އިއްޔެ ކުރިއަށް ގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ އިސް ބޭފުޅުންތަކަކަށް ނާކާމިޔާބީއާ ކުރިމަތިލާން ޖެހިވަޑައިގެންފި އެވެ.
މިހާރު ހިނގަމުންދާ 18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ގިނަ މެންބަރުންނެއް އިތުރު ދައުރެއް ދިފާއު ކުރެއްވަމުން އިންތިހާބަށް ނުކުމެވަޑައިގެންނެވިއިރު، މިހާތަނަށް ލިބިފައިވާ ނަތީޖާތައް ދައްކާ ގޮތުން މީގެތެރެއިން ގިނަ މެންބަރުންނަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާންޖެހިވަޑައިގެންފައިވާ ކަން މިހާރު ވަނީ ކަށަވަރުވެފަ އެވެ.
މިގޮތުން އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަންގައި އެންމެ އިސް ސަފުގައި ހަރަކާތްތެރިވާ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީއެންސީގެ ލީޑަރު އަބްދުލްރަހީމް އަބްދުﷲ އާއި ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާނަށް ވަނީ އިންތިހާބުން ނާކާމިޔާބުވެވަޑައިގެންފަ އެވެ.
ޕީޕީއެމްގެ ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރުކަން ވެސް ކުރައްވާ އަހުމަދު ނިހާން މި އިންތިހާބުގައި ވާދަކުރެއްވީ އޭނާގެ އުފަން ރަށް، ތިނަދޫ ދެކުނު ދާއިރާއަށެވެ. ތިނަދޫ ދެކުނު ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަބްދުﷲ ސަނީފެވެ. އަބްދުއްރަހީމް އަބްދުﷲ މި އިންތިހާބުގައި ވެސް ވާދަކުރެއްވީ އޭނާ މިހާރު ތަމްސީލު ކުރައްވާ ފޮނަދޫ ދާއިރާއަށެވެ. ފޮނަދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަދި މަޝްހޫރު ގާނޫނީ ވަކީލު މޫސާ ސިރާޖެވެ.
ވިލިމާލެ ދައިރާއަށް ވާދަކުރެއްވި ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް އަދި ކުރީގެ ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދަށް ވެސް އިންތިހާބު ކާމިޔާބު ކުރެވޭ ގޮތް ވަނީ ނުވެފަ އެވެ. ވިލިމާލެ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އަމިއްލަ ގޮތުން ވާދަކުރެއްވި ކުރީގެ ޑެޕިއުޓީ އެޓާނީ ޖެނަރަލް އަހުމަދު އުޝާމެވެ.
ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާއު ވެސް އިންތިހާބުގައި ނާކާމިޔާބުވެވަޑައިގެންފައިވާއިރު، ބާރަށު ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އަހުމަދު އަބްދުﷲ އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު އަދި ގާނޫނީ ވަކީލު މުހައްމަދު ނަޝީދު ވެސް އިންތިހާބުގައި ބަލިވެވަޑައިގެންނެވިއިރު، އެ ދާއިރާ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު ޖަމްޝީދު މުހައްމަދެވެ.
ކުރީގެ ފިޝަރީޒް މިނިސްޓަރު މުހައްމަދު ޝައިނީއާއި ފޭދޫ ދާއިރާގެ ކުރީގެ މެންބަރު އަލްހާން ފަހުމީއަށް ވެސް ވަނީ ހެންވޭރު އުތުރު ދާއިރާގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެފަ އެވެ. މި ދާއިރާ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް އިބްރާހިމް މުއިއްޒެވެ.
ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދަރިކަލުން އަދި ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން މި އިންތިހާބުގައި މައްޗަންގޯޅި އުތުރު ދާއިރާއަށް ވާދަކުރެއްވިއިރު، އެ ދާއިރާ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރަޝީދު އެވެ. ނަމަވެސް މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ވަނީ ތ. ގުރައިދޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރައްވާފަ އެވެ. ޣައްސާން އިންތިހާބުގައި ވާދަކުރެއްވީ މައުމޫނާ އިދިކޮޅު ޕީޕީއެމްގެ ކެންޑިޑޭޓުގެ ގޮތުގައި އިންތިހާބުގައި ވާދަކުރައްވައިގެންނެވެ.
ރައްޔިތުންގެ މަޖިލީހުގައި އަދާލަތު ޕާޓީ ތަމްސީލު ކުރައްވާ ހަމައެކަނި މެންބަރު އަނާރާ ނައީމަށް ވެސް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވިއިރު، މަކުނުދޫ ދާއިރާ ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާއީ އެވެ. ތޮއްޑޫ ދާއިރާގެ މެންބަރު އިބްރާހިމް ހަސަން (އެވިލާ) އަށް ވެސް ވަނީ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ. ތޮއްޑޫ ދާއިރާގެ އިންތިހާބު ކާމިޔާބު ކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓް ހަސަން ޝިޔާން އެވެ.
މީގެއިތުރުން ވިލުފުށި ދާއިރާގެ މެންބަރު ރިޔާޒު ރަޝީދާއި، ދަނގެތި ދާއިރާގެ މެންބަރު އިލްހާމް އަހްމަދާއި ކަނޑިތީމު ދާއިރާގެ މެންބަރު މުހައްމަދު ހުސައިނަށް ވެސް ވަނީ މި އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންފަ އެވެ.
ސިޔާސީ ދާއިރާގައި ފުންނާބު އުސް ގިނަ ފަރާތްތަކަށް އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިލާން ޖެހުނު ނަމަވެސް ބައެއް އިސް ފަރާތްތައް އިންތިހާބު ކާމިޔާބު ކޮށްފައިވާކަން ވެސް ފާހަގަކޮށްލެވެ އެވެ. މީގެ ތެރޭގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ އިތުރުން ބައެއް އެމްޑީޕީގެ މަޖިލިސް މެންބަރުން ހިމެނިވަޑައިގަންނަވަ އެވެ.
އިންތިހާބުގައި ނަތީޖާތައް މިހާތަނަށް ދައްކާ ގޮތުން ގިނަ ދާއިރާތަކުގައި ކުރީގައި އުޅެނީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ސިޔާސީ ދާއިރާގެ އިސް އެތައް ބަޔަކަށް އިންތިހާބުގައި ނާކާމިޔާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ