ރައީސް މައުމޫން ކްރިކެޓަށް ކޮށްދެއްވި ހިދުމަތް އަގުވަޒަންކޮށްފި

ރާއްޖޭގެ ކްރިކެޓަށް ދިގު މުއްދަތަކަށް ހިދުމަތްކޮށްދެއްވާފައިވާ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ގެ ހިދުމަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިލާން ކްރިކެޓް އެކަޑަމީން އެމަނިކުފާނަށް ރަން މެޑެއްޔަކާއި ހަނދާނީ ފިލައެއް އަރުވައިފިއެވެ.
ރައީސް މައުމޫންގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެމަނިކުފާނަށް ރަން މެޑަލް ހަވާލުކޮށްދެއްވީ މިލާން ކްރިކެޓް އެކަޑަމީގެ ފައުންޑާ އަދި ރައީސް ފަރުހަތު ޖަލީލެވެ. ގައުމީ ޓީމަށް ވެސް ކުޅުއްވާފައިވާ ފަރުހަތު ވިދާޅުވީ ކްރިކެޓް ކުރިއަރުވަން އެ އެކަޑަމީން ކުރާ ރަސްމީ މަސައްކަތުގެ އިތުރުން، ކްރިކެޓަށް ބޮޑެތި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެ އަގުވަޒަންކުރުމަކީ މުހިއްމު ކަމެއް ކަމަށް ދެކޭ ކަމަށެވެ.
މި ރަސްމިއްޔާތުގައި ރައީސް މައުމޫން ވިދާޅުވީ މިއީ ވަރަށް އަގުހުރި އިނާމެއް ކަމަށް ދެކިވަޑައިގަންނަވާ ކަމަށާއި އެމަނިކުފާނަށް ކްރިކެޓަށް ކަމެއް ކޮށްދެވިފައިވާ ނަމަ އެކަމެއްގެ އަގުވަޒަންކުރަން، އަމިއްލަ ބަޔެއްގެ ހައިސިއްޔަތުން މިލާން ކްރިކެޓް އެކަޑަމީން އިނާމެއް ދިނީތީ ވަރަށް ބޮޑަށް ޝުކުރުއަދާކުރައްވާ ކަމަށެވެ.
ރައީސް މައުމޫނުގެ ދައުރުގައި އެމަނިކުފާނު ވަނީ ކްރިކެޓް ކުރިއެރުވުމަށް ގިނަ މަސައްކަތްތަކެއް ކުރައްވައިފައެވެ. މައުމޫން ދަނީ އަދިވެސް ކުޅިވަރާއި ގުޅުންހުރި ގިނަ ހަރަކާތްތަކެއް ހިންގަމުންނެވެ.
އެގޮތުން މިހާރުވެސް އިނގިރޭސި ފުޓުބޯޅަ ކުލަބް ލިވަޕޫލްއަށް ސަޕޯޓްކުރެއްވުމުގެ އިތުރުން އެ މަނިކުފާނު ދަނީ ދުނިޔޭގެ އެންމެ ފަހުގެ ކުޅިވަރު ހަބަރުތައް ގަވާއިދުން ބައްލަވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ