެ ދެ މީހުންވެސް އަދިވެސް އެބަތިބި ކަމަށާއި ހަމަ ސެކިއުރިޓީ ވަރުގަދަކޮށް ދެނީތޯ ވެސް ޔުމްނާ ވަނީ ސުވާލު ކުރައްވާފަ އެވެ.
އެންދެރިމާގެ ކުރިމަތީގައި ފުލުހުން މިހާރު ފޯރިމަރަނީ ކީއްވެގެންތޯ ސުވާލުކުރުމުން ފުލުހުންގެ މީޑިއާ އޮފިސަރަކު މިއަދު ވީނިއުސް އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން އެގެ ކުރިމަތީގައި ފޯރިމަރަމުންދާ ކަމަށާއި މިވަގުތު އެކަމުގައި އިތުރު ވާހަކައެއް ހިއްސާކުރަން ބޭނުން ނުވާ ކަމަށެވެ.
ރައީސް މައުމޫން ދިރިއުޅުއްވާ އެންދެރިމާގެ ކައިރީގައި ފުލުހުން ފޯރިމަރަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ